ޒަވާޖީޙަޔާތް އުފާވެރިވުމަށް އެދޭނަމަ ކައިވެނީގެ ކުރިން ހުޅުވުނު އެންމެ ބޮޑަށް ދެލޯ ހުޅުވައި ކައިވެނިކުރުމަށްފަހު އެއްބައި މަރައިލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ޒަވާޖީޙަޔާތް އުފާވެރިވުމަށް އެދޭނަމަ ކައިވެނީގެ ކުރިން ހުޅުވުނު އެންމެ ބޮޑަށް ދެލޯ ހުޅުވައި ކައިވެނިކުރުމަށްފަހު އެއްބައި މަރައިލާށެވެ!

ގިނަ ބައަކު ކައިވެނިކުރަނީ ދެލޯމަރައިގެން ތިބެއެވެ. އަނެކާގެ ކިބައިގައި ހުންނަ ތިމާ ނުރުހޭ ސިފަތައް ފާހަގަ ނުކުރެވެނީ އެހެންވެގެންނެވެ. ކައިވެނިކުރެވުމާއިއެކު ހުޅުވެންހުރި އެންމެ ބޮޑަކަށް ދެލޯހުޅުވައި އަނެކާގެ ކިބައިގައި ހުރި ތިމާ ނުރުހޭ ކަންކަން ހޯދަން ފަށައެވެ. ނިކަން ބުނެބަލާށެވެ! މިއީ ކޮންގޮތަކުން ދެކޮޅު ޖެއްސޭނެ ފޯމިޔުލާއެއް ހެއްޔެވެ؟  

ކާމިޔާބު ކައިވެންޏަކަށް އެދޭނަމަ ކައިވެނީގެކުރިން ހުޅުވުނުހައި ބޮޑަކަށް ލޯހުޅުވާށެވެ. މިބަހުގެ މާނައަކީ ބައިވެރިޔާ އާއިމެދު ދެނެގަންނަން ބޭނުންވާ ހުރިހާ ކަންކަން ވީހާ ރަނގަޅަކަށް ދެނެގަންނާށެވެ. ދެމީހުން ވާހަކަދައްކާށެވެ. މަޝްވަރާކުރާށެވެ. ދައްކަން ބޭނުންވާ އެއްވެސް ވާހަކައެއް ނުދައްކައި ނުބާއްވާށެވެ. ކުރަންބޭނުންވާ ހުރިހާ ސުވާލުތަކެއްކޮށް ޖަވާބުހޯދާށެވެ!  

ބައިވެރިޔާގެ ކިބައިގައިގައި ހުންނަން ތިބާ ބޭނުންވާ ސިފަތަކާއި ބައިވެރިޔާގެ ކިބައިން ބޭނުންވާ ކަންކަމުގެ ލިސްޓެއް ތައްޔާރުކޮށް އެލިސްޓަށް މަޝްވަރާކުރާށެވެ. ތިމާ ބޭނުންވާ ކަންކަމަކީ ކޮބައިކަން ތިމާއަށް އެނގެންޖެހޭނެއެވެ. ނުއެނގޭނަމަ ލިބޭނީ ލިބެން ބޭނުން ނުވާ ކަންކަމެވެ.   

ދެން ކައިވެންޏަށްފަހު (ލޮލުގެ) އެއްބައި މަރައިލާށެވެ. ސަބަބަކީ އެއްވެސް މީހަކީ ހުރިހާ ކަންކަން އެންމެ ފުރިހަމައަށް ހުންނާނެ މީހެއް ނޫނެވެ. އުނިއެތައް ބައިވަރު ކަންތައްތަކެއް ހުންނާނެއެވެ. ތިމާ ބޭނުންނުވާ އެތައް ކަމެއް ބައިވެރިޔާގެ ކިބައިން ފެންނާނެއެވެ.  

ލޮލުގެ އެއްބައި މަރާލަން މިބުނަނީ ފެންނަ ކޮންމެ ކަމަކީ ބޮޑު މައްސަލައަކަށް ހަދައިގެން ނުވާނެތީއެވެ. ބައެއް ކަންކަން ދޫކޮށްލަން (ނުފެންނަކަމަށް ހަދަން) ޖެހޭނެތީއެވެ. ހިތްހަމަ ނުޖެހޭ ކަންކަން ފެނުމުން ރުޅި ނައިސް މަޝްވަރާކޮށް އިޞްލާޙްކުރަން މަސައްކަތްކުރންޖެހޭނެތީއެވެ! 

- ބިލާލް ދައްނޫން ގެ ދަރުސަކުން

މިއަދު އޮންލައިން