ދަރިންގެ މެދުގައި މައިންބަފައިން ތަފާތުކުރާކަން ފާހަގަކޮށް ގިނަ ޝަކުވާތަކެއް ލިބެމުންދެއެވެ. އެއީ މައިންބަފައިންނަށް ކުރެވޭ ވަރަށް ނުބައި ކަމެކެވެ. ފާފަވެރިވެސްވާނެ ކަމެކެވެ. އެކަމުން އެނގެނީ ޢަދުލުވެރި ނުވެވޭ ކަމެކެވެ.
ދަރިންގެ މެދުގައި ތަފާތުކުރާތީ ހިތްދަތިކަމުގައި ތިބި ދަރިންނަށް ބުނެލަން އޮތީ މައިންބަފައިންނަށް ނުރުހުމުގެ ބަހެއްވެސް ނުބުނެ ކެތްތެރިވާން މަސައްކަތްކުރާށެވެ! ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ ކެތްތެރިވީމާ ﷲ ގެ ޙަޟްރަތުން ދެއްވަވާނެ ނިޢްމަތްތައް މާފުރިހަމަވާނެއެވެ. އިން ޝާ ﷲ
އެގޮތަށް ޢަމަލުކުރެވޭ މައިންބަފައިން ތިރީގައިވާ ލިޔުމުން ފިލާވަޅު ލިބިގަންނާށެވެ!
ޢަދުލުވެރިވާންވީ ހަމައެކަނި ފަނޑިޔާރުންނެއް ނޫން! އަނބިދަރިންނަށްވެސް، ބުނާ ބަހުގައިވެސް ޢަދުލުވެރިވާން ޖެހޭނެ!: ޑރ. ޝަހީމް
ޢަދުލުވެރިވުމުގެ ވާހަކަ ދެކެވެން ފަށާއިރަށް ގިނަ ބައެއްގެ ހިތަށް ގެންނަނީ ފަނޑިޔާރުންގެ މައްސަލަތަކެވެ. ޢަދުލުވެރިވުމަކީ ހަމައެކަނި ފަނޑިޔާރުން ކުރަން ޖެހޭ ކަމެއް ނޫނެވެ! ކޮންމެ މީހަކުވެސް ޢަދުލުވެރިވާންޖެހެއެވެ. އަނބިދަރިންނަށާއި ޢާއިލާއަށްވެސް ޢަދުލުވެރިވާންޖެހެއެވެ.
ލޮބުތެތި އަޚުންނާއި އުޚްތުން!
ދަރީންގެ މެދުގައިވެސް އަދުލުވެރިވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާފައިވޭ!
ހަދީޘްފުޅެއްގައި ބަޔާންވެފައިވޭ ﷲ އަށް ބިރުވެތިވާށޭ ތިޔަބައިމީހުން. އަދި ތިޔަބައިމީހުންގެ ދަރީންގެ މެދުގައި ތިޔަބައިމީހުން އަދުލުވެރިވާށޭ.
މާތްﷲ އަންގަވާފައިވޭ އަނބީންގެ މެދުގައިވެސް އަދުލުވެރިވުމަށް. ވަހީކުރައްވާފައިވަނީ "އަދުލުވެރިވުމުގެ މައްޗަށް ގިނަ އަނބީންނާވެސް އިނުމަށް! މާތްﷲ އަންގަވާފައިވަނީ. އަދުލުވެރި ނުވެވޭނަމަ އެންމެ މީހަކާއެކު އުޅުމަށް." އެކަމުންވެސް އެނގެނީ އެކަމުގެ ހުރި ބޮޑުކަން.
އަދުލުވެރިކަމުގެ ބޮޑުކަމުން. ބުނާ ބަހުގައިވެސް އަދުލުވެރިވާންޖެހޭ. ﷲ ކީރިތި ޤުރުޢާނުގައިވެސް އަންގަވާފައިވަނީ ތިބައިމީހުން ބަހެއް ބުނާނަމަ އަދުލުވެރިކަމާއެކު އެބަހެއް ބުނުމަށް. މާތްﷲ އަންގަވާފައިވޭ ރުޅި އަންނަމީހާއާމެދުގައިވެސް އަދުލުވެރިވުމަށް. "ތިޔަ ބައިމީހުންނާ އެމީހުންނާމެދުގައި އޮތް ރުޅިވެރިކަމެއް، ބަޔަކާމެދު އޮތް ރުޅިވެރިކަމެއް އެއީ އަދުލުވެރިނުވުމަށް އޮތް ހުއްޖަތެއްނޫނޭ." ވީމާ ކޮންމެ މީހަކާމެދުގައިވެސް އަދުލުވެރިވާންޖެހޭނެ.
ތިޔަބައިމީހުން ބަހެއް ބުނާނަމަ އަދުލުވެރިކަމާއެކުގައި އެބަހެއް ބުނާށޭ ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާފައި މިވަނީ. އަދި ކީރިތި ޤުރުއާނުގައި މާތްﷲ އެހެން މަޤާމެއްގައިވެސް ބަޔާންކުރައްވާފައިވޭ، އީމާންކަމުގެ އީމާންވެރިކަމުގެ އަހުލުވެރިންނަށް ގޮވާލައްވާފައި. "މާތްﷲ އަށްޓަކައި ހެކިދޭ ބައެއްކަމުގައި ތިޔަބައިމީހުން ވާށޭ. ތިޔަބައިމީހުން އަމިއްލަ ނަފްސާ ދެކޮޅަށް ބަސްބުނަން ޖެހުނަސް މައިން ބަފައިންނާ ދެކޮޅަށް ބަސްބުނަން ޖެހުނަސް ތިމާގެ މީހުންނަށް ދެކޮޅަށް ބަސްބުނަން ޖެހުނަސް މުއްސަންޖަކަށް ފަޤީރަކަށް ބަސްބުނަން ޖެހުނުކަމުގައި ވިޔަސް އެވާހަކައަކީ އެއީ އަދުލުވެރިކަމުގައި ބުނާ ވާހަކައަކަށް ވާންޖެހޭނެ." އަދުލުވެރިނޫން ގޮތަކަށް އެބަހެއް ބުނުމަކީ ﷲ ލޯބިވެވޮޑިގެންނުވާ ކަމެއް ގޮތުގައި ބަޔާންވެފައި މިއޮންނަނީ.
އެހެންވީމާ އަޅުގަނޑުމެންނަށް މިކުރު ޚުލާސާއިން މިއެނގިގެން ދިޔައީ އަދުލުވެރިވުމުގެ މުހިއްމުކަން. ޙުކުމްކުރުމުގައި އަދުލުވެރިވާންޖެހޭ ފަދައިން ބަސްބުނުމުގައި އަދުލުވެރިވާންޖެހޭ. އަނބީންގެ މެދުގައި އަދުލުވެރިވާންޖެހޭ. ދަރީންގެ މެދުގައި އަދުލުވެރިވާންޖެހޭ. ރުޅިއަންނަ މީހާއާއި މެދުގައި އަދުލުވެރިވާންޖެހޭ. މިހުރިހާ ކަމެއްގައި އަދުލުވެރިވުމަކީ މާތްﷲގެ މަންހަޖު. އެކަލާނގެ ރަސޫލާގެ މަތިވެރި ސުންނަތް.
އެހެންވީމާ އަޅުގަނޑުމެން އަދުލުވެރިވާންޖެހޭ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާމެދުގައި އަދުލުވެރިވާންޖެހޭ. އަޅުގަނޑުމެންގެ އަނބިދަރީންގެ މެދުގައި އަދުލުވެރިކަން ޤާއިމްކުރަންޖެހޭ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި އިޖުތިމާއީ އަދާލަތު ޤާއިމްކުރަންޖެހޭ. މިހުރިހާ ކަމަކީވެސް މިއީ އަދުލުވެރިވުމުގައި ޤާއިމްވާ ކަންތައްތައް!
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު