ކުރިއެރުން އެކިމީހުން މާނަކުރާނީ އެކި ގޮތަށެވެ. އެކަމަކު ޙަޤީޤީ ކުރިއެރުމަކީ ދުނިޔޭގައިވެސް ހަަމޖެހުމާއި އުފާވެރިކަން ލިބި އަދި އާޚިރަތް ޙާޞިލުކުރެވޭނެ މަގުން ކަންކަން ކާމިޔާބުކުރެވުމެވެ. މުޅި ދިރިއުޅުން އެގޮތަށް މެދުވެރިވުމެވެ.
ކޮންމެ މީހަކީވެސް އެމީހެއްގެ ދިރިއުޅުމަށް ކުރިއެރުން ބޭނުންވާނެ މީހެކެވެ. އެންމެންވެސް މަސައްކަތްކުރާނީ އެދިގެންނެވެ. ނަމަވެސް ތަފާތުވަނީ ކުރެވޭ ގޮތެވެ! ދުވަސް ފެށޭ ގޮތެވެ! މިބުނީ ދުވަހުގެ މަސައްކަތްތަކަށް ފަށައިގަންނަ ގޮތުގެ ވާހަކައެވެ. ދުވަހު ކުރެވޭ ކަންކަމެވެ.
ވީމާ ޙަޔާތަށް ކުރިއެރުން މީހާ ގޮތަށް ނިކަން ޢަމަލުކޮށްލަބަލާށެވެ!
ފުރަތަމަ ކަމަކަށް އަވަސް އަރުވާލައިގެން ތެޅިފޮޅެނުގަނެ ފަތިސް ނަމާދަށް ދެވޭހައި ވަގުތު އޮއްވައި ނިދީން ހޭލައިގެން މިސްކިތަށްދާށެވެ. ނިދިން ހޭލެވުމާއިއެކު ޛިކުރު ކުރަން ހަނދާން ބަހައްޓާށެވެ. އެއަށްފަހު ފެންވަރައި ރީތިވެ ނަލަހެދިގެން މިސްކިތަށްދާށެވެ.
ދުވަސް ފެށުމަށް ތިބާ ފުރަތަމަ ކުރާ ކަމަކީ ﷲ ތަޢާލާއަށް ސަޖިދަކުރުން ކަމަށް ހަދާށެވެ. މާނައަކީ ވަގުތު އޮތްނަމަ މަސްޖިދު ސުންނަތުގެ ދެ ރަކައަތް ކުރުމެވެ. ފަތިސް ނަމާދުގެ އިހު ސުންނަތުގެ 2 ރަކްޢަތްކުރުމެވެ. ފަތިސް ނަމާދުކުރުމެވެ. (ނިދުމުގެ ކުރިން ތަހައްޖުދު ނަމާދު ނުކުރެވި އޮތް ނަމަ ފަތިސް ނުމުގެ ކުރިން ތަހައްޖުދު ވެސް ކުރާށެވެ!)
އެއަށްފަހު މިސްކިތުގައި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ކީރިތި ޤްރްއާނުން މިންވަރެއް ކިޔަވައިލުމަށެވެ. ހެނދުނުގެ ޛިކުރުތައް ކިޔައިލުމަށެވެ. އެއަށްފަހު އިރުއެރުމުގެ ކުރިން މި ޛިކުރު 3 ފަހަރު ކިޔައިލާށެވެ. އެއިރުން ތިބާ މެންދުރާއި ހަމައަށް ﷲ ތަޢާލާއަށް ޛިކުރު ކުރި ފަދަ ކަމަށް ޙަދީޘުން އެނގެން އެބައޮތެވެ.
سُبْحـانَ اللهِ وَبِحَمْـدِهِ عَدَدَ خَلْـقِه ، وَرِضـا نَفْسِـه ، وَزِنَـةَ عَـرْشِـه ، وَمِـدادَ كَلِمـاتِـه
ދެން މަގުމަތީގައާއި ހޮޓާ، ކެފޭތަކުގައި ވަގުތު ހޭދަނުކޮށް ގެއަށް ގޮސް އަނބިދަރިންނާއި ޢާއިލާ ޢާއިއެކު ސައިބޮއި ހަދައިގެން ދިރިއުޅެން ކުރާ މަސައްކަތަށް އަވަހަށް ފަށައިގަންނާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދެމުންނެވެ! ކާމިޔާބީއަށް އެދެމުންނެވެ.
ރަނގަޅަށް ވިސްނާށެވެ. މަސައްކަތް މިކުރަނީ ކީއްކުރަން ހެއްޔެވެ؟ ރަގަޅު ފެންވަރުގެ ގެދޮރު އެޅުމަށާއި ދުނިޔަވީ ބޭނުންތައް ފުއްދަން ނޫން ހެއްޔެވެ؟ މިދުނިޔޭގައި ތިބާ އަޅާ ފެންވަރު ރަނގަޅު ގެއިން މަރުވުމާއެކު ބޭރުކޮށްލެވޭނެއެވެ. އެދުވަހުން ވަންނާނެ ފެންވަރު ރަނގަޅު ގެ ވެގެންދާނީ ތިބާ އެގެއަކުން ނުނުކުންނާނެ ދާއިމީ ގެއަށެވެ. ވީމާ އެ ގެ ލިބޭނީ ފުރަތަމަ މިބުނި މަސައްކަތްތަކުން ދުވަސް ފަށައި އަދި އެގޮތުގައި ދުވަސް ނިންމުމުންނެވެ. އެގޮތުގައި ދުވަސް ހޭދަކުރާ މީހުންނަށެވެ.
މި ބުނި ގޮތަށް ދުވަސް ފެށުމުން ތިބާއަށް އެ ދަތުރުކުރެވެނީ ނިޢްމަތްތަކުން ފުރިގެންވާ ސުވަރުގެއާއި ދިމާއަށެވެ. ވީމާ ކިތަންމެ މަސައްކަތް ބުރަ ނަމަވެސް ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާށެވެ! އެންމެ ކުޑަމިނުން ރަވާތިބު ސުންނަތްތައް ކުރަމުން ގެންދާށެވެ!
ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަންކަންކޮށް ދުވަސް ނިދުމަށްފަހު ހިތްވަރުކޮށްފައި ފަތިސް ވުމުގެ ގަޑި ދެ ގަޑިއިރު ކުރިން ހޭލައި ތަހައްޖުދު ނަމާދު ކޮށްފިނަމަ އެދަތުރުކުރެވެނީ މާމަތީ ހަރުފަތަކަށެވެ. ސުވަރުގޭގެ މާމަތީ ދަރަޖައަކަށެވެ. އެވަގުތަކީ އެންމެ ތިރީ އުޑަށް ﷲ ތަޢާލާ ވޮޑިގެންވާ ވަގުތެވެ! މީސްތަކުން ކަންކަމަށް އެދި ކުރާ ދުޢާ ޢިޖާބަ ކުރައްވަވައިދެއްވެވުމަށް ޚާއްޞަ ވަގުތެކެވެ. އެވަގުތުގައި އިޚްލާޞްތެރިކަމާއިއެކު ކުރާ ދުޢާ ޢިޖާބަކުރައްވަވާނެ ވަގުތެވެ! އިން ޝާ ﷲ
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަޖުމަ ބަލައިލަން ނަމަވެސް މި ބުނެދިން ގޮތަށް ދުވަސް ފަށައި އަމަލުތައް ކުރަންފަށައިބަލާށެވެ! ﷲ ތަޢާލާގެ ވާގިފުޅާއިއެކު ކުރިއެރުންތައް ލިބެން ފަށާނެއެވެ. ނަތީޖާ ފެންނަން ފަށާނެއެވެ. ނުފެނުނު ނަމަ އެކަން އަންގައިލަ ބަލާށެވެ. މިހައި ތަނަށް އިޚްލާޞްތެރިކަމާއިއެކު މިބުނި ގޮތަށް އަމަލުކުރި އެންމެންވެސް ބުނެފައިވަނީ ނަތީޖާ ރަނގަޅު ގޮތުގައި ފެނުނު ކަމަށެވެ. އެކަމުން އެނގެނީ މިދުނިޔޭގައިވެސް ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވުމުން އެކަމުގެ ފައިދާ ފެންނަމުންދާ ކަމެވެ.
--މުފްތީ މެންކުގެ ދަރުސަކުން