ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްފެށުމުން ކުރިމަތިކުރުވާ ހުރަސްތަކަށް ބިރުގަތުމެއް ނެތް! ކުރާ ފަޟީޙަތަށް ޖެހިލުންނުވީމާ ކުރާނެ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްފެށުމުން ކުރިމަތިކުރުވާ ހުރަސްތަކަށް ބިރުގަތުމެއް ނެތް! ކުރާ ފަޟީޙަތަށް ޖެހިލުންނުވީމާ ކުރާނެ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

މީހަކު ގިނައިން މިސްކިތަށް ގޮސްއުޅެން ފަށައިފިނަމަ ފުރައްސާރަކުރާ ބައަކު އުޅޭނެއެވެ. މަލާމާތުގެ ބަސްތައް ރައްދުކުރާނެ ބައަކުވެސް އުޅޭނެއެވެ. އެމީހަކަށް ކުރިން ކުރެވިފައިވާ ފާފަތަކުގެ ވާހަކަ ދައްކާ ބައަކުވެސް އުޅޭނެއެވެ. އެފަދަ އެންމެންނަކީވެސް ޝައިޠޯނާގެ ބައިވެރިންނެވެ. ޝައިޠޯނުންގެ ތެރެއިން ހިމެނޭ މީހުންނެވެ.

ތިބާ ﷲ ގެ މަގުގައި ސާބިތުވުމުން މީހުން ކުރާ ފުރައްސާރައަށް ނުބަލާށެވެ! އެއިން ކޮންމެ ފުރައްސާރައަކުން ވެސް ތިބާއަށް އާޚިރަތް ދުވަހު ކުރާނީ ފައިދާއެވެ. ވީމާ މީހުން ކުރާ ފުރައްސާރައަށް ނުބަލާށެވެ!

އެންމެ މުހިންމު ފަރާތަކީ ﷲ ތަޢާލާއެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން ފުދި އިތުރުވީއެވެ! ވީމާ މީހަކު ބުނާ ބަހަކަށް، ނުވަތަ ކޮށްފާނެ މަލާމާތަކަށް ނުވަތަ ކުރިން ކުރެވިފައި އޮތް ކަމެއް ބޭޒާރުކޮށްލައިފާނެ ކަމަށް ބިރުން ﷲ ތަޢާލާގެ މަގާއި ދުރުނުވާށެވެ! ދެ ދުނިޔެ ހާޞިލުކުރެވޭނީ އެއިރުންނެވެ!

ވީމާ ކުރިން ކުރެވިފައިވާ ފާފައެއް ބޭޒާރުކޮށްފާނެ ކަމަށް ލަދުގެން ފަސްނުޖެހޭށެވެ! ތައުބާވުމުން މިހާރު އެކަން ﷲ ތަޢާލާ ވާނީ އެއީ ތިބާއަށް ކުރެވުނު ހެޔޮ އަމަލަކަށް ބަދަލުކޮށް ދެއްވަވައިފައެވެ! އިން ޝާ ﷲ. ވީމާ ކުރިން ކުރެވިފައި އޮތް ފާފަފައެއް ބޭޒާރުކުރުމުން ނުވަތަ ބޭޒާރުކޮށްލައިފާނެ ކަމަށް އެއްވެސް ވަރަކަށް ދެރަވެ ފަސް ނުޖެހޭށެވެ! އެކަމުން ހުރިހާ ގެއްލުމެއް ވެސް ލިބޭނީ އެކަން ކުރި މީހަކަށެވެ!

ކުރިން ބުނިފަދައިން ﷲ ތަޢާލާގެ މަގުގައި ސާބިތުވުމުން ފުރައްސާރަކުރާނެ ބައަކު އަބަދުވެސް ތިބޭނެއެވެ. އެއީ ރަސޫލް (ﷺ)ގެ ޒަމާނުން ފެށިގެން މިއަދާއި ހަމައަށްވެސް އެކަން ހިނގަމުން އަންނަގޮތެވެ! އަދި ދުނިޔެ ފެށުނީންސުރެވެސް އެކަން ހިނގަމުން އަންނަ ގޮތެވެ!

މީހަކު އޭނާގެ ޢމަލުތައް އިޞްލާޙްކޮށް ﷲ ތަޢާލާގެ މަގުގައި ސާބިތުވާނަމަ އޭނާއަށް ކުރިން ކުރެވިފައި ހުރި ކުށްތަކުގެ ވާހަކަ ދައްކައި ލަދުގަންނަވަން މަސައްކަތްކުރަނީ އެމީހާ އިޞްލާޙްވުމަށް ހުރަސް އެޅުމަށެވެ! އެކަން އެކުރަނީ ހަމަ ޝައިޠޯނާގެ ބައިވެރިންނެވެ. ޝައިޠޯނާގެ ބައިވެރިން އަބަދުވެސް ދުނިޔޭގައި އުޅޭނެއެވެ. އެއީ ދުނިޔެ ދެމިއޮތްހައި ދުވަހަކު ނެތި ހުސްވެގެންދާނެ ބައެއް ނޫނެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން