ދުނިޔެއާ އުޑުތަކާ ދެމެދުގަ ހުރި ރާސްތާގެ 100 ރާސްތާ މައްޗަށް ސިޑިއަކުން އަރަން ބޭނުން ނޫންނަމަ ސުންނަތް އަޅުކަން ކުރުން ގިނަކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ދުނިޔެއާ އުޑުތަކާ ދެމެދުގަ ހުރި ރާސްތާގެ 100 ރާސްތާ މައްޗަށް ސިޑިއަކުން އަރަން ބޭނުން ނޫންނަމަ ސުންނަތް އަޅުކަން ކުރުން ގިނަކުރޭ!

ފަރުޟު އަދާކުރާ ގިނަ ބައަކުވެސް ސުންނަތް ކުރަނީ ވަރަށް މަދުންނެވެ. ރަވާތިބް ސުންނަތުގެ 12 ރަކްޢަތް، ޟުހާނަމާދު، ވިތުރި، ރޭއަޅުކަން ކުރަނީ މަދު ބައެކެވެ. އަދި ސުންނަތް ރޯދަ ހިފަނީ މާމަދު ބައެކެވެ. ވީމާ ވިސްނައިލާށެވެ.  

ތިބާ ބޭނުންވަނީ މަތީ ފަންގިފިލާތަކަށް މައްޗަށް އަރައިގެންދާށެވެ. އަރަން މިއޮތީ ދެގޮތެކެވެ. އެއީ ސިޑިއަކުން އެރުމާއި ލިފްޓަކުން އެރުމެވެ.  

ސިޑިއަކުން މައްޗަށް އަރާނަމަ ބޮޑެތި ތަކްލީފްތައް އުފުލަންޖެހެއެވެ. ގައިން ހަކަތަތަކެއް ބޭރުވެގެންދެއެވެ. ވަރުބަލިވެސްވެއެވެ. ލިފްޓަކުން އަރާނަމަ އެފަދަ އެއްވެސް ބުރަކަމެއް ނެތި ނުހަނު ފަސޭހައިން މައްޗަށް އަރައިގެންދެއެވެ.  

ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ހަމައެކަނި ފަރުޟު އަދާކުރާ މީހާގެ މިސާލަކީ ސިޑިއަކުން މައްޗަށް އަރާ މީހެއްގެ މިސާލެވެ! ފަރުޟު އަދާކުރަމުން ސުންނަތަށް އަމަލުކުރުމުގަ ސާބިތުވާ މީހާގެ މިސާލަކީ ލިފްޓަކުން މައްޗަށް އަރާ މީހާގެ މިސާލެވެ! މައްޗަށް އަރައިގެން ދާން ބޭނުން ގޮތެއް އިޚްތިޔާރުކުރުން އޮތީ ތިބާއަށެވެ.  

ފަރުޟުތައް އަދާކުރުމަކީ ކޮންމެ މީހަކަށްވެސް ކުރުން ވާޖިބުކަމެކެވެ. ސުންނަތަކީ އިޚްތިޔާރީ ކަމެކެވެ. ދެން މިގޮތަށްވެސް ވިސްނައިލާށެވެ. ބަނޑުހައިވާތީ ކާން މަޖުބޫރުވެއެވެ. ހަަމައެކަނި ބަތްކޮޅެއް ނުވަތަ ޕާންފޮތްޗެއް ކެއިނަމަވެސް ބަނޑުބޮޑުވާނެއެވެ. ނަމަވެސް މީރުކޮށް ކައިލެވޭނީ ރިހަ ނުވަތަ އެނޫންވެސް އެއްޗެތިއަޅައި އެއްކޮށްގެން ނޫންހެއްޔެވެ؟  

ކުރިން މިބުނި ފަދައިން ފަރުޟު އަދާކުރުމަކީ ވާޖިބުކަމެކެވެ. ސުންނަތް އަޅުކަންކޮށް ސުންނަތަށް ޢަމަލުކުރުމަކީ ﷲ ތަޢާލާ ދެކެ ލޯބިން އެކަލާނގެ ރުހިވޮޑިގަތުން އިތުރަށް ހޯދަންކުރާކަމެކެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރަށް ހޯދަން މަސައްކަތްކުރާ މީހާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާނެވަރު ހިތަށް އަރުވާށެވެ!  

ސުވަރުގޭގައި 100 ދަރަޖަ ވާކަމަށާއި ކޮންމެ ދަރަޖައެއްގެ ދެމެދުގައި ދުނިޔެއާއި އުޑުތަކާއިދެމެދުގައިވާ ރާސްތާ ވާކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ. އެހެންކަމަށްވާއިރު ސުންނަތް އަޅުކަންކުރުން އިތުރުނުކޮށް ފަރުޖައްސައިގެން ތިބެވެން އެބަ އޮތްހެއްޔެވެ؟  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން