ބައިވެރިޔާއަށްވިޔަސް ކުށެއް ކުރެވިއްޖެނަމަ މާފަށް އެދެންދެން ނުހުރެ މާފުކުރާނަމަ ލިބޭ ޘަވާބު ގިނަވެ ދިރިއުޅުން އުފާވެރިވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ބައިވެރިޔާއަށްވިޔަސް ކުށެއް ކުރެވިއްޖެނަމަ މާފަށް އެދެންދެން ނުހުރެ މާފުކުރާނަމަ ލިބޭ ޘަވާބު ގިނަވެ ދިރިއުޅުން އުފާވެރިވާނެ! އިން ޝާ ﷲ

އެމީހަކަށް ކުށެއް ކުރެވިއްޖެނަމަ ކޮންމެ މީހަކުވެސް ވަޤުތުން މާފުލިބެން ބޭނުންވެއެވެ. ނަމަވެސް އެހެން މީހަކަށް މާފުކުރަން ވެއްޖެނަމަ އެކަންވަނީ ވަރަށް ބޮޑުކަމަކަށެވެ. މާފަށް އެދި އާދޭސްކުރިނަމަވެސްމެއެވެ. ވީމާ އިތުރަށް ވިސްނައިލަމާ ހިނގާށެވެ. ތިމާއަށް އެންމެ ފައިޑާ ބޮޑު ގޮތާއިމެދުގައެވެ. 

ދެމަފިރިންގެ ތެރެއިންވެސް ހެޔޮކަން ބޮޑީ ކުރިން މާފުކުރާ މީހާއެވެ! މާފުކުރަން އިސްނެގި މީހާއެވެ! މާފަށް އެދެންދެން މާފު ނުކޮށް ލަސްކުރުމުން އެދަނީ ތިމާއަށް ހުރި ޘަވާބުން ބައެއް ގެއްލިގެންނެވެ.   

ވީމާ ހިނދުކޮޅަކަށްވިޔަސް މަޑުނުކޮށް އަވަހަށް މާފުކޮށް ވީހައި ގިނަ ޘަވާބު ލިބިގަންނަން މަސައްކަތްކުރާށެވެ. 

ކުރިމަތިވާ ކޮންމެކަމަކީ މާފުކުރަން އެހައި ފަސޭހަކަމަކަށްނުވެދާނެއެވެ. ހިތަށްލިބޭ އަނިޔާ ބޮޑުވީމައެވެ. އެނޫން ގޮތަކުންވެސް ލިބޭ ގެއްލުން ބޮޑުވީމައެވެ. މާގިނައިން ކަރުނަ އޮހޮރަންޖެހުނީތީއެވެ.  

ކޮންމެ ކުށަކަށްވެސް މާފުކުރުމުގެ ކުޅަދާނަކަން ލިބިގެންވުމަކީ އެންމެ ބާރުގަދަ، އެންމެ ހިތްވަރުގަދަ މީހުންނަށް ނޫނީ ނުކުރެވޭނެ ކަމެކެވެ. މާފުކުރުމަކީ ދުރަވުމެއް ނޫނެވެ. ބަލިވުމެއް ނޫނެވެ. މާފުކުރުމަކީ ގަދަވުމެވެ.  

ދެން އޮތީ ދެމަފިރިންގެ މެދުގައި ޖެހޭ ބޮޑެތި މައްސަލަތަކެވެ. މައްސަލައިގެ ބާވަތުން އެކުގައި އިތުރަށް ދިރިއުޅެވެން ނެތްނަމަ ރަނގަޅަށް ވިސްނައި އަޅަންޖެހޭ ފިޔަވަޅެއް އަޅާށެވެ. ނަމަވެސް ކުރި ކުށަށް މާފުކޮށް އެކަމުން ލިބެން އޮތް ޘަވާބުދޫކޮށްނުލާށެވެ.  

ކިތަންމެ ބޮޑު ފާފައެއް ކުރެވުނުނަމަވެސް ތައުބާވުމުން ﷲ ތަޢާލާ ޢަފޫކޮށްދެއްވަވާކަން ހިތްމައްޗަށް ގެންނާށެވެ. މީސްތަކުންނަށް މާފުކުރުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަންވެސް ކުރަން އޮތް ކަމެކެވެ. ވީއިރު އެވަރުގެ ފައިދާހުރިކަމެއް ނުކޮށް ދޫކޮށްލަން ހެޔޮވެދާނެ ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން