މޫސާ ވަޙީދު
އަޅުގަނޑަކީ ބަލިކޮށް އުޅެމުންދިޔަ ކުއްޖެކެވެ. ޒުވާން އުމުރުގައި މައިބަދައިގެ މައްސަލަޖެހި މައިބަދައިގެ އޮޕަރޭޝަންއެއް ކުރަން ޖެހުނީއެވެ. އޭރު އިތުރު ގޮތެއް ނެތީއެވެ. އޮޕަރޭޝަން ކުރި މަސް ތެރޭގައި ކައިވެނީގެ ގޮތުން ގުޅެން ހިތްހަމަޖެހޭ ފަދަ ކުއްޖަކާ ދިމާވިއެވެ. އެއީ އަޙްމަދުއެވެ. ފެންނަ ފެނުމަށް ދީންވެރި މަޑުމައިތިރި މީހެކެވެ. އަޅުގަނޑުމެން ދެމީހުންވެސް ބޭނުންވީ އަވަހަށް ކައިވެނި ކުރާށެވެ. ކައިވެނި ނުކޮށް ރައްޓެހިވެގެން އުޅެން ބޭނުންނުވީއެވެ.
އަޅުގަނޑު ކައިވެނި ކުރަން ބޭނުންވިއަސް ހިތުގައި ނުތަނަވަސް ކަމެއްވެއެވެ. އެއީ މައިބަދައިގެ އޮޕަރޭޝަންއަށްފަހު އާދައިގެ ދިރިއުޅުމެއް ނޫޅެވޭތީއެވެ. އަޅުގަނޑަށް ބަރު އެއްޗެއް ނޫފުލެއެވެ. ގުދަށް އޮވެގެން ކުރަންޖެހޭ މަސައްކަތެއް ނުކުރެވެއެވެ. ކުދި ކުދިކަންކަވެސް ގިނައިރު ކުރަން ހުންނަށް ވެއްޖިއްޔާ ބުރަކަށީ އިންތިހާއަށް ރިއްސައެވެ. ގިނައިރު އިށީދެ ނުއިދެވޭތީ މަސައްކަތް ކުރަށް އޮފީހަށް ނުދެވެއެވެ. ސައިކަލް ސްޕީޑް ލޯޗް ފަދަ އެއްޗެހީ ދަތުރު ކުރުން މަނެލެވެ. ކިޔަވަންފެށި ބެޗްލަރ ކޯސްގެ 5 މޮޑިއުލް އޮތީ ނުނިމެއެވެ.
މިވާހަކަތައް އަޅުގަނޑު އަޙްމަދުއާއި ހިއްސާކުރީމެވެ. އަޙްމަދުގެ ޖަވާބަކަށްވީ އެއީ މާބޮޑު މައްސަލައެއް ނޫން ކަމުގައެވެ. ގޭތެރޭ ކަންތައްތަކުގައި އަޅުގަނޑަށް އެހީރެރިވާނެ ކަމުގައެވެ. މިވަރުން އަދި އަޅުގަނޑު ހިތްހަމަ ނުޖެހުނެވެ. އަޙްމަދު ބަލި ކުއްޖަކާ ކައިވެނި ކުރަން އަޙްމަދުގެ އާއިލާއިން އެއްބަސްވާނެތޯ ސުވާލު އުފެއްދީމެވެ. އަޙްމަދު ބޭނުންވީ އަޅުގަނޑުގެ ބަލި ވާހަކަ އާއިލާ މީހުން ގާތު ނުބުނާށެވެ. އެގޮތް އަޅުގަނޑަށް ކަމަކު ނުދިޔައެވެ. އެއީ ކައިވެނި ކުރާތަނުން އާއިލާ މީހުން ހިތްހަމަނުޖެހި ތަފާތު ކުރުންތައް ގެންގުޅެން ފަށައިފިނަމަ މާބޮޑަށް ދެރަވާނެތީއެވެ. އަޅުގަނޑުގެ އެދުމުގެ މަތިން އަޙްމަދުގެ އާއިލާ މީހުން ގާތު އަޅުގަނޑުގެ ބަލި ވާހަކަ ބުނެވުނެވެ. އަދި އަޙްމަދު އާއިލާގެ ރުހުމާއިއެކު އަޙްމަދާއި ދިމާވިތާ 5 ވަނައަށްވީ މަހު ކައިވެނި ކުރެވުނެވެ.
ކައިވެނިކޮށްގެން އަޙްމަދު އަޅުގަނޑު ގެންދިޔައީ މާލެއަށެވެ. އަޙްމަދު މަސައްކަތްކުރަނީ މާލޭގައި ކަމަށްވާތީއެވެ. ކައިވެނީގައި ހިތްހަމަ ޖެހިގެން އުޅެލެވުނީ މަދު ދުވަސްކޮޅަކުއެވެ. އަޙްމަދު ހިތްހަމަނުޖެހޭތީ ރައްޓެހި ކުދިންނާއިއެކު ބޭރަށް ދިއުން ހުއްޓާލީމެވެ. އަޙްމަދު ހިތްހަމަ ނުޖެހޭތީ ރައްޓެހި ކުއްޖެއް ނުވަތަ އާއިލާ މީހެއް ގެއަށް ވައްދާކަށް ނުކެރެއެވެ.
ގޭތެރޭ ކަންކަމުގައި އެހީތެރިވާނަމޭ ބުނި އަޙްމަދަށް ކައިފައި ކޭތަށިވެސް ދޮވެނުލެވުނެވެ. މިކަމާ އަޅުގަނޑު މައްސަލައެއް ނުޖައްސަމެވެ. އެއީ އަހްމަދު އުޅެނީ ވަރަށް ބިޒީކޮށްކަށް އަޅުގަނޑަށް އިގެއެވެ. ނަމަވެސް ވަރަށް އުނދަގޫވާ ކަމެއް އޮވެއެވެ. އެއީ ގޭތެރޭ ހުރިހާ ކަމެއްވެސް ކުރަންޖެހެނީ އަޙްމަދު ބުނާ ގޮތަށެވެ. ތަށި ދޮވެފަ ތަށި ބަންޑުންވެސް ޖަހަން ޖެހެނީ އަޙްމަދު ބުނާ ގޮތަށެވެ.
އަޅުގަނޑަށް ދަސްވެފައިނީ ﷲ ސުބުހާނަހޫ ވަތަޢާލާއަށް އުރެދެވޭ ކަމެއްގައި ނޫންނަމަ ފިރިންނަށް ކިޔަމަންވަންޖެހޭނެ ކަމަށެވެ. އެގޮތަށް އަޅުގަނޑުގެ އަމަލުތައް ބެހެއްޓޭތޯ މަސައްކަތްކުރީމެވެ. ގޭތެރޭ ހުރިހާ ކަމެއް އަޙްމަދު ބުނާ ގޮތަށް ކުރެވޭތޯ ބެލީމެވެ. އަޙްމަދު ޖިސްމާނީ އަނިޔާއެއް ނުކުރެއެވެ. ހަޅޭ ނުލަވައެވެ. ގޭތެރެއަށް ބޭނުންވާ ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް ހޯދައިދެއެވެ. ނަމަވެސް ކުދި ކުދި ބަހުގެ ހަމަލާތައް އަޅުގަނޑަށް ރައްދު ކުރަންފަށައިފިއެވެ. އަޅުގަނޑަކީ ބޭކާރު މީހެއްހެން ހީވާގޮތަށް އަހްމަދު ކަންތައް ކުރަންފަށައިފިއެވެ.
ކައިވެންޏަށް ގާތްގަނޑަކަށް 3 މަސްވަރު ވީތަނާ އަޅުގަނޑުމެން ދެމީހުންނަށް އެއްކޮށް އުޅެވޭނެ ކަމާމެދު އަޙްމަދު ސުވާލު އުފައްދައްފެށިއެވެ. ސަބަބަކަށް ބުނީ އަޅުގަނޑުމެން ދެމީހުން ދީނީގޮތުން ވިސްނުން ތަފާތީ ކަމެވެ. ތަފާތީ ކޮންކަމެއްތޯ ސުވާލު ކުރުމުން އެޔަށް އަޙްމަދަކަށް ޖަވާބެއް ނުދެވުނެވެ.
އަހުމަދު މުޅިން އެހެން މީހަކަށް ބަދަލުވުވިއެވެ. ގޭގެ ހޭދަކުރާ ވަގުތު ވަރަށް މަދުވިއެވެ. ބުނަނީ މަސައްކަތުގައި ބިޒީ ކަމުގައެވެ. ގެއަށް އައިސްވެސް އަޅުގަނޑާއި ވާހަކަ ދައްކާ ހަދަނީ ވަރަށް މަދުންނެވެ. އެއްގެއެއްގައި އުޅުނަސް ދެމީހުންނަކީ ދެ ބީރައްޓެހިންނަށްވެ ނިމެއްޖެއެވެ. މިހިސާބުން އަޅުގަނޑަށްވެސް އަހުމަދާއި އެކީ ދިރިއުޅެވޭނެ ކަމާއި މެދު ޝައްކު ވާންފެށިއެވެ.
ދެމީހުންގެ ދެމެދު ހިގި ޒުވާބަކަށްފަހު އަހުމަދު ބޭނުންވީ އަޅުގަނޑު ވަރި ކުރާށެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެމީހުން ދެމެދު މާބޮތި މައްސަލަތަކެއް ނުޖެހެއެވެ. ވަރި ކުރަނީ ކީއްވެތޯ ސުވާލު ކުރުމުން ބުނީ އަޅުގަނޑަށް އިނގޭނެ ކަމުގައެވެ. އަޅުގަނޑަށް ވިސްނާ ވިސްނާވެސް ނޭގުނެވެ. ވަރިކުރުމަށްފަހު އިއްދައިގެ 3 މަސް ތެރެއިން 1 މަހާއި ބައި އަޙްމަދާއި އެއްގެއެއްގައި ދިރިއުޅުނީމެވެ. އެދުވަސްތަކުގެ ތެރެއިން އެއްދުވަހަކު ދެކެވުނު ވާހަކައެއްގައި އަޅުގަނޑާއި ދިމާލަށް އަޙްމަދު ބުންޏެވެ. "މާލޭގައި ދިރިއުޅެވޭނީ ދެ މީހުން ވަޒީފާއަށް ދާކަމުގައި ވާނަމައެވެ. އަންހެނުން ވަޒީފާއަށް ނުދާ މީހުން ދިރިއުޅެނީ އަންހެނުން ރަށަށް ލައިގެންނެވެ.
އެހިސާބުން އަޙްމަދު އަސްލު އަޅުގަނޑު ވަރި ކުރި ސަބަބު އެނގުނެވެ. އަޅުގަނޑު ވަޒީފާއަށް ނުދާތީ އަހުމަދަށް ކަމުނުދިޔައީއެވެ. ނުވަތަ އާމްދަނީ ހޯދަން މަސައްކަތް ނުކުރާތީ ކަމުނުދިޔައީއެވެ. އަޅުގަނޑުގެ ހިތުގައި އަހުމަދާއިމެދު ޝަކުވާ އުފެދުނެވެ. ކައިވެނިކުރިއިރުވެސް އަޅުގަނޑުމީ ބަލި މީހެއްކަމާއި އެހެން މީހުން ކަންތައްތައް ކުރާ ގޮތަށް ކަންކަން ނުވާނެ ވާހަކަ އަޙްމަދު ގާތު ބުނީމެވެ. އަދި އަޙްމަދު އަތްމަތި ދަތިވުމުން އަޙްމަދުގެ ރަށަށްދާންވެސް އެއްބަސްވީމެވެ. އިއްދަ ހަމަވަން ކައިރިވެފައިވަނިކޮށް އަހުމަދު އަޅުގަނޑަށް ގުޅިއެވެ. އަޙްމަދުގެ މަންމަ އަޅުގަނޑަށް ދެންވެސް ގުޅާނޭ ކަމަށް ހީވާ ވާހަކަ އަޅުގަނޑުގާތު އަޙްމަދު ބުންޏެވެ. ސަބަބަކަށްބުނީ އަޅުގަނޑާއި އަޙްމަދާއި ދެމެދު މާގިނަ މައްސަލަތަކެއް ނުޖެހޭ ކަމެވެ. އަޙްމަދު އަމިއްލައަށްވެސް އަޅުގަނޑާއި އަޙްމަދާއި ދެމެދު މާގިނަ މައްސަލަތަކެއް ނުޖެހޭ ކަމަށް އެއްބަސްވީއެވެ.
އަޅުގަނޑުގެ ހަޔާތުން ދުވަސްތަކެއް ބޭކާރުވީއެވެ. ބަލިކޮށް އުޅެމުން އަލުން ކައިވެންޏެއް ކުރަން މިހާރު ޖެހިލުންވެއެވެ. ބަލި މީހަކާ ކައިވެނި ކުރަންވާނީ ބަލިކަށް ދަނެގެން ތިމާއަށް ޒިއްމާ ނެގޭކަމުގައިވާނަމައެވެ.
(މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ)
ވާހަކަ: މިއަދުނޫހުގެ ކިޔުންތެރިއެއް