ތިބާ އެމީހަކުދެކެ އިންތިހާއަށް ލޯބިވާ މީހަކު ތިބާއާއި ވަކިވެއްޖެނަމަ ވަރަށް އަސަރުކުރާނެއެވެ. ފުންމިން ނުއެނގޭ ކަނޑަކަށް ޣަރަޤްވީކަމަށްވެސް ހީކުރެވޭނެއެވެ. ނަމަވެސް ޙަޤީޤަތަކީ ކޮބައިކަން އެނގޭހެއްޔެވެ؟
ތިބާ އޭނާދެކެ އިންތިހާއަށް ލޯބިވިނަމަވެސް އޭނާގެ ބޭނުންވީ ތިބާ ތަޖުރިބާކޮށްލާށެވެ! ވީމާ ތަޖުރިބާކޮށްލާފައި އޭނާވަކިވީއެވެ. އެޙާލަތުގައި ލިބިގަންނަންޖެހޭ ފިލާވަޅު ލިބިގަންނާށެވެ! އެފިލާވަޅަކީ ތިމާ ކިތަންމެ ބޮޑަށް މީހަކު ދެކެ ލޯބިވީނަމަވެސް އަދި އެމީހަކަށް ކިތަންމެ ރަނގަޅަކަށް ކަންތައް ކުރުމަކީވެސް އޭނާގެ ވިސްނުން ކޮންމެ ވަޤުތަކުވެސް ބަދަލުނުވާނެ ސަބަބެއް ނޫންކަމެވެ.
ވީމާ ކިތަންމެ ބޮޑަށް ލޯބިވާ މީހަކުދެކެ ލޯބިވާންވާނީވެސް އަދި އެމީހަކާއިމެދު ކަންތައްތައް ކުރަންވާނީވެސް މިފިލާވަޅަށް ވިސްނައި ސަމާލުކަންދީގެން ހުރެއެވެ! އެމީހާ ތިބާ އާއި ވަކިވާ ވަޤުތު ކަންބޮޑުނުވެ ހުރެވޭނީ އެއިރުންނެވެ.
ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ތިމާ މީހަކު ދެކެ ވަރަށް ބޮޑަށް ލޯބިވެ ހެޔޮކޮށް ކަންތައްކުރާނަމަ އެމީހަކު ދުވަހަކުވެސް ތިމާ އާއި ވަކިނުވާނެ ކަމަށެވެ. ރަނގަޅެވެ. ހެޔޮކޮށް ކަންކަންކޮސް ލޯބިދޭނަމަ ވަކިނުވާނެ މީހުންވެސް ތިބޭނެއެވެ. ނަމަވެސް އެއީ އެންމެން ކަމަށް ޔަޤީންނުކުރާށެވެ!
އެޙާލަތުގައި މިގޮތަށް ވިސްނާށެވެ! ތިބާގެ ޙަޔާތަކީ އެތައް ބައިވަރު ބާބުތައް ހިމެނޭ ފޮތެކެވެ. ކިޔައި އެނިމުނީ އެއް ބާބެވެ. ދެން އޮތް ބާބުކިޔަން އަވަހަށް ފަށާށެވެ. އެއރުން މިބުނި ޙާލަތުގައި ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ
- ޢިލްމުވެރިއެއްގެ ވާހަކަފުޅަކުން