އެންމެ ގިނަ ބައަކަށް ނުވިސްނޭ ނުވަތަ ޤަބޫލުނުކުރެވޭ އެއްކަމަކީ އެއްވެސް މީހަކު އެކަނި ނުހުންނާނެ ކަމެވެ! އެކަނިވެރި ނުވާނެކަމެވެ. އެހެނީ އަބަދުވެސް ގެއްލޭނީ 3 ވަނަ ފަރާތެވެ! ޔަޤީންކުރަން ޖެހޭ ކަމަކީ ތިމާ އާއިއެކު 2 ވަނަ ފަރާތެއްގެ ގޮތުގައި އަބަދުވެސް ﷲ ތަޢާލާ ވޮޑިގެންވާ ކަމެވެ.
ތިމާ އާއި އަބަދުވެސް ވަކިވާނީ ތިމާ އާއި ގުޅޭ އިންސާނުންނެވެ. އެއީ 3 ވަނަ ފަރާތެވެ. މީހަކު އުފަންވާ ހަމައިން ދުވަހަކު ވެސް އެމީހަކާއި ﷲ ތަޢާލާ ވަކިވެވޮޑިގެނެއް ނުވެއެވެ. ދުނިޔޭގައި ވެސް، މަރުވުމުން ކައްވަޅުގައިވެސް އަދި އާޚިރަތުގައިވެސް އެމީހަކާއިއެކު ވޮޑިގެންވެއެވެ. އެކަން ޤަބޫލު ނުކުރެވި ﷲ ތަޢާލާ އާއި ދުރުހެލިވެވެނީ މީސްތަކުންނަށެވެ.
މީހަކު ﷲ ތަޢާލާ އާއި ކުއްތަންވުމަށް މަސައްކަތްކުރާނަމަ އެމީހަކަށްވުރެ މާބޮޑަށް ﷲ ތަޢާލާ ކުއްތަންވެވޮޑިގަންނަވަތެވެ. އެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
ކަންބޮޑުވުމާއި ހާސްވުމާއި ނުތަނަވަސްކަން އިތުރުވެ ނަފްސާނީ ބަލިތަކާއި ދިމާއަށް މީހުންނަށް ދެވެނީ ތިމާ އާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުނުކުރެވޭތީއެވެ! އެކަން ޤަބޫލުކޮށް ﷲ ތަޢާލާ އަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރަމުން ގެންދިއުމަކީ މައްސަލައަށް އޮތް އެންމެ ފުރިހަމަ ޙައްލެވެ.
އެއީ ކުރަން ކިތަންމެ ގޯސްކަމެއް ނަމަވެސް މައިން ބަފައިންވެސް ޢާއިލާގެ އެންމެންވެސް ތިބާ ދޫކޮށްލައިފާނެއެވެ. އެންމެ ލޯބިވާ ދަރިންވެސް މެއެވެ. އަދި އެންމެ ލޯބިން ކައިވެނިކުރި ބައިވެރިޔާވެސްމެއެވެ. ވީމާ އަބަދުވެސް ހުންނަންވީ އެޙާލަތަށް ތައްޔާރުވެގެންނެވެ. އެއީ ކުރިމަތިވެދާނެ ޙާލަތެއްކަން ޤަބޫލުކޮށްގެންނެވެ. ޔަޤީންކަން ބާއްވަންވީ ތިބާ ﷲ ތަޢާލާ އާއިއެކުގައި ވާހައި ހިނދަކު ﷲ ތަޢާލާ ތިބާ ދޫކޮށެއް ނުލައްވަވާނެކަމެވެ. ތިބާ އާއި އެންމެ ގާތުގައި ވޮޑިގެންވާނެކަމެވެ. އެއިރުން އެމީހަކު އަބަދުވެސް ހުންނާނީ ފުދިއިތުރުވެގެންނެވެ.
--މުފްތީ މެންކުގެ ދަރުސަކުން