ތިބާއަށްވެސް މިދަރަޖައަށް ދެވިދާނެ!: ރައްޓެހިންނާ އެއްއުޞޫލުން ﷲ ތަޢާލާއަށް ވާހަކަތައް ދަންނަވާ ހިސާބަށް ދެވުނު ޒުވާނާގެ ކަންކަން ފެނުމުން އަހުރެންވެސް އަންތަރީސްވި!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތިބާއަށްވެސް މިދަރަޖައަށް ދެވިދާނެ!: ރައްޓެހިންނާ އެއްއުޞޫލުން ﷲ ތަޢާލާއަށް ވާހަކަތައް ދަންނަވާ ހިސާބަށް ދެވުނު ޒުވާނާގެ ކަންކަން ފެނުމުން އަހުރެންވެސް އަންތަރީސްވި!: ބިލާލް އައްސަދު

އަހުރެންނަށް ފެނިފައިވާ ވީޑިއޯ ކްލިޕެއްގައި ޒުވާނާ އިންނަނީ އެކަނި މަސްޖިދުއްނަބަވީގައެވެ. އެކަނި އިނދެގެން އޭނާ ﷲ ތަޢާލާ އާއި މުޚާޠަބްކުރަމުން ގެންދިއައެވެ. އޭނާއަށް ކުރިމަތިވި ކަންކަން ރައްޓެއސަކަށް ކިޔައިދޭ އުޞޫލުންނެވެ. "މިވެނިކަމެއް ކުރިމަތިވިއެވެ. އަހުރެން ކަންތައްކުރީ މިފަދައިންނެވެ."  

މިއީ ބުނާ ޙައްޤު ބަހެވެ. އެވީޑިއޯ ފެނުމުން އަހުރެން އަންތަރީސްވިއެވެ. ސަބަބަކީ މިހުންނަނީ ޢާދައިގެ ކަންކަމެއް ނޫނެވެ. އެފަދަ ކަންކަން ފެނުން މަދުވާނެ މިންވަރު ނިކަން ދެކިބަލާށެވެ. އެއީ އަހުރެންނަށްވެސް ފެނުނު އެފަދަ ފުރަތަމަ މަންޒަރެވެ.  

އެއްވެސް މީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ލޯބިބޮޑުވެ އެލޯބީގައި އެންމެ މަތީދަރަޖައަށް ދެވުމުން އެކަނިވާން ބޭނުންވާނެއެވެ. މާނައަކީ އެކަނި ދިރިއުޅެން ބޭނުންވުމެއް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް މުޢާމަލާތުކުރުމަށްޓަކައި އެކަނި ވަޤުތުހޭދަކުރަން ބޭނުންވުމެވެ.  

ކުރިން މިބުނި ފަދައިން އެކަނި އެހެން އިނދެ ދުޢާކުރުމުގެ އިތުރުން ރައްޓެހިންނާއި ވާހަކަ ދައްކައި އުޅޭ އުޞޫލުން ﷲ ތަޢާލާއަށް މުޚާޠަބްކުރެވޭނެއެވެ. ކުރިމަތިވެފައިވާ ކަންކަމާއި އެމީހަކު އެދޭ ކަންކަމުގެ ވާހަކަ ރައްޓެއްސަކަށް ކިޔައިދޭ އުޞޫލުން ﷲ ތަޢާލާގެ ޙަޟްރަތަށް ދަންނަޥާނެތެވެ. 

މިފެންވަރަށް މީހަކަށް ދެވިއްޖެނަމަ އާޚިރަތުގެ އިތުރުން ދުނިޔޭގައިވެސް އެމީހަކު ހުންނާނީ ވަރަށް އުފަލުގައެވެ. ދިރިއުޅެމުންދާއިރު ތިމާއާއި ދާދިގާތުގައި ﷲ ތަޢާލާ ވޮޑިގެންވާ ކަމުގެ އިޙްޞާޞް އަބަދުވެސް ކުރެވޭނެއެވެ. ވީމާ މީހަކަށް ތިމާއަށް ދެރައެއް ނުދެވޭނެ ކަމުގެ ޔަޤީންކަންވެސް ހިތުގައި އޮންނާނެއެވެ.  

މިދަރަޖައަށް ދާން ބޭނުންވާ މީހާ ފަރުޟުތަކުގެ އިތުރުން ސުންނަތް އަޅުކަންކުރުން ގިނަކުރާށެވެ. ނަމާދުގެ ސަޖިދަތައް ދިގުކުރާށެވެ! ސަޖިދައިގައި އޮވެ ދުޢާކުރުން ގިނަކުރާށެވެ! ޚާއްޞަކޮށް ދަމުނަމާދަށް ރައްކައުތެރިވާށެވެ. އެކަނި އިނދެ ރޭއަޅުކަންކުރުން ގިނަކުރާށެވެ. ކާމިޔާބުވާނެއެވެ. އިން ޝާ ﷲ  

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން