ކަންބޮޑުވާންޖެހޭ ކަންކަން ކުރިމަތިވުމުން އެއްބައެއްގެ ބޭރުފުށުން އެކަން ފެންނާނެއެވެ. އެމީހުންގެ ޢަމަލުތަކުން އެކަން އެނގޭނެއެވެ. ނަމަވެސް އަނެއް ބައެއްގެ ބޭރުފުށުން އެއްވެސް ކަމެއް ނުދައްކާނެއެވެ. އެމީހުންގެ ކަންކަން ގެންގުޅޭނީ އެތެރޭގައި ފޮރުވައިގެންނެވެ.
މިދެބާވަތުގެ މީހުންނަށްވެސް އެމީހުންގެ ކަންކަން އެހެން ގޮތަކަށް ބަދަލުކުރަން އުނދަގޫވާނެއެވެ. އެތެރޭގައި ކަންކަން ފޮރުވައިގެން ގެންގުޅެވޭ މީހުން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެއް އެބައޮތެވެ. އެކަމަކީ އީމާންކަން ވަރުގަދަކުރުމެވެ. ކުރިމަތިވެފައިވާ މައްސަލަ ތިމާއަށް އެންމެ ފައިޑާހުރި ގޮތަށް ﷲ ތަޢާލާ ޙައްލުކޮށްދެއްވަވާނެ ކަމުގެ ޔަޤީންކަން އޮންނަންވާނެއެވެ.
އެކަން އެގޮތަށް ނުކުރެވޭނަމަ ނަފްސާނީ ގޮތުން މީހާ ބަލިކަށިވާންފަށާނެއެވެ. ހިތްވަރު އެލެން ފަށާނެއެވެ. ދިރިއުޅުން މަތިން ފޫހިވެވެންވެސް ފަށާނެއެވެ. އެޙާލަތަށް ދިއުމުން ތިމާއަށް ކުރަންޖެހޭ ކަންކަންވެސް އޮންނާނީ ނުކުރެވިފައެވެ.
އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި-ވަސައްލަމައަށް އަބަދުހެން އުޅުއްވަވަން ޖެހިވަޑައިގަތީ ކަންބޮޑުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ޙާލުކޮޅުގައެވެ. ނަމަވެސް އެކަން މީސްތަކުންނަކަށް ނުދައްކަވަތެވެ. ގެންގުޅުއްވީ އެތެރޭގައެވެ. ޘާބިތުކަން ހޯއްދަވަމުން ގެންދެވީ ހުރިހާ ކަމެއްވެސް ﷲ ތަޢާލާ ޙައްލުކޮށްދެއްވަވާނެކަމުގެ ޔަޤީންކަމުންނެވެ. ދެރަގޮތެއް މެދުވެރި ނުކުރައްވަވާނެކަމަށް ހިތްޕުޅުގައި އޮންނަ ޔަޤީންކަމުންނެވެ.
ވީމާ އަހުރެމެންވެސް ގަދައަޅައި މަސައްކަތްކުރަންވީ ހަމަ އެޘާބިތުކަން ލިބިގަތުމަށެވެ. އެމީހާގެ ޢަމަލުތައް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ މަގުގައި ބެހެއްޓޭނަމަ އެޘާބިތުކަން އަހުރެމެންނަށްވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން