އިޚްލާޞްތެރިކަމާއެކު ކުރާ ދުޢާ ދުނިޔޭގަ ހުއްޓާ ޢިޖާބަނުކުރައްވަވައިފިނަމަ އެންމެ ބޮޑަށް ބޭނުންޖެހޭ، އެންމެ ފައިދާކުރާނެ ވަޤުތު ޢިޖާބަކުރައްވަވައި ދެއްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އިޚްލާޞްތެރިކަމާއެކު ކުރާ ދުޢާ ދުނިޔޭގަ ހުއްޓާ ޢިޖާބަނުކުރައްވަވައިފިނަމަ އެންމެ ބޮޑަށް ބޭނުންޖެހޭ، އެންމެ ފައިދާކުރާނެ ވަޤުތު ޢިޖާބަކުރައްވަވައި ދެއްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

ދުޢާއަކީ އަޅާ އާއި ﷲ ތަޢާލާ އެންމެ ބޮޑަށް ގުލުވައިދޭ ވަސީލަތްކަމަސް ބުނެވިދާނެއެވެ. ސަބަބަކީ ގިނަގިނައިން ދުޢާކުރާ މީހާ އަބަދުވެސް ހުންނާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުންމަތީގައެވެ. އެކަމުގެ ސަބަބުން ﷲ ތަޢާލާ އާއޮި އެމީހަކާއި ދެމެދުގައި އޮންނާނީ ވަރަށް ބަދަހި ގުޅުމެކެވެ. އިން ޝާ ﷲ  

ތިބާ ކަމަކަށް އެދި ދުޢާކުރަނީއެވެ. ނަމަވެސް އެކަން ހިންމަވައެއް ނުދެއްވަވައެވެ. އަހަރު، 2 އަހަރު، 3 އަހަރު ފާއިތުވެގެން ދިއައީއެވެ. 10، 20 30 އަހަރު ފާއިއތުވެގެން ދިއައީއެވެ. ނަމަވެސް މާޔޫސްވެ ދުޢާކުރުން ހުއްޓައެއް ނުލަމުއެވެ. ތިބާ ގެންދިއައީ ހެޔޮ އަމަލުތައް ކުރުމާއި ދުޢާކުރުން ގިނަކުރަމުންނެވެ.  

އެއިރުން ވާނެ ގޮތް ވިސްނޭ ހެއްޔެވެ؟ ތިބާ ކުރި ހެޔޮ ޢަމަލުތަކާއި ދުޢާތަކުގތެ ސަބަބުން އެކަމަށް އެންމެ ފައިދާހުރި ވަގުތުގައި ﷲ ތަޢާލާ ތިބާގެ ދުޢާ ޢިޖާބަކުރައްވަވައިދެއްވަވާނެތެވެ! ދުޢާކުރި މިންވަރަށްވުރެވެސް ގިނަ ރަޙްމަތްފުޅުތަކާއިއެކުގައެވެ! އެއީ ދުޢާ ޢިޖާބަކުރައްވަވައި ދެއްވެވުން ލަސްވަމުންދިއައިރުވެސް މާޔޫސް ނުވެ ދުޢާކުރުންމަތީގައި ސާބިތުވީތީއެވެ! 

އެވަގުތު އުފަލުން ތިބާގެ ހިތް ފުރިގެންދާނެއެވެ! ދުޢާ ޢިޖާބަ ނުކުރައްވަވާއިރު ތިބާއަށް ލިބުނު ހިތްދަތިކަން އެކުގައި ހަނދާންނެތިގެންވެސްދާނެއެވެ! 

ވީމާ އެއްވެސް މީހަކު ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވެގެން މާޔޫސްނުވާށެވެ! ލަސްކުރައްވަވަނީ ވެސް ތިމާއަށް ރަޙްމަތަކަށްކަމުގައި ޔަޤީންކުރާށެވެ! އަދި ކީއްހެއްޔެވެ؟ ތިބާ ކުރާ ދުޢާ  ދުނިޔޭގައި ޢިޖާބަ ނުކުރައްވަވައި އާޚިރަތް ދުވަހު ޢިޖާބަ ކޮށްދެއްވަވަން ބެހެއްޓެވުމަކީ މާމަތިވެރި ނިޢްމަތެކެވެ! އެކަން ފެނިގެންދާހިނދު ތިމާ ކުރި އެއްވެސް ދުޢާއެއް ދުނިޔޭގައި ހުއްޓާ ޢިޖާބަ ނުކުރެއްވެވި ނަމަ ކިހައި ރަނގަޅުވީސްކަން ޤަބޫލުކުރެވި ދުނިޔޭގައި ހުއްޓައި ދުޢާ ޢިޖާބަކޮށްދެއްވެވީތީ ހިތާމަވެސް ކުރާނެއެވެ! 

ވީމާ ތިބާ ކުރާ ދުޢާ ދުނިޔޭގައި ހުއްޓައި ޢިޖާބަކުރައްވަވައި ނުދެއްވެވުމުން ލިބޭ އުފާވެރިކަމުގެ ބޮޑުކަން މާބޮޑޑުކަން އެނގި ޔަޤީންވާއިރުވެސް ދުޢާ ޢޖާބަކުރައްވަވައި ދެއްވެވުން ލަސްވެގެން ކަންބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟ އޮތީ އުފާކުރުން ނޫންހެއްޔެވެ؟

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން