ޢިލްމުވެރިއަކު ވިދާޅުވެފައިވާ މިބަސްފުޅަކީ މިއަދު ވަރަށް ގިނަބައަކު ވިސްނާލުން މުހިންމު ބަސްފުޅެކެވެ.
"އަތުގައި އޮތް އެންމެ ފަހު ފައިސާފޮތި ވެސް ﷲ ގެ މަގުގަ ހޭދަކުރީތީ ހިތްދަތިކަން ލިބުނު ހަމައެކަކާއިވެސް ބައްދަލުވެފައެއް ނެތެވެ. އަބަދުވެސް ބައްދަލުވަނީ ހޭދަ ނުކުރުމުން ހިތްދަތިކަން ލިބުނު މީހުންނާއިއެވެ. ﷲ ގެ މަގުގަ ހޭދަކުރަން ފަސް ނުޖެހޭށެވެ! ލިބޭ އުފާވެރިކަން މާބޮޑުވާނެ އެވެ!"
ނިކަން ވިސްނައިލަބަލާށެވެ! މީހަކު ކަމަކު އެދިއްޖެނަމަ ޖަވާބުގައި ބުނެވެނީ ތިމާއަށް ބޭނުންވާ މިވެނި އެވެނި ކަންކަން ނުކުރެވިހުރިކަމުގެ ވާހަކައެވެ. އެވާހަކަތައް އެނިކަމެތި މީހާގެ ގާތުގައި ދައްކާއިރު ތިމާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ގިނަ ގުނަ ނިޢްމަތްތަކުގެ ވާހަކައެއް ނުދެއްކެއެވެ. ހަނދާނަކުވެސް ނުހުރެއެވެ.
މަރުވުމަށްފަހު އެންމެ ގިނަ ބައަކު އެންމެ ބޮޑަށް ދެރަވެ ހިތާމަކުރާނެ އެއްކަމަކީ ދުނިޔޭގައި ހުރެ ތިމާއަށް ޞަދަޤާތްކުރަން ލިބުނު ފުރުޞަތުތަކުގެ ބޭނުން ނުހިފުނީތީއެވެ. ޞަދަޤާތްކުރެވުނުވަރު މަދުކަމުންނެވެ. ތިމާއާއިއެކު ކައްވަޅަށް ގެނެވެންހުރި އެތައް ބައިވަރު ފައިސާތަކެއް ތިމާއަށް އެއްވެސް ފައިދާއެއް ނުކުރާނެ ގޮތަށް ދުނިޔެއަށް ދޫކޮށްލާފައި ކައްވަޅަށް އަންނަން ޖެހުނީތީއެވެ.
މީހަކު އައީ ބޮޑުކަމަކު ކަމުގައިވެދާނެއެވެ. ތިބާއަށް ފުއްދައިދެވެން އޮތީ ކުޑަމިންވަރެއްކަމަށްވެސް ވެދާނެއެވެ. ކަންބޮޑުނުވެ ފުއްދައިދެވެން އޮތް މިނަވަރަކުން ފުއްދައިދޭށެވެ. ދަހިވެތިނުވެ ދީލަތިވާށެވެ! ބަދަލުގައި ﷲ ދެއްވަވާނެ މިންވަރު އެތައް ގުނައަކަށް އިތުރުވެގެންދާނެކަން ޔަޤީންކުރާށެވެ. ހެޔޮ ނިޔަތުގައި އިޚްލާޞްތެރިކަމާއިއެކު ކިތަންމެ ކުޑަ މިންވަރެއްނަމަވެސް ހޭދަކުރުމަކީ ނަރަކައިން ސަލާމަތްވުމަށް އޮތް މަގެކެވެ.
Adi ibn Hatim reported: The Prophet, peace and blessings be upon him, said,
“Guard yourself from the Hellfire, even with half of a date in charity. If one cannot find it, then with a kind word.”
Source: Ṣaḥīḥ al-Bukhārī 6540, Ṣaḥīḥ Muslim 1016
Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim
މިޙަދީޘްފުޅުގައި އެވަނީ ކަދުރުއޮށެއްގެ ފަޅިވަރެއް ދީގެން ނަމަވެސް ނަރަކައިން ސަލާމަތްވުމަށް މަސައްކަތްކުރުމަށެވެ. އެވަރުވެސް އަތުގައި ނެތްނަމަ ހެޔޮބަހަކުން ނަމަވެސް ޞަދަޤާތްކުރުމަށެވެ. ވީއިރު ކަންކަމު އެދިގެން އަންނަ މީހުންނަށްއެމީހުންގެ ހިތުގައި ޖެހޭފަދަ ބަސްތައް ބުނެ، މޫނުހަދައި ކުނިމޫނު ދައްކަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟
ތިމާގެ ހުރިހާ ބޭނުންތަކެއް ނުފުދޭތީ ނިކަމެތިންނަށް އެހީތެރިނުވާ މީހުން އެނަގާލަނީ ތިމާގެ ހުރިހާ ބޭނުންތަކެއް ފުދެން ލިބޭ ފުރުޞަތެވެ. އެހެނީ ކުރިން މިބަޔާންކުރިފަދައިން ދަތިޙާލުގައި ހުރެ ޞަދަޤާތް ކުރުމަކީ އެކަމުގެ ދަރަޖަ މަތިވެރިކުރައްވަވާނެ ކަމެކެވެ. ވީއިރު ތިމާގެ ގިނަ ބޭނުންތައް ފުދިފައިވާއިރު ހުރިހާ ބޭނުންތަކެއް ނުފުދޭތީ ޞަދަޤާތް ނުކުރީމާ ދެންވާނެ ގޮތް ހިތަށް ގެންނާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން