ހަނދުމަކޮށްދިނުމެއް!: މަރުވުމުން އޭނާގެ ފުރާނަ ﷲ ގެ ޙަޟްރަތަށް އުފުއްލެވުމުގަ ކަންކަން ހިނގާ ގޮތް އެނގޭ މީހާ އެއްވެސް ފާފައެއް ނުކުރާނެ!: ބިލާލް އަސްއަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 40ސ
ހަނދުމަކޮށްދިނުމެއް!: މަރުވުމުން އޭނާގެ ފުރާނަ ﷲ ގެ ޙަޟްރަތަށް އުފުއްލެވުމުގަ ކަންކަން ހިނގާ ގޮތް އެނގޭ މީހާ އެއްވެސް ފާފައެއް ނުކުރާނެ!: ބިލާލް އަސްއަދު

ގިނަ ބައަކަސް އެންމެ ބޮޑަށް ޣާފިލުވެވެނީ މަރުވުމާއިމެދުގައެވެ. މަރުވުމުން ދެން ކުރިމަތިވާނެ ކަންކަމާއިމެދުގައެވެ. އެއީ މީސްތަކުންގެ އެންމެ ބޮޑު ބަލިފައެވެ. ގިނަބއަކަށް ނަރަކައަށް ވަންނަންޖެހޭ ސަބަބުވެސްމެއެވެ.

މުސްލިމަކަށްވީނަމަވެސް އެހެންދީނެއްގެ މީހެއް ނަމަވެސް އަދި އެއްވެސް ދީނެއް ޤަބޫލުނުކުރާ މީހެއްނަމަވެސް މަރުވާނެކަން ޤަބޫލުނުކުރާ ހަމައެކަކުވެސް ނުހުންނާނެއެވެ. ޤަބޫލުނުކުރާ ބައަކު ޤަބޫލުނުކުރަނީ މަރުވީމާ ދެން ކަންކަންވާނެ ގޮތެވެ.

ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައިވާ އަޅުންގެ ފުރާނަ ހިއްޕެވުމަށް ފޮނުއްވަވާ މަލާއިކަތުން ވަޑައިގަންނަވާނީ ސުވަރުގޭގޭގެ ފޭރާން ވެސް ހިއްޕަވައިގެންނެވެ. ހަށިގަނޑުން ފުރާނަ ނެރުއްވަވާނީ އޯގާތެރިކަމާއިއެކުގައެވެ. އެއަށްފަހު ގެންނެވި ފޭރާމަށް އެފުރާނަލައްވަވައިގެން ﷲ ތަޢާލާގެ ހަޟްރަތަށް ވަޑައިގަންނަވާނެތެވެ!

އެއިރު އުޑުތަކުން ބައްދަލުވާ މަލާއިކަތުން އެމީހާއަށް މުޚާޠަބް ކުރައްވަވާނީ އެމީހަކު ދުނިޔޭގައި ކޮށް އުޅުނު ހެޔޮ އަމަލުތަކުންނެވެ. "ނަމާދުކުރި މީހާ، ދަމުނަމާދުކުރި މީހާ، ދީލަތި މީހާ" ފަދަ ނަންނަމުންނެވެ. ދުނިޔޭގައި މީސްތަކުން ކިޔައި އުޅުނު ނަމަކީ އެއްވެސް މުހިންމު ނަމަކަށް ނުވާނެއެވެ! އޭނާ ދުނިޔޭގައި އުޅުނު ގޮތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. މަލާއިކަތްބޭކަލުން ދެނެވޮޑިގެންވެއެވެ. އެމީހަކު ކޮށް އުޅުނު ހެޔޮ ޢަމަލުތަކުން ނަން އެވިދާޅުވަނީ އެކަންކަން އެގިވަޑައިގަންނަވާތީއެވެ.

ބައްދަލުވާ ހުރިހާ މަލާއިކަތުން އެމީހަކަށް މަރުޙަބާ ވިދާޅުވާނެތެވެ! ތަޢްރީފްކުރައްވަވާނެތެވެ! ރަޙްމަތް ލެއްވެވުން އެދި ދުޢާކުރައްވަވާނެތެވެ!

އެމީހެއްގެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލެވޭހިނދު އެމީހަކީ އެންމެ ރަނގަޅު ގޮތުގައި އުޅެފައިވާ މީހަކު ނަމަ އެމީހެއްގެ ނަން "އިއްލިއްޔީން" ގައި ލިޔުއްވުމަށް ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާނެތެވެ! އަދި އެ ފުރާނަ އަނބުރައި ބިމަށް ރުޖޫޢަކުރެއްވެވުމަށްވެސް އަންގަވާނެތެވެ!

އެއީ އިންސާނާ އުފެއްދެވީ ބިމުން ކަމަށްވެފައި ޤިޔާމަތް ދުވަހާއި ހަމައަށް ކޮންމެ މީހަކުވެސް އޮންނަން ޖެހޭ ތަނަކީ އެއީ ކަމަށްވާތީއެވެ. "އޭނާގެ ފުރާނަ އޭނާގެ ހަށިގަނޑަށް ރުޖޫޢަކުރައްވަން" ﷲ ތަޢާލާ ވަޙީ ކުރައްވަވާ ބަސްފުޅުގެ މާނަ އެނގިގެނެއް ނުވެއެވެ. އެހެނީ ހަށިގަނޑު އަނދައިގެންވެސް މަރުވެއެވެ. އެމީހުންގެ ހަށިގަނޑއް ނުއޮންނާނެއެވެ! އަދި ހަށިގަނޑު ވަޅުލެވުނު ނަމަވެސް ހަށިގަނޑަކީ ނެތި ފަނާވެގެންދާނެ އެއްޗެކެވެ. އެނގޭކަމަކީ ޤިޔާމަތް ދުވަހާއި ހަމައަށް ބަރުޒަޚުގެ ޢާލަމުގައި ކޮންމެ މީހެއްގެ ފުރާނަވެސް ދެމިގެންވާނެ ކަމާއި ޙައްޤު ޖަޒާ ލިބެމުންދާނެ ކަމެވެ.

"އިއްލިއްޔީން" އަކީ އެންމެ މާތް މީހުންގެ ނަންތައް ލިޔުއްވަވާ ދަފްތަރެވެ. އެ ދަފްތަރުގައި ތިބާގެ ނަން ލިޔުއްވަވައިފިނަމަ ތިބާއަށް އެވަނީ ބަރްޒަޚްގެ ޢާލަމްގައިވެސް އަދި ދުނިޔޭގައިވެސް އެންމެހައި ނިޢްމަތްތަކެއް ލިބިފައެވެ.

ހަމަ މިކަން ދުނިޔޭގައި ނުބައިކޮށް އުޅުނު މީހުންނަށްވެސް ކުރިމަތިވާނެއެވެ! އެމީހަކު ދުނިޔޭގައި އުޅުނު ގޮތް މަލާއިކަތުން އެނގިވަޑައިގަންނަވައެވެ. އެމީހަކަށް ވިދާޅުވާނީ ލަޢްނަތުގެ ބަސްތަކެވެ.

ތިބާ މަރުވުމުން ފުރާނަ އުޑުތަކުގައި އުފުލިގެންދާހިނދު، ތިބާއަށް މުޚާޠަބްކުރައްވަވައި، އަނިޔާވެރިޔާ، ވައްކަންކުރާ މީހާ، ޒިނޭކުރާ މީހާ، މަސްތުވާތަކެތި ބޭނުންކުރާ މީހާ، މީހުން މަރާ މީހާ، ފަދަ ނަންތައް މަލާއިކަތުން ވިދާޅުވެއްޖެ ނަމަ ކުރާނެ އަސަރު ނިކަން ހިތަށް ގެނެސްބަލާށެވެ! ދުނިޔޭގައި ކިތަންމެ ވަރަކަށް ގަދަފައި ވިއްދާފައި އުޅުނު ނަމަވެސް އެދުވަހު އުފް ވެސް ނުބުނެވޭނެއެވެ. ފިޔަ ނެތް ކުނަމެއްސަކަށްވުރެވެސް ނިކަމެތިވާނެއެވެ!

--ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން