ނަމާދުކުރާ ބައެއް މީހުންވެސް ދުޢާކުރުމަކީ ވަރަށް ބޮޑުކަމެއް ދެކެ އެކަން ބުރަކަމަކަށް ހަދައެއްވެ! ނަމަވެސް އެއިގެ އަސްލަށް ބަލައިފިނަމަ އެއީ އެހައި ބުރަކަމެއް ނޫނެވެ! ސަމާލުކަންދޭންވީ ދުޢާއެއް ކީނަމަވެސް މާނަ ހިތްމައްޗަށް ގެނެސްގެން ދުޢާކުރުމަށެވެ. ތިމާ ބޭނުންވާ ޢިބާރާތަކުން ދުޢާކުރިނަމަވެސް ކުރާ ދުޢާ ހިތްމައްޗަށް ގެނައުމަށެވެ. ހިތުން އެކަމަށް އެދި ދެންނެވުމަށެވެ.
މިސާލަކަށް ބުނާނަމަ ކައިވެނިނުކޮށް ހުރި މީހަކު އޭނާއަށް ހެޔޮ ލަފާ ޞާލިޙް ދަރިން ދެއްވެވުމަށް އެދި ދުޢާކުރަން ބިރުގަނެފާނެއެވެ. އެއީ ކައިވެނި ނުކޮށް ހުރުމުންނެވެ. ނަމަވެސް ޙަޤީޤަތަކީ ހެޔޮ ލަފާ ޞާލިޙް ދަރިން ދެއްވވުމަށް އެދި ދުޢާކުރުމުން އެދުޢާގައި ހެޔޮލަފާ ބައިވެރިއަކު ދެއްވެވުން ހިމެނޭ ކެމެވެ. އަދި އެއެދެވެނީ ކައިވެނިކުރެވުނު ދުވަހަކުން ހެޔޮލަފާ ދަރިން ދެއްވެވުމަށެވެ. ވީމާ ކައިވެނި އަދި ނުކުރެވި މީހަކުވެސް އެމީހަކަށް ހެޔޮލަފާ ޞާލިޙް ދަރިން ދެއްވެވުމަށް އެދިގެން ހަމަ ދުޢާކުރަންވީއެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
"އޭ އާދަމްގެ ދަރިޔާއެވެ! ތައުބާވާށެވެ! ތިބާއަށް ކުރެވިފައިވާ ފާފަތަކުގެ އަދަދު ގިނަ ކަމުން އުޑާއިބިމާއި ދެމެދު ފުރައިލެވޭވަރުވީ ނަމަވެސް ތިމަން ﷲ ގެ ޙަޟްރަތުގައި އެދުމުން ހުރިހާ ފާފަތަކެއް އެކުގައި ފާފަތައް ފުއްސަވައި ދެއްވަވާހުށީމެވެ! އެއީ ތިމަން ﷲ އަށް އެއްވެސް ބޮޑުކަމެއް ނޫނެވެ!"
ދެން ބަލައިލަންވީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިފުޅުވެވޮޑިގަންނަވާ 2 ސިފައަށެވެ. ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވަނީ އެދެ ސިފަ ގިނަގިނައިން ހަނދާންވާނެ ގޮތެވެ! އެންމެ ގިނައިން ކިޔަވާ ބިސްމިގައި އެވަނީ "އައްރަޙްމާން އަދި އައްރަޙީމް" އެވެ. އެންމެ ދީލަތިވަންތަ އެންމެ އޯގާތެރިވަންތަ އެވެ.
ނިކަން ވިސްނައިލަބލާށެވެ! ﷲ ތަޢާލާގެ ރަޙްމަތަށް ނުއެދި ކާފިރުވެގެން ތިބި މީހުންނަށްވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި އޯގާތެރިވަންތަކަން އިންތިހާއެވެ! އެމީހުންނަށް ބޭނުންވާ ނިޢްމަތްތައްވެސް ފޯރުކޮށްދެއްވަވައެވެ. ވީއިރު ﷲ ތައާލާއަށް އިމާންވެ ވަކީލްކޮށްގެން ތިބޭ އަޅުންނަށް ދީލަތިވަންތަވެވޮޑިގަންނަވާނެ މިންވަރު ނިކަން ދެކި ބަލާށެވެ!
ބުނަން ބޭނުންވަނީ ދުޢާކުރުމަކީ އެއްވެސް ބުރަކަމަކަށް ނުހަދާށެވެ! ދުޢާކުރުން ގިނަކުރާށެވެ! ދުޢާކުރުމުގައި އިޚްލާޞްތެރިވާށެވެ! އެއިރުން ﷲ ތައާލާ އެމީހަކަށް ރަޙްމަތް ލައްވަވާނެ ގޮތް ޚިޔާލަށްވެސް ގެންނަން ނުއެނގޭނެއެވެ!
ދުނިޔޭގެ އެންމެން ތިބާ ދޫކޮށްލައި ތިބާ ޢާއި ވަކިވެދާނެއެވެ! ތިބާ ނިކަމެތިކޮށްލައި އިތުރަށް ނިކަމެތިކުރަންވެސް މަސައްކަތްކޮށްފާނެއެވެ! ނަމަވެސް ﷲ ތަޢާލާ ތިބާ ދޫކޮށެއް ނުލައްވަވާނެތެވެ! އެކަން އެނގެނީ ﷲ ތަޢާލާގެ ވަހީ ބަސްފުޅުންނެވެ!
--މުފްތީ މެންކްގެ ދަރުސަކުން