އަހުރެމެންގެ ލޯތަކަށް ނުފެނުނު ކަމުގައިވިޔަސް އަހުރެމެންނަށް އުޅެންޖެހިފައި މިވަނީ ރޯވެ އަނދަމުންދާ އަލިފާންގަނޑެއްގެ މެދުގައެވެ. އަހުރެެމންނާއި އަނބިދަރިން އަދި ޢާއިލާވެސް މިވަނީ އެޙާލުގައެވެ. ވީމާ އަލިފާނުގެ އަސަރު ނުކުރާނެ ގޮތަށް ކަންކަން ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ.
ލޮބުވެތި ބެލެނިވެރިންނޭވެ! ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މުސްލިމުންގެ ޢަޤީދާ އާއި ދުރުހެލިކުރުވުމަށް ތަފާތު ގޮތްގޮތަށް ދެމުން ގެންދާ ވަރުގަދަ ހަމަލާތަކާއި ކުރިމަތިލުމުގެ ޤާބިލުމުގެ ސާބިތުކަން ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ. އެކަމަށްޓަކައި ކުރާ މަސައްކަތްތައް އިތުރުކުރާށެވެ! އެކަމަށްޓަކައި ކުރަންޖެހޭ ދުޢާތައް ކީރިތި ޤުރްއާނުގައި ވަނީ ބަޔާންވެގެންނެވެ. އެއިގެ ތެރެއިން އެއް ދުޢާއަކީ:
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً ۚ إِنَّكَ أَنْتَ الْوَهَّابُ
" އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާ ނުކުރައްވަވާނދޭވެ! އަދި އަޅަމެންނަށް އިބަރަސްކަލާނގެ ޙަޟްރަތުން ރަހްމަތެއް ދެއްވަވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ ނިޢްމަތްތައް ދެއްވާ ރަސްކަލާނގެއެވެ.!" (އާލްޢިމްރާން:
މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންގެ ތަފާތަކީ މުސްލިމުންނަކީ އެހެން ދީންތަކުގެ މީހުން އެމީހުންގެ ދީނުން ނެރެން ހޭދަކޮށް އެކަމަށް މަސައްކަތްކުރާ ބައަކަށް ނުވުމާއި އެހެން ދީންތަކުގެ މީހުންނަކީ އަބަދުވެސް މުސްލިމުން އެމީހުންގެ ދީނުން ބޭރުކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާ ބައެއް ކަމެވެ! އެމީހުންގެ ދީން ކުރިއަރުވަން ކުރާ ހޭދައަށްވުރެ އިސްލާމް ދީނުން މުސްލިމުން ނެރެން ކުރާ ހޭދަ އެތައް ގުނައަކުން ބޮޑުކަން އެއީ މިކަމުގެ ދަލީލެވެ.
މުސްލިމުން އެންމެ ބޮޑަށް މަސައްކަތްކުރާނީ މުސްލިމުންގެ ޢަޤީދާ ވަރުގަދަކުރުމަށެވެ! މުސްލިމުން އިސްލާމް ދީނުގައި ސާބިތުވެ ތިބުމަށެވެ! އެކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިވަނީ އިތުރަށް ވަރުގަދަކުރަން ޖެހިފައެވެ.
މިއަދު ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް މަސައްކަތްކުރަންވީ އިސްލާމް ދީނުގައި ސާބިތުވުމަށެވެ! ވަށައިގެން ދެމުންގެންދާ ޙަމަލާތަކުގެ ކުރިމަތީގައި ސާބިތުވުމަށެވެ. އަހަރެމެންގެ ދަރިންނާއި އަހަރެމެންގެ ކާފަ، މާމަ ދަރިންނަކީވެސް މުސްލިމުން ކަމުގައި ބެއިތިއްބުމަށެވެ. މިކަމަށްޓަކައި އެންމެ ފުރަތަމަކަމެއްގެ ގޮތުންވެސް ކުރަންޖެހޭ ކަމަކީ ތިމާ އިސްލާމް ދީނުގެ ޙައްޤު ޢަޤީދާމަތީގައި ސާބިތުވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން