ޙާޞިލުކުރަން ބޭނުން އެއްވެސް ކަމެއް ޙާޞިލު ނުކުރެވިގެން ކަންބޮޑުނުވާށެވެ! އެއީ ތަނަވަސްކަން ނަމަވެސްމެއެވެ. ދަތިޙާލުގައި އުޅެންޖެހުނު ނަމަވެސްމެއެވެ. އެކަމަށް އެދި ދުޢާކުރަމުން ގެންދާށެވެ! އެކަން އެމީހަކަށް އެންމެ ފައިދާކުރާނެ ވަގުތުގައި ޙާޞިލުކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ
އިސްލާމް ދީނުގައި ސާބިތުވެ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދިރިއުޅޭ މުސްލިމުންނަކީ މާލީ ގޮތުން ކިތަންމެ ފަޤީރު ނަމަވެސް މާ މުއްސަނދި ބައެކެވެ. ލިބުނު އެއްޗެއް ކައިލައިގެން ނުވަތަ ނުލިބުނު ނަމަ ނުކައި ނިދަންވެސް ސިކުނޑި ގޮއްވާލަކަށް ނުޖެހެއެވެ! ﷲ ތަޢާލާގެ މަތިން ހަނދުމަކޮށްލައި ކިޔަން ހުންނަ ޛިކުރުތައް ކިޔައިލުމުން ﷲ ތަޢާލާގެ ރަޙްމަތްފުޅުން ނިދެއެވެ! އިން ޝާ ﷲ
އަހަރެމެން މުސްލިމުން ކުރަން އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިކަން އަދާކުރުމެވެ. ވީހައި ގިނަ ހެޔޮ އަމަލުތައް ކުރަން މަސައްކަތްކުރުމެވެ. ދުނިޔޭގައި އުޅެން ،ިލިބެނީ ވަރަށް ކުޑް ވަގުތު ކޮޅެކެވެ. ވީމާ މިވެނި ކަމަކީ މާކުޑަކުޑަ ހެޔޮ ކަމެއް ކަމަށް ބަލައި ނުކޮށް ނުލާށެވެ! ކުރަން ފުރުޞަތު ލިބޭ ކިތަންމެ ކުޑަ ހެޔޮ އަމަލެއް ނަމަވެސް ނުކޮށް ދޫކޮށްނުލާށެވެ! އެއިރުން އަބަދުވެސް ދާނީ އުފާވެރިކަން އިތުރުވަމުންނެވެ! އިން ޝާ ﷲ
ދެން ބަލައިލަންވީ ދުނިޔޭގައި ތިބި އެންމެ ބޮޑެތި މުއްސަނދިންނަށެވެ! އަތުގައި ކިތަންމެ ގިނަ ފައިސާހުރި ނަމަވެސް އަބަދުވެސް އުޅޭނީ ކުރަން ބޭނުންވާ ކޮންމެވެސް ކަމެއް ނުކުރެވިގެންނެވެ. އެކަމުގެ ކަންބޮޑުވުމުގެ ތެރޭގައެވެ. ޗުއްޓީއެއް ހޭދަކޮށްލަން ތަނަކަށް ދިއަ ނަމަވެސް ޙާޞިލު ނުކުރެވި ހުރި ކަންކަމަށް ވިސްނުން ހުއްޓައެއް ނުލެވޭނެއެވެ! ތިމާގެ އަމިއްލަ އުފަލަށާއި ޢާއިލާގެ އުފާވެރިކަމަސް ދޭންޖެހޭ ސަމާލުކަން އޮންނާނީ ނުދެވިފައެވެ.
ހަޤީޤަތުގައި އެއީ މޮޅުކަމެއް ކަމަށް ދެކޭ ބައަކު އުޅުނު ނަމަވެސް ރޭގަނޑު ވެއްޖެނަމަ ކޮންމެވެސް އެއްޗެއް ބޭނުންކޮށް ސިކުނޑި ގޮއްވާލައިގެން ނޫނީ ބިލިއަނަރުންނަށް ވެސް ނުނިދެނީ ހަމަ ހާޞިލު ނުކުރެވި ހުންނަ ކަންކަން ގިނަކަމުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން