މިޙާލުގައި ކައްވަޅުގައި އޮވެ ޢަޛާބް ލިބެމުންދަނީ ތިމާއަށްކަމަށް ވިސްނައިގެން މިވާހަކަކޮޅު ކިޔައިލާށެވެ! ފައިދާކުރާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
މިޙާލުގައި ކައްވަޅުގައި އޮވެ ޢަޛާބް ލިބެމުންދަނީ ތިމާއަށްކަމަށް ވިސްނައިގެން މިވާހަކަކޮޅު ކިޔައިލާށެވެ! ފައިދާކުރާނެ! އިން ޝާ ﷲ

ފުރަތަމަ މިކަންކަމަށް ވިސްނައިލާށެވެ! މީހަކު މަރުވުމުން ޖަނާޒާއަށް ގޮސް މައްޔިތާގެ މޫނު ފެންނަވަޤުތު އަސަރުތަކެއް ކުރާނެއެވެ. ދެރަވެ ކަރުއެލުވައިލެވެއެވެ. ލޮލުން ދެތިން ތިކި ކަރުނަވެސް ވެއްޓިދާނެއެވެ. އެކަމަކު ކޮޓަރިން ބޭރަށް ނުކުމެ މީހުންނާއި ބައްދަލުވުމުން ދައްކާނީ މަރުވިމީހާގެ ވާހަކައެއް ނޫނެވެ. ދުނިޔަވީ ކޮންމެވެސް ކަމެއްގެ ވާހަކައެވެ. ވާހަކަ ދައްކާނީވެސް ހިނިތުންވެ ތިބެގެންނެވެ. 

މައްޔިތާ ވަޅުލައި ޖަނާޒާގެ ކަންކަން ނިމުމުން ގިނަ މީހުން ދާނީ އެކުވެރިންނާއިއެކު ކޮފީއަށެވެ. ގޮސްތިބެގެން ހީނ މަޖާކުރާނެއެވެ. ޢާއިލާގެ މީހުން އެނބުރިދާނީ ގެއަށެވެ. އެދުވަހު ހިތާމައިގައި ތިބޭނެއެވެ. ހަފްތާއެއްވާއިރު ތިބާގެ މަތިން ހަނދާނެއްވެސް ނުހުންނާނެއެވެ. ދިރިއުޅެމުން ގެންދާނީ ހަމަ އުފަލުގައި ތިބެގެންނެވެ. މަސްދުވަސް ނުވަނީސް ބައިވެރިޔާ ލޯބިވެރިއަކު ހޯދައި ދެވަނަ ދިރިއުޅުމެއް ފަށަން މަސައްކަތް ފަށާނެއެވެ. ނިކަން ބުނެބަލާށެވެ. ގިނައިން ކަންކަން ފެންނަނީ މިގޮތަކަށް ނޫންހެއްޔެވެ؟ 

ދެން ވިސްނާށެވެ! މިއީ އެންމެ މުހިންމު ވާހަކައެވެ! މިހާރު ތިބާ ތިއައޮތީ ކައްވަޅުގައި އެކަންޏެވެ. އަޅާލައި އެހީތެރިވާނެ ހަމައެކަކުވެސް ނެތެވެ. އެކުވެރިންނަށާއި ޢާއިލާގެ މީހުންގެ އުފަލަށްޓަކައި ކަންކަން ކުރަން އުޅެން ހަދައިގެން ކުރަންޖެހޭ ވަރަށް އަޅުކަން ކުރެވިފައެއް ނެތެވެ. ކައްވަޅު އިންތިހާއަށް އަނދިރިއެވެ. ފެންނަނީ ޢަޛާބުގެ މަލާއިކަތުން އެކަންޏެވެ. ދަނީ ގަދަފަދަ ޢަޛާބް ލިބެމުންނެވެ. ޢަޛާބަށް ކެތްކުރެވެނީއެއް ނޫނެވެ. ނަމަވެސް ސަލާމަތްވާން ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ. 

ދެން ނިކަން ބުނެބަލާށެވެ! ތިބާ ކުށްވެރިކުރާނީ އެހެން މީހުން ހެއްޔެވެ؟ އެކަންކުރަން ބަލާއިރު ދުނިޔޭގައި ހުރެވުނު ދުވަހު އަޅުކަން ނުކުރީ އަމިއްލައަށެވެ. ވަޤުތުތައް ބޭކާރުގޮތުގައި ދުއްވައިލީ އަމިއްލައަށެވެ. ބުރަމަސައްކަތްކޮށްގެން ހޯދި ފައިސާތަކުން ޞަދަޤާތް ނުކޮށް ދުނިޔޭގެ އުފަލަށް ކަންކަންކުރީ އަމިއްލައަށެވެ. ބަނގުރަލާއި މަސްތުވާތަކެތި ގަނެ ބޭނުންކޮށް އެކަންކުރިކަމުގެ ޢަޛާބު ލިބިގަތީ އަމިއްލައަށެވެ. ފައިސާ ޚަރަދުކޮށް ފާޙިޝް ޢަމަލުތައްކޮށް އެކަންކުރިކަމުގެ ޢަޛާބް ލިބިގަތީވެސް އަމިއްލައަށެވެ. އެހެން މީހަކު ކުށްވެރިކުރެވެން އެބައޮތް ހެއްޔެވެ؟ 

ލޮބުވެތި އެކުވެރިންނޭވެ! ކުރުގޮތަކަށް މިކިޔައިދިން ކަންކަމަށް ވިސްނާށެވެ. މިކިޔައިދިން ފަދަ ޙާލުގައި ކައްވަޅުގައި އޮންނަން ޖެހުނީ ތިމާއަށް ކަމަށް ވިސްނާށެވެ. ތިބާ މަރުވުމުން ގަދަފަދަ ޢަޛާބުގައި އުޅެން ނުޖެހި ސަލާމަތްވާން އެހީތެރިވެދޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން