ކައިވެނިނުކޮށް ލޯބިވެގެން އުޅުން ޝައިޠޯނާ ޒީނަތްކުރިވަރުން ގިނަ ބައަކަށް މިއަދު މިވަނީ ލޯބިވެގެން އުޅެވޭނަމަ ފުދުނީކަމަށް ނިންމިފައެވެ. ކައިވެނިކުރުމާއިމެދު ދެކެނީ އެއީ މިހެން އުޅެމުންގޮސް ކޮންމެވެސް ދުވަހަކުން ކުރަން އޮތް ކަމެއް ކަމަށެވެ.
މައްސަލައަކީ ލޯބިވެގެން އުޅުމުގައި ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރެވޭކަމެވެ. ޢާޚިރަތް ނަގައިލެވޭކަމެވެ. ލޯބިވެރިޔާއަށްޓަކައި ތިމާގެ އާޚިރަތް ނަގައިލާފަހުން ކޮޅުކެހިދީފައި ފިލާ މީހުން ގިނަވަމުން އަންނައިރުވެސްމެއެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
"އަދި ނަފްސާއި، އެ ނަފްސް ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ."
"ފަހެ، އެކަލާނގެ އެ ނަފްސަށް (ގެއްލުންހުރި) ނުބައިގޮތާއި (ފައިދާހުރި) ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވިއެވެ."
"އެ ނަފްސް ޠޯހިރު ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ."
"އަދި އެ ނަފްސަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ."
- އައްޝަމްސް: 7،8،9،10)
ނަފްސް ޠޯހިރުކުރުމަކީ ހަށިގަނޑުގެ ބޭރުފުށް ރީތިކުރުމެއް ނޫނެވެ. ފާފަ ނުކުރުމެވެ. ފާފަތަކުން ދުރުހެލިވެގެންހުރުމެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެންމެހައި ކަންކަމުން ދުރުހެލިވެހުރުމެވެ.
މިހާރަކަށް އައިސް ދީނުގެ ކަންކަމަށް ގިނަ ބައަކަށް ސަމާލުކަންދެވޭވަރު ކުޑަވެ ކައިވެނިނުކޮށް ލޯބިވެގެން އުޅުމުގެ ނަމުގައި ދެމީހުން ގުޅި، އެގުޅުމުގެ ތެރެއިން އިސްލާމް ދީނުގައި ޙަރާމްކުރައްވާފައިވާ ކަންކަން ވެސް އެބަކުރެވެއެވެ. ކައިވެނީގެ ބޭރުން ދެމީހުން ގުޅުން ހިންގުމުން އެކުރެވެނީ ބޮޑުވެގެންވާ ޙަރާމްކަމެއް ނަމަވެސް އެކަންވެސް އެބަކުރެވެއެވެ.
އެފަދަ ކަންކަމަށް ޢާދަވުމުން ހުއްޓައިލުމަކީ ކުޑކަމެއް ނޫނެވެ. އެއީ އެހާފަސޭހައިން ކުރެވޭނެ ކަމެއްވެސް ނޫނެވެ. ނަމަވެސް އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެހެންވެ ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އެފަދަ ޢަމަލެއް ކުރެވޭ މީހަކު އެކަންކުރުން ހުއްޓައިލުމަކީ އަމިއްލަ ނަފްސުގެ އެދުންތަކާއި ދެކޮޅަށް ކުރެވޭ މަތިވެރިޖިހާދެއް ފަދަކަމެކެވެ.
ލޯބިވެގެން ގުޅުން ހިންގަމުންދިއަ މީހަކު އެކަން ހުއްޓައިލުމަކީވެސް މަތިވެރި ޖިހާދެއް ފަދަ ކަމެކެވެ! އެހެނީ އެކަން އޭނާއަށް ކުރެވޭނީ ﷲ ތަޢާލާއަށް ބިރުވެތިވެވިގެންނެވެ. ހަވާނަފްސްގެ އެދުންތަކާއި ދުރުހެލިވެ ހުރެވިގެންނެވެ. ވީމާ އެއީ ކުޑަކަމެއް ނޫނެވެ. އެހެންކަމާއިއެކުވެސް ފާފަތަކުން ސަލާމަތްވެހުރެއްޖެ މީހާ އެހޯދަނީ އެންމެ ބޮޑު ކާމިޔާބީއެވެ. "އަދި އެމީހާގެ ވެރިރަސްކަލާނގެ ޙަމްރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ ނަފްސް އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ!"
"ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ."
(އަންނާޒިއާ: 40،41)
އިމާމް އަޙްމދުގެ އަރިއަހުން ރިވާވެގެންވާ ޙަދީޘްފުޅެއްގައި ވެއެވެ.
The one who strives in the way of Allah the Exalted is he who strives against his soul.
Source: Musnad Ahmad 23445, Grade: Sahih
މި ހަދީޘްފުޅުން އެނގިގެންދަނީ ﷲ ތަޢަލާގެ މަގުގައި ސާބިތުވުމަށް ގަދައަޅައި މަސައްކަތްކުރަންޖެހޭ މިންވަރެވެ. ވީމާ ލޯބިވެއްޖެނަމަ އަވަހަށް ކައިވެނިކުރާށެވެ. ކައިވެނީގެ ބޭރުން ގުޅުންތައް ނުހިންގާށެވެ. ފާފަތައް ނުކުރާށެވެ. މިހާރު އެފަދަ ކުރެވޭނަމަވެސް އަވަހަށް ތައުބާވާށެވެ. ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރާ މީހަކަށްވާން މަސައްކަތްކުރާށެވެ.
އިބްރާހީމް އިބްން އަދްހަމް (ރޢ) ވިދާޅުވެފައިވެއެވެ.:
Abu Na’eem reported: Ibrahim ibn Adham, may Allah have mercy on him, said:
أَشَدُّ الْجِهَادِ جِهَادُ الْهَوَى مَنْ مَنَعَ نَفْسَهُ هَوَاهَا فَقَدِ اسْتَرَاحَ مِنَ الدُّنْيَا وَبَلَائِهَا وَكَانَ مَحْفُوظًا وَمُعَافًى مِنْ أَذَاهَا
The most difficult jihad is the struggle against desire. Whoever can prevent himself from his desires will be relieved from the world and its trials, and he will be protected and safe from its harms.
Source: Hilyat Al-Awliya 18
އެކުލެވިގެންވާ މާނައީ: އެންމެ މަތިވެރިޖިހާދަކީ އެމީހާގެ ނަފްސް އެދޭ ކަންކަން ނުކޮށް ހުރުމަށް ކުރާ މަސައްކަތެވެ. އެކަމުގައި ކާމިޔާބު ހޯދައިފިމީހާ ދެދުނިޔެ ކާމިޔާބުކޮށްފިއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން