އެމީހަކު ކޮށްފައިވާ ހެޔޮޢަމަލުތައް ކައްވަޅުގައި އެމީހަކާއި ބައްދަލުކުރާނީ ވަރަށް ރީތި މާތް މީހެއްގެ ސޫރައިގައެވެ. އެމީހަކަށް ކުރެވިފައިވާ ފާފަތަކުގެ ސަބަބުން ލިބެން އަންނަ ޢަޛާބު ލިބުމަށް ހެޔޮ ޢަމަލުތައް ހުރަސްއަޅާނެއެވެ. ނަމަވެސް އެވަރަށް ހެޔޮ ޢަމަލުތައް ކުރެވިފައިވާނަމައެވެ. މަދުވެއްޖެނަމަ ޢަޛާބު ލިބުމަށް ހުރަހެއް ނެތެވެ.
އަދި އެމީހަކަށް ކުރެވިފައިވާ ނުބައި ކަންތައް ގިނަވެއްޖެނަމަ އެޢަމަލުތައް އެމީހަކާ ބައްދަލުކުރާނީ ބިރުވެރި ސިފައެއްގައެވެ. ދުވާނީ އިންތިހާއަށް ނުބައި ކުނިވަހެވެ. ބިރުން އެމީހަކާއި ކައިރިވިޔަ ނުދޭންވެސް މަސައްކަތްކުރާނެއެވެ. އެމީހަކަށް ކުރެވެންހުރި ހުރިހާ ކަމެއްކުރާނެއެވެ. އަޑަށް ލެވުނުހައި ބާރެއްލައި އަޑުގަދަވެސް ކުރާނެއެވެ. ނަމަވެސް ބުނާނެއެވެ. މިއީ ތިބާކުޅަ ނުބައި ޢަމަލުތަކެވެ. ދުރަކަށް ނުދާނަމެވެ.
މިއީ ކައްވަޅުގައި ކުރިމަތިލާންޖެހޭނެ ބިރުވެރި ޙާލަތު ސިފަކޮށްދެއްވަން ބައެއް ޢިލްމުވެރިން ވިދާޅުވާ ވާހަކަތަކެވެ. އެމީހަކަށް ކުރެވިފައިވާ ފާފަތަކުގެ ސަބަބުން ކައްވަޅުގައި ޢަޛާބު ދެއްވަވާނެކަން އެއީ ޙަދީޘްފުޅުތަކުން ޘާބިތުވާން އޮތް ކަމެކެވެ. އެފަދަ ބައެއް ޙަދީޘްފުޅުތައް މިހާރުވެސް ވާނީ ކިޔައިދެވިފައެވެ.
ޑރ. ޔާސިރު ޤާޟީ ވިދާޅުވެފައިވެއެވެ.
ހެޔޮލަފާ މީހުން މަރުވެ ވަޅުލެވުމުން އެމީހުން އެނބުރި ދުނިޔެއަށް އައިސް އެމީހުން ތިބީ އުފާވެރިކަމުގައިކަން ޢާއިލާއަށް އަންގަން ބޭނުންވެ މަލާއިކަތުންގެ ކިބައިން އެކަމަށް އެދޭނެއެވެ. ނަމަވެސް މަލާއިކަތުން ވިދާޅުވާނީ ކައިވެނީގެ ފުރަތަމަ ރޭ ފިރިމީހާ ނިދާފަދައިން އުފާވެރިކަމުގައި ނިދައިލުމަށެވެ.
މިވާހަކަ އެގޮތަށް ބުނެވެނީ ކައިވެނީގެ ފުރަތަމަ ރޭ ފިރިމީހާ ނިދާނީ ވަރަށް އުފަލުން، ހެނދުނު ވަރަށް ލޯބިން އަނބިމީހާ ތިމާ ހޭލައްވާނެ ކަމުގެ އުންމީދުގައި ކަމަށްވާތީއެވެ. އެމީހާއަށް މަލާއިކަތުން އެވިދާޅުވަނީ ނިދީން ހޭލެވުމުން އުފަލުން ހުރެ ﷲ ތަޢާލާ އާއި ބަދަލުކުރުމުގެ އުންމީދުގައި ނިދުމަށެވެ.
ސުވަރުގެ ޙައްޤުވާ މީހުން ކައްވަޅުގައި ތިބޭނީ އަރާމު ނިންޖެއްގައެވެ. އެކަން ކީރިތި ޤުރްއާނުންނާއި ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. ކޮންމެއަކަސް ގަދައަޅައި މަސައްކަތްކުރަންވީ ތިމާއަކީވެސް ކައްވަޅުގައި އަރާމު ނިންޖެއްގައި ނިދައިލެވޭނެ މީހަކު ކަމުގައި ވުމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން