ހެޔޮލަފާ އަނބިންގެ އަގުވަޒަންނުކޮށް ނިކަމެތިކުރުމާ ފިރިންގެ ކުރިއެރުން ހުއްޓި ބަނގުޜޫޓުވުން: ގުޅިލާމެހިފައިވާ ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ހެޔޮލަފާ އަނބިންގެ އަގުވަޒަންނުކޮށް ނިކަމެތިކުރުމާ ފިރިންގެ ކުރިއެރުން ހުއްޓި ބަނގުޜޫޓުވުން: ގުޅިލާމެހިފައިވާ ސަބަބު!

ފިރިމީހާ ވަޒީފާގައި ބާރަށް ކުރިއަރައިދަނީއެވެ. ދިރިއުޅެންކުރާ މަސައްކަތުގައި ބާރަށް ކުރިއަރައިދަނީއެވެ. ކުރިއަރަމުން ގޮސް ވަކިހިސާބަކަށް އެރުމުން ތިމާއަށް ކުރިއެރުން ލިބުނު ސަބަބު އޮޅެއެވެ. އެއީ ތިމާގެ އަމިއްލަ މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށް ޤަބޫލުކުރެވެއެވެ.  

އެހސާބުން އަނބިމީހާއާއި ދުރުހެލިވެވެން ފަށައެވެ. މަޑުމަޑުން ގޮސް އަނބިމީހާ ދޫކޮށްލާ ހިސާބަށް ނުވަތަ އަނބިމީހާ ޢާއި ވަކިވާ ހިސާބަށް ކަންކަން ދެއެވެ. އަދި އެގޮތަށް ކަންކަން މެދުވެރިވެސް ވެއެވެ.  

މިގޮތަށް ދިމާވާ ގިނަ މީހުންނަށް ދާދިއަވަހަށް ކުރިއެރުން ގެއްލެން ފަށައެވެ. މީހާގެ ކަންކަން ހުއްޓުމަކަށް އާދެއެވެ. އެއިގެ ދުވަސްކޮޅެއް ފަހުން އޭނާގެ ކަންކަން ދަށަށްދާން ފަށައެވެ. ލިބެމުން އައި އާމްދަނީ މަދުވާން ފަށައެވެ. ދުވަސްކޮޅެއް ފަހުން ބަނގުރޫޓުވެސް ވެއެވެ.  

މިއީ ވަރަށް ގިނައިން ކަންކަން މެދުވެރިވާ ގޮތެވެ. ސުވާލަކީ މިވީ ކިހިނެއް ހެއްޔެވެ؟  

ޖަވާބަކީ ރަނގަޅަށް ވިސްނާށެވެ. ފިރިމީހާ ކުރިއަރަމުން އައީ އަނބިމީހާގެ ވަރަށް ބޮޑު ދައުރެއް އޮވެގެންނެވެ. އެހީތެރިކަން ލިބިގެންނެވެ. ހިތްހަމަޖެހުންވެސް ދީގެންނެވެ. އަދި އަނބިމީހާގެ ހެޔޮ ދުޢާ އާއިވެސް އެކުގައެވެ. ފިރިމީހާއަށް އެކަންކަމަށް ޝުކުރުވެރި ނުވެވުނީއެވެ. އަނބިމީހާގެ އަގު ވަޒަން ނުކުރެވެނީއެވެ.

އެހިސާބުން ﷲ ތަޢާލާގެ ބަރަކާތް ކެނޑިގެންދަނީއެވެ. މަޑުމަޑުންގޮސް ފޭލްވަނީއެވެ.  

މިކިޔައިދިނީ އަނބިމީހާގެ އަގުވަޒަންނުކުރާ ފިރިންނަށް ކަންކަން މެދުވެރިވާ ގޮތެވެ. ފިރިމީހާގެ އެއްބާރުލުމާއި އެހީތެރިކަމާއިއެކު ކުރިއަރައިގެންދާ އަނބިންވެސް މަދެއް ނޫނެވެ. އެފަދަ އަންތބަކު ފިރިމީހާގެ އަގުވަޒަންނުކޮށްފިނަމަ ހަމަ މިފަދަ ގޮތްތައް މެދުވެރިވެއެވެ.  

ވީމާ ޙައްލަކީ ކައިވެނިކުރުމަށްފަހު ދެމީހުންވެސް ދެމީހުންގެ އަގުވަޒަންކުރުމެވެ. ހެޔޮކޮށް ހިތައިގެން އެކުގައި ކުރިއަށްދާން މަސައްކަތްކުރުމެވެ. އެއިރުން ﷲ ތަޢާލާ ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. ދިރިއުޅުމުގައި ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން