ޢަމަލުކުރުމުގަ ދެމިހުރެއްޖެ މީހާ އިން ޝާ ﷲ ސުވަރުގެ ވައްދަވާނެ 2 ޢަމަލު: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ޢަމަލުކުރުމުގަ ދެމިހުރެއްޖެ މީހާ އިން ޝާ ﷲ ސުވަރުގެ ވައްދަވާނެ 2 ޢަމަލު: މުފްތީ މެންކް

ޤިޔާމަތް ދުވަސް ނުއަންނާނެކަމަށާއި ސުވަރުގެ އާއި ނަރަކަވެސް ނުވާކަމަށް ބުނާބައަކު އެބައުޅެއެވެ. އެފަދަ މީހުން އުޅޭނެކަން ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވައިފައެވެ. އެފަދަ މީހުން ޤިޔާމަތް ދުވަހު ބުނާނެ ބަސްތައްވެސް ވަނީ ވަޙީކުރައްވަވައިފައެވެ.

މިއަދު ދުނިޔޭގައި ހުރެ ޝައިޠޯނާގެ އަޅަކަށްވެ ކޮންމެ ގޮތަކަށްވެސް ވާހަކަދެއްކިދާނެއެވެ. ނަމަވެސް އެއްވެސް މީހަކު އިސްތިސްނާވުމެއް ނެތި ކޮންމެ މީހަކީވެސް ސުވަރުގެ ވަންނަން ބޭނުންވާނެ މީހެކެވެ! މިބުނަނީ ދުނިޔެ ފެށުނީންސުރެ މަޙްޝަރު ދުވަހާއި ހަމައަށް ހިނގާ ހުރިހާ، އަހަރުތަކުގައި، ފާއިތުވެގެންދާ ހުރިހާ ޒަމާންތަކެއްގައި ދުނިޔޭގައި އުޅުނު މީހުންނާއި އުޅޭނެ އެންމެންގެވާހަކައެވެ.

އެމީހެއްގެ ހިތަށް ޝައިޠޯނާ ވެރިވެގަނެފައިވާވަރުން ސުވަރުގެ އާއި ނަރަކަވާކަމާއި ޤިޔާމަތް ދުވަސް އަންނާނެކަން ޤަބޫލުނުކުރާ އެންމެންނަކީވެސް ސުވަރުގެ ވަންނަން ބޭނުންވާނެ މީހުންނެވެ. ސުވަރުގެ ވައްދަވައި ދެއްވެވުން އެދި ރޮއި އާދޭސްކުރާނެ މީހުންނެވެ!

މިހައި ޔަޤީންކަމާއިއެކު މިހެން މިބުނަނީ މަޙްޝަރުގެ މައިދާނުގައި ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް އާރެއް ބާރެއް ނެތި ނިކަމެތިކަމާއިއެކު ހުއްޓި ހުންނަން ނުޖެހޭނެ ހަމަ އެކަވެސް ނުހުންނާނެތީއެވެ! އެއިން ކޮންމެ މީހަކީވެސް ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަންނަން އެދޭނެ މީހަކަށްވާނެތީއެވެ! ދެވަނަ ފުރުޞަތަކަށް އެދި އާދޭސް ދަންނަވާނެ މީހުން ކަމުގައިވާނެތީއެވެ!

އަދި ކީއްހެއްޔެވެ! ޤިޔާމަތް ދުވަހު ޖަނަވާރުތައް ބިމު ހުރި ވެއްޔަށް ހައްދަވައިލައްވާތަން ފެނިގެންދާނެއެވެ. އެތަން ފެނުމުން ތިމާމެންނަކީ ނަރަކައަށް ވަންނަން ޖެހޭނެ މީހުންކަން އެނގޭ މީހުން، އެމީހުންނާއިމެދު އެފަދައިން ޢަމަލުކޮށްދެއްވަވައި ބިމުގައި ހުރި ވެއްޔަށް ހައްދަވައި ދެއްވެވުމަށްވެސް އެދޭނެއެވެ. މިއަދު ކިބުރުވެރިވެ، ބޮޑާވެ ﷲ ތަޢާލާއަށް އުރެދޭ މީހުންގެ އެދުވަހުގެ ޙާލަކީ އެއީއެވެ.

ހިތާމައަކީ ދުނިޔޭގައި އެ އާދޭސް ނުދަންނަވައި ޤިޔާމަތް ދުވަހު އެ އާދޭސް ދެންނެވި ނަމަވެސް އެކަން ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ ކަމެވެ. ވީމާ މީސްތަކުންނަށް މިބުނެދެނީ އެ ނިކަމެތި ޙާލަތުން ސަލާމަތްވެ ސުވަރުގެ ވަނުމަށް އެދޭ މީހާ ކުރަން އޮތް އެންމެ 2 ކަމެކެވެ. މި 2 ކަންތަކުގައި އެމީހަކު ސާބިތުވެހުރެއްޖެ ނަމަ ﷲ ތަޢާލާ އެމީހަކަށް ސުވަރުގެ ދެއްވަވާނެތެވެ! އިން ޝާ ﷲ

އެ ދެ ކަމަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ބިރުވެތިވުމާއި އެހެން މީހުންނަށް ހެޔޮކޮށް ހިތުމެވެ. ވީމާ ސުވަރުގެ އެދޭ މީހާ އެ 2 ކަމުގައި ސާބިތުވާށެވެ! އެމީހަކަށް ސުވަރުގެ ދެއްވަވާނެތެވެ! އިން ޝާ ﷲ

--މުފްތީ މެންކްގެ ދަރުސަކުން

 

މިއަދު އޮންލައިން