ލޮބުވެތި އަޚުން، ޚުލާސާއެއް ގޮތުގައި ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ގިނަ ފަހަރަށް ކަންތައްތައް ގޯސްވަނީ އަޅުގަނޑުމެން ރުޅި އަންނަ ހިނދުގައި އެކަން ވަޤުތުން ވަޤުތަށް އަޅުގަނޑުމެން ކުރާތީ. ރުޅި އައިއްސަ ހުންނަ ހިނދުގައި މަންމައަކުވެސް ބައްޕައަކުވެސް ލޮބުވެތި އަޚުން، ދަރިއަކާ ދޭތެރޭގައިވެސް އެއްވެސް ވަރެއްގެ ތަސައްރުފެއް ނުވަތަ ޢަމަލެއް ކޮށްގެން ނުވާނެ. އެއްވެސް ވަރެއްގެ މުޢާމަލާތެއް ރުޅި އައިއްސަ ހުންނަ ވަޤުތުގައި އަތުން ފައިން ހިންގައިގެން ނުވާނެ. އެ ރުޅިއައިސް ނިމުމަށްފަހުގަ، ރުޅި އެއްކޮށް އޭނާގެ ކިބައިން ފިލާ ދިއުމަށްފަހުގައި ދެން އެކަމާ ދޭތެރޭގަ ވިސްނާ ފިޔަވަޅު އަޅަންވާނީ. ރުޅި އަންނަ ވަޤުތުގައި ބަސް ބުނުމަކީވެސް ލޮބުވެތި އަޚުން ތިމާ ހީވެސް ނުކުރާ، ތިމާ ބުންނަ ބޭނުން ނުވާފަދަ ބަސްތައް ބުނެވިދާނެ، ރުޅި އަންނަ ވަޤުތުގައި ބަސް ބުނެފިކަމުގައި ވާނަމަ.
އެހެންވެ އަލްއިމާމް ޝާފީ ރަޙިމަހުﷲ ވިދާޅުވަނީ ޖާހިލަކަށް ސަލާމް ބުނުން އެއީ ސަލާމް ދަންނަވާފަ، ސަލާމް ބުނެލާފަ ދިއުން އެއީ އޭނާއަށް ރައްދެކޭ. --- "ތިޔަބައިމީހުންނާ ޖާހިލަކު މުޚާތަބުކޮށްފިކަމުގައި ވާނަމަ ސަލާމްބުނާށޭ" އެހެންމަ އަޅުގަނޑުމެން ވިސްނަންވީ މިގޮތަށް، ކޮންމެހެން ރުޅި އައިއްސަ ތިބޭ ހިނދުގައި އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ އަތުން ފައިން އެއްވެސް މުޢާމަލާތެއް ނުކުރުން. ހަމައެއާ އެކުގައި ހަސަދަވެރިކަމަށް އަޅުގަނޑުމެން ގެންގޮސްދޭނެފަދަ ހުރިހާ ކަމަކުން އަޅުގަނޑުމެން ދުރުވުން. އެއީ އަޅުގަނޑުމެންނަށް ލިބިފައިވާ ނިޢުމަތްތަކާ ދޭތެރޭގައި ވިސްނާ އެ ނިއުމަތްތަކަކީ ވަރަށް ބައިވަރުކަން، އަޅުގަނޑުމެންނަށްވުރެ މާ ދަށް ނިޢުމަތްތައް ލިބިފަ ހުރި ބަޔަކު ތިބިކަން، އެތައް ބަޔަކު ތިބިކަން އަޅުގަނޑުމެންގެ ހިތްމައްޗަށް ގެނެސް އަޅުގަނޑުމެންގެ މަތިން ނިޢުމަތްތައް ލިބިފަ ތިބި މީހުންނާ ދޭތެރޭގަ ނުވިސްނުނއ. އަބަދުވެސް ދަށްކޮށް ނިޢުމަތްތައް ލިބިފަތިބި މީހުންނާ ދޭތެރޭގަ ވިސްނާ އަޅުގަނޑުމެން ﷲ އަށް ޙަމްދުކޮށް ޝުކުރުވެރިވުން.
އަޅުގަނޑުގެ ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ޙަސަދަވެރިކަމާއި ރުޅިވެރިކަމުން ސަލާމަތް ވާނެ މަގު ލެއްވުން. އަދި އަޅުގަނޑުމެންނަކީ ރުޅި އައިސް ތިބޭހިނދުގައި އަޅުގަނޑުމެންގެ އަތުން ފައިން އެއްވެސް ވަރަކަށް މުޢާމަލާތެއް ކުރާ ބައެއްގެ ގޮތުގައި، ކަމެއް ތަސައްރުފެއް ކުރާ ބައެއްގެ ގޮތުގައި ނުލެއްވުން. ރުޅި އައިސް އަޅުގަނޑުމެންގެ ކިބައިން ރުޅި ފިލާ ދިއުމުން އެކަމާ ދޭތެރޭގަ ވިސްނާ ފިޔަވަޅު އަޅާ ބައެއްގެ ގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ލެއްވުން. ---
- ޝައިޚް ނިމާލް މުޙައްމަދުގެ ދަރުސަކުން