މުޖުތަމަޢު އިސްލާޙް ކުރުމަށް: ދިރިއުޅޭ ގެތައް އިޞްލާޙް ކުރުމުގެ މުހިއްމުކަން

ކިޔުމަށް ހޭދަވާނީ 3މ 21ސ
މުޖުތަމަޢު އިސްލާޙް ކުރުމަށް: ދިރިއުޅޭ ގެތައް އިޞްލާޙް ކުރުމުގެ މުހިއްމުކަން

ޢާއިޝަތު ރަފާޙް ޢަލީ

 

އަހުރެމެން ދިރިއުޅޭ ގެތައް އިސްލާޙްކޮށް ދަރީން ހެޔޮ ރަނގަޅު މަގު ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ޒުވާން ކުދީންނަށް ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘްފުޅުކުރައްވަވާފައިވަނީ ރަނގަޅު ޞާލިޙް މީހުންނާއި ކައިވެނި ކުރުމަށެވެ.. 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘް ބަސްފުޅެއްގައިވެއެވެ. 

تُنْكَحُ الْمَرْأَةُ لأِرْبَعٍ: لِمَالِهَا، وَلِحَسَبِهَا، وَجَمَالِهَا، وَلِدِينِهَا، فَاظْفَرْ بِذَاتِ الدِّينِ، تَرِبَتْ يَدَاكَ

މާނައީ: "ހަތަރުކަމަކަށްޓަކައި އަންހެނުންނާ ކައިވެނިކޮށް އުޅެއެވެ. އެއީ އެކަނބުލޭގެ މުދާވެރިކަމަށާއި، ޙަސަބަށާއި، ރީތިކަމަށާއި، ދީންވެރިކަމަށެވެ. ފަހެ، ދީންވެރި އަންހެނާ ޚިޔާރުކުރާށެވެ. (ނޫނީ) ތިބާގެ އަތް ވެއްޔާ މޮޑެވިދާނެއެވެ. (އެބަހީ ތިބާ ފަޤީރުވެ، ޙަޔާތް ބަރުބާދުވެދާނެއެވެ.)" 

މިގޮތުން އަންހެނުންނަށްވެސް ރަނގަޅޫ ޞާލިޙް ފިރިހެނުންނާއި ކައިވެނި ކުރުމަށް އަންގަވާފައިވެއެވެ. ޒުވާނުން އެމީހުންނަށް ލިބޭ ދަރީންނަށް ރަސޫލުންގެ ފަރާތުން ނަމޫނާ ދައްކައިދީ އިސްލާމްދީނުގެ އަޚްލާޤްގެ މަތީގައި ތަރުބިއްޔަތު ކުރެވިގެން ގެންދެވިދާނެއެވެ. 

ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. 

يَا مَعْشَرَ الشَّبَابِ! مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَّوَجْ ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ

މާނައީ: "އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރުމަށް ކުޅަދާނަވެގެންވާމީހަކު ކައިވެނިކުރާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން އެއީ ލޮލަށްވާ ފިނިކަމެކެވެ. އަދި ފަރުޖުތަކަށްވާ ސަލާމަތެކެވެ." 

ކައިވެންޏަކީ އިންސާނީ މުޖުތަމަޢުތައް ނުބައި ފާހިޝް ޢަމަލުތަކުން ރައްކާތެރިކުރާކަމެކެވެ. އަދި ރަނގަޅު ޞާލިޙް ދަރިފަސްކޮޅެއް ބިނާކުރުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ. ދަރީން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވޭނީ މައިންބަފައިން އިސްލާޙް ވެގެންނެވެ. 

އަދިވެސް ނޫރު ސޫރަތުގެ 32 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

((وَأَنكِحُوا الأَيَامَى مِنْكُمْ وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ))

މާނައީ: "އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެތިބޭ މީހުން، ތިޔަބައިމީހުން (މީހުނާ) ދެވާށެވެ! އަދި ތިޔަބައިމީހުންގެ ފިރިހެން އަޅުންނާއި، އަންހެން އަޅުންގެ ތެރެއިން ހެޔޮލަފާ މީހުންވެސްމެއެވެ."

 

މިއަދު އޮންލައިން