ދާދިފަހުން ކެންސަރުބަލީގައި ނިޔާވި އަޚަކު އޭނާގެ ބޮލުގައި އަލަމުން ދިއަ ވޭންތަކަށް ކެތްނުކުރެވިގެން އެނދުކޮޅުގައި ބޮލާ އަތް ވިއްދި ބާރުކަމުން 2 ފަހަރު އަތް ބިނދުނެވެ. ބޯ ވަރަށް ބޮޑަށް ދުޅަވިއެވެ. އޭނާއަށް އެޅި ގަދަވޭން ނިކަން އިޙްޞާޞްކޮށްބަލާށެވެ! އެކަމުން ލިބުނު ދެރައަށް ވިސްނާފަދައިން އެކަމުން ދެއްވަވާނެ ބޮޑު ރަޙްމަތާއިމެދު ވިސްނާލަމާ ހިނގާށެވެ!
ކޮންމެ ބައްޔެއްގެ ސަބަބުންވެސް ހަށިގަނޑުގައި ވޭން އަޅާނެއެވެ. ހަށިގަނޑުގައި އަޅާ ކޮންމެ ވޭނަކުން ފާފަ ފުއްސަވައި ދެއްވަވަތެވެ. ޙަދީޘްފުޅުގައި އޮތީ ގަހަކުން ކަށްޓެއް ހެރިގެން ތަދުވި ނަމަވެސް އެމީހެއްގެ ފާފައިން މިންވަރެއް ފުއްސަވައި ދެއްވަވާ ކަމަށެވެ. ވީއިރު ބޮޑެތި ބަލިތަކުގައި އަޅާ ގަދަވޭންތަކަށް ފާފަތައް ފުއްސަވައި ދެއްވަވާނެ މިންވަރު ހިތަށް ގެންނާށެވެ!
ހުން އައުމަކީ އެމީހަކު އާޚިރަތް ދުވަހުގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުމަށްޓަކައ ދުނިޔޭގައި މިންވަރުކުރައްވަވާ ކަމެއްކަން ވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ! ވީއިރު އެއީ ކިހައި ބޮޑު ރަޙްމަތެއް ހެއްޔެވެ؟
ކޮންމެ ބައްޔަކީވެސް ރަޙްމަތެވެ. ބޮޑަށް ވޭން އަޅާނަމަ ރަޙްމަތް ބޮޑީއެވެ. ވީމާ އޮތީ ޝަކުވާކުރުމެއް ނޫނެވެ. އޮތީ ކެތްތެރިވުމެވެ. ކެތްތެރިވެއްޖެ ނަމަ ރަޙްމަތް އިތުރުކުރައްވަވައި ދެއްވަވާނެތެވެ. ބަލިވުމަކީ ﷲ ތައާލާ މިންވަރުކޮށްދެއްވަވާ ރަޙްމަތެއް ކަމުގައި ބުނެފިނަމަ ހަޤީޤަތް ނުވިސްނޭ މީހަކު ރުޅިވެސް އަތުވެދާނެއެވެ. ނަމަވެސް ހަޤީޤަތަކީ މިބުނީއެވެ.
މީގެ މާނައަކީ ބަލިވުމުން ބޭސް ނުކުރުމެއް ނޫނެވެ. އަދި ޝިފާ ދެއްވެވުން އެދި ދުޢާ ނުކުރުމެއްވެސް ނޫނެވެ. އެހެނީ ކުރަންޖެހޭ ކަންކަމެވެ. ބަލި ނުވި ނަމަވެސް ބަލިތަކުން ސަލާމަތްވެހުރުމަށް މަސައްކަތްކުރަންވާނެއެވެ! އަދި ދުޅަ ހެޔޮ ޞިއްޙަތެއް ދެއްވެވުން އެދި ދުޢާކުރަންވެސް ވާނެއެވެ.
ހަމައެކަނި ބަލިވުމެއްވެސް ނޫނެވެ. ކޮންމެ މުޞީބާތަކީވެސް ހަމަ އެފަދަ ކަމެކެވެ. މުޞީބާތަށް ކެތްތެރިވުމަކީ އެކަމުގެ ސަބަބުން ފާފަތައް ފުއްސަވައި ދެއްވަވާ ކަމެކެވެ. ވީމާ ބަލިވި ނަމަވެސް މުޞީބާތެއް ކުރިމަތިވި ނަމަވެސް މުސްލިމަކު ދެރަވާކަށް ނުޖެހޭނެއެވެ. އެހެނީ އެއީ އެމީހަކަށް ﷲ ތަޢާލާ ލައްވަވާ ރަޙްމަތެކެވެ! އެ މަންފާ އެމީހަކަށް ލިބޭނީ ކެތްތެރިވެ ސާބިތުވުމުންނެވެ.
--ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން