ތިމާއަކީ މުސްލިމަކު ކަމުގައިވާނަމަ ޔަޤީންކުރަންޖެހޭނެ އެއްކަމަކީ ކޮންމެ އިންސާނަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ އެމީހަކު ދުނިޔެއަށް އުފަންވާން ބޭނުންވާ ސިފައިގައި ނޫންކަމެވެ. ދަތްޕިލަ ހުންނަ ގޮތާ، ގައިގެ ކުލައާ އިސްކޮޅާ އަދި މިނޫންވެސް ބޭރުފުށުގެ ސިފަތައް ދެއްވަވަނީ ﷲ ތަޢާލާ ކަމެވެ.
އަދި ކީއްހެއްޔެވެ؟ އެމީހަކު ބޭނުންވާ ނަސްލަކުން އުފަންވެވުނު މީހަކުވެސް ނުހުންނާނެއެވެ. ބޭނުންވާ ޤައުމަކަށް އުފަންވާނަމަ ފަޤީރު ޤައުމަކަށް އުފަންވާން ބޭނުންވާނީ ކާކުހެއްޔެވެ؟ އެކަމަކު ދުނިޔޭގައި އެންމެ އާބާދީ ބޮޑީ އެންމެ ފަޤީރު ޤައުމުތަކުގައި ނޫންހެއްޔެވެ؟
ދެން އޮތީ މީހުންގެ ދަރަޖައެވެ. ދަރަޖަ މަތިވެރިވެގެންދާ ގޮތެވެ. އެކަމަށް ވިސްނާނަމަ އެންމެ ފުރަތަމަވެސް ބުނަން މިޖެހެނީ އެފްރިކާފަދަ ޤައުމުތަކަށް ނިޞްބަތްވެ ގައިގެ ކުލަ ކަޅުވުމުން އެއީ މާދަށުދަރަޖައިގެ ބައަކު ކަމަށް ދެކޭ މީހުން މިޒަމާނުގައިވެސް ވަރަށް ގިނައިރު ނިކަން ބުނެބަލާށެވެ! ކަޢުބަތުﷲ ގެފުޅަގައާއި މަސްޖިދުއްނަބަވީގައި އަދި މަސްޖިދުލްއަޤްޞާގައި (3 ހަރަމަފުޅުގައިވެސް) ބަންގިގޮވުމުގެ ޝަރަފް ލިބިވަޑައިގެންނެވި ބިލާލްގެފާނަކީ ތިއަ ދަށްކުރާ ކަޅު ބަބުރެއް ނޫން ހެއްޔެވެ؟ މިބިންމަތީގައި ފުރަތަމަ ފަހަރަށް ބަންގީގެ އަޑު އިއްވުމުގެ ޝަރަފް ރަސޫލް ﷺ ދެއްވެވީ ބިލާލްގެފާނަށް ނޫންހެއްޔެވެ؟
ރަނގަޅަށް އަޑުއަހާށެވެ! "އެއްވެސް މީހެއްގެ ގައިގެ ކުލަ އާއިމެދު ތިބާ ކަންބޮޑުވާނަމަ ނުވަތަ ހިތްހަމަނުޖެހޭނަމަ އެ ޝަކުވާ ކުރެވެނީ ތިބާ ވެސް އުފެއްދެވި "ރައްބުލްޢާލްމީން" ﷲ ތަޢާލާއަށެވެ! އެންމެހައި މީސްތަކުން އުފެއްދެވީ ﷲ ތަޢާލާއެވެ. ތަފާތު ކުލަކުލައިގައި، ތަފާތު ސިފަތަކުގައި މީހުން ލެއްވެވީ ވެސް ހަމަ ﷲ ތަޢާލާއެވެ.
ވަކިކުލައެއްގައި ހުރުމަކުން އެއްވެސް މީހަކަށް ލިބޭ އެއްވެސް ޚާއްޞަ ކަމެއް ނެތެވެ. އެއްވެސް މީހެއްގެ ގައިގެ ކުލައަށް ބަލައި އެއްވެސް މީހަކީ މަތިވެރިމީހެއްކަމަށް ނުދެކޭށެވެ! މޮޅު މީހެއް ކަމަށްވެސް ނުދެކޭށެވެ! ﷲ ތަޢާލާ މީސްތަކުން އުފެއްދެވީ އެއް ދަރަޖައެއްގައެވެ. އެންމެންނާއިމެދު ވެސް ހެޔޮކޮށް ހިތާށެވެ! ހެޔޮކޮށް ކަންކަން ކުރާށެވެ!"
- މުފްތީ މެންކް
ދުނިޔޭގައި ނަސްލީ އިމްތިޔާޒް ނެތްކަމަށް ބުނަމުން ދިއަ ނަމަވެސް އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްގެން ތިބި ނަމަވެސް އެމެރިކާ އާއި އިނގިރޭސި ވިލާތް ކެނެޑާ އަދި މިނޫންވެސް ވަރަށް ގިނަ ޤައުމުތަކުން އަދިވެސް ފެންނަމުން އަންނަނީ ގައިގެ ކުލަ ދޮން މީހުންނަކީ މާ މާތް ބައަކަށް ފަދައި ކަޅު މީހުންނަކީ އަޅުންކަމުގައި ހަދައިގެން ޢަމަލުކުރެވޭ ތަނެވެ.
އެންމެ ބޮޑަށް ބިރުގަންނަން ޖެހޭ ކަމަކީ މިފަދަ ޤައުމުތަކުން އެހެން ޤައުމުތަކަށް ގޮސް ނަސްލީ އިމްތިޔާޒް ނުބޭއްވުމަށާއި ޑިމޮކްރަސީ ޤާއިމުކުރަން ޖެހޭނެ ކަމަށް ބުނެ ފިލާވަޅުތައް ނަގައިދީ ކޯސްތައްވެސް ހިންގާ ކަމެވެ.
މުސްލިމުން މިއަދު ސަމާލުކަންދީ ހޭލުންތެރިވާންވީ މިފަދަ ކަންކަމަށެވެ! އަހަރެމެންނަށް މަތިވެރިކަން ލިބުންވަނީ ތަޤްވާވެރިކަން އިތުރުކުރި މިންވަރަކުންކަން އެނގެން އޮތުމުން މަތިވެރިވާން ބޭނުން މީހާ ބަލަންވީ ގައިގެ ކުލައަކަށް ނޫނެވެ. ތަޤްވާވެރިވުމަށެވެ! ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތް ކުރުމަށެވެ!