އަންހެނުންގެ ހޭލުންތެރިކަން އިތުރުވެ މިހާރަކަށް އައިސް ގިނަ އަންހެނުން ލޯބީގެ ކުރިއަށް ނެރެންބޭނުންވާ ކަމެއް އެބައޮތެވެ. އެމީހުން ބުނަނީ ލޯބިވުމަކުން އަދި ނުފުދޭ ކަމަށެވެ. އެންމެ މުހިންމީ ސަލާމަތާއި ރައްކައުތެރިކަން ކަމަށެވެ.
އެގޮތަށް ބުނާ އަންހެނުން ބޭނުންވެގެން އެއުޅެނީ ހަތިޔާރާއި ހަށިފާރަވެރިންނެއް ނޫނެވެ. އެމީހުންނަށް ދެރައެއް ނުވަތަ ގެއްލުމެއް ނުދޭނެކަމުގެ ޔަޤީންކަމެވެ. ބާކީކޮށް އެއްލައިނުލާނެ ކަމުގެ ޔަޤީންކަމެވެ. އެމީހުން ދެކެނީ އެއީ ލޯބީގެ ކުރިއަށް ނެރެންޖެހޭ ކަމެއް ކަމަށެވެ.
ލޯބިވާކަން ދައްކައިގެން އުޅެވިދާނެއެވެ. އެގޮތަށް އުޅެމުންވެސް ބާކީކޮށްލަން ބޭނުންވާ އިރަށް ބާކީކޮށް އެއްލައިލާނަމަ ހެޔޮލަފާ އަންހެނުންނަށް އެކަންވަނީ އެންމެ ބޮޑު ކަންތަކަށެވެ. އެކަން އެހެންއެވަނީ ހެޔޮލަފާ އަންހެނުންގެ ވަރަށް ބޮޑު އުންމީދެއް އޮންނާތީއެވެ. އެއީ އެމީހުންގެ ހަށިގަނޑު އެކަކަށް ދައްކައިގެން ޢުމުރު ހޭދަކުރުމުގެ އުންމީދެވެ.
ކޮންމެއަކަސް ކޮންމެ ޢިބާރާތަކުން ދެއްކި ނަމަވެސް މިދެއްކެނީ އެއްވާހަކައެކެވެ. ޒަވާޖީ ޙަޔާތުގައި އެންމެ މުހިންމު ކަމަކީ އެކަކު އަނެކަކަށް އަޅާލައި، އިޙްތިރާމްކޮށްގެން މުޅި ޢުމުރަށް އެކުގައި ދިރިއުޅުން ކަމުގެ އުންމީދެވެ.
ހެޔޮލަފާ ފިރިހެނުންގެ އުންމީދަކަށްވާނީވެސް ހަމަ އެކަންކަމެވެ. މައްސަލައަކަށް މިވަނީ އެއްކަމެކެވެ. އެއީ އިސް ތިރިކުރަންޖެހޭ ޙާލަތުގައި އިސް ތިރިނުކުރެވޭކަމެވެ. ނަތީޖާއެއްގެ ގޮތުން އަވާމެންދުރަށް ހެއްލެވޭކަމެވެ. ޝައިޠޯނާ ދައްކާ މަގުން ދެވޭކަމެވެ.
އުފާވެރި ޒަވާޖީ ޙަޔާތަކަށް ބޭނުންވާނަމަ މިކަންކަމަށް ސަމާލުކަންދޭށެވެ. އުފަލުގައި ޢުމުރަށް އެކުގައި އުޅެން މަގުފަހިވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން