ބައިވެރިޔާނަމަވެސް އެހެން މީހަކުނަމަވެސް ރުޅިއިސްކުރާނަމަ މިކަންކަން ކިޔައިދޭށެވެ! ރަނގަޅު ބަދަލެއް ފެނުމަކީ ގާތް ކަމެކެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ބައިވެރިޔާނަމަވެސް އެހެން މީހަކުނަމަވެސް ރުޅިއިސްކުރާނަމަ މިކަންކަން ކިޔައިދޭށެވެ! ރަނގަޅު ބަދަލެއް ފެނުމަކީ ގާތް ކަމެކެވެ! އިން ޝާ ﷲ

ގިނަ މީހުން ރުޅިޢާއިމެދު ދެކެނީ އެއީ ތިމާގެ އެންމެ ބޮޑު ދުޝްމިން ކަމުގައެވެ. އެގޮތަށް އެކަން ޤަބޫލުނުކުރާކަށްވެސް ނުބުނާނަމެވެ. ބުއްދިވެރިންނަކީ ރުޅި ތިމާއަށްދޭ މެސެޖް ބަލައިގަންނަން އެނގޭ މީހުންނެވެ.  

ތިމާ ނުރުހޭ ގޮތަކަށް އެހެން މީހުން ކަންކަން ކުރުމުން ރުޅިއާދެވޭއިރު އެހެން މީހުން ނުރުހޭ ގޮތަށް ތިމާ ކަންކަންކުރާނަމަ އެހެން މީހުންވެސް ރުޅިއަންނާނެކަން އެއީ ކުޑަ މެސެޖެއް ހެއްޔެވެ؟ ދަސްކުރަން ނުޖެހޭ ފިލާވަޅެއް ހެއްޔެވެ؟  

ރުޅި އަންނަ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ ރުޅި އިސްކުރުމުގެ ކުރިން ތިމާގެ ޙާލަތާއިމެދު ވިސްނާލަން ޢިލްމުވެރިން ވިދާޅުވަނީ އެސަބަބަށްޓަކައެވެ. ހަމައެއާއިއެކު ރުޅިގަދަކުރުމުން ޙާޞިލުކުރެވޭނެ ފައިދާއެއްވެސް ނުއޮންނާނެއެވެ. ގިނަ ފަހަރަށް ލިބޭނީ ގެއްލުމެވެ. އެހެން މީހުންގެ ކުރިމަތީގައި އަގުވެއްޓޭނެއެވެ. އަދި އެހެން މީހުންގެ ނަފްރަތުވެސް ލިބޭނެއެވެ.  

ކަމެއް ދިމާވާއިރަށް ރުޅިއިސްކުރާ މީހުންނާއިއެކުގައި އުޅޭނެ އެކުވެރިން މަދުވާނެއެވެ. އަދި ރުޅި އިސްކުރާ މީހަކާއިއެކު ދިރިއުޅެން ބޭނުންވާ ބައިވެރިންވެސް މަދުވާނެއެވެ. ވަޒިފާގައި އުޅެންވެސް ދަތިތައް ކުރިމަތިވާނެއެވެ.  

ރުޅި އާއިމެދު މިކަންކަން ޤަބޫލުކޮށް ޢަމަލުކުރަން މަސައްކަތްކުރާށެވެ! ތިމާ ރުޅިއަންނަ ފަދައިން އެހެން މީހުންނަށްވެސް ތިމާދެކެ ރުޅިއާދެވޭނެކަންވެސް ޤަބޫލުކުރާށެވެ! އެއިރުން ރުޅީގެ މައްސަލަ ޙައްލުކުރެވޭނެއެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން