އުފަލުގަ ދިރިއުޅެން ބޭނުންވާނަމަ ކުރިން ލިބިފައިވާ ދެރައަށް ހިތާމަކޮށް ނަފްސް ބަލިކަށިނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އުފަލުގަ ދިރިއުޅެން ބޭނުންވާނަމަ ކުރިން ލިބިފައިވާ ދެރައަށް ހިތާމަކޮށް ނަފްސް ބަލިކަށިނުކުރާށެވެ!

މުސްލިމުންނަށް އޮތް އެންމެ ބޮޑު އުފަލަކީ ތައުބާވުމުން ފާފަތައް ފުއްސަވައި ދެއްވަވާ ކަމެވެ. ދިރިއުޅުމުގެ ކޮންމެ ކަމަކަށްވެސް މިއީ އެންމެ އަގުހުރި އެއް ފިލާވަޅެވެ. ފިލާވަޅުގައި ދަސްކުރަންޖެހޭ އެންމެ މުހިންމު ކަމަކީ މާޒީގައި ކުރެވިފައިވާ ކަންކަމަށް ހިތާމަ ނުކުރުމެވެ.

މުސްލިމުން އަބަދުވެސް ޤަބޫލުކުރަންވާނީ މާޒީއަކީ ޢިބްރަތެއް ކަމަށެވެ! މުސްލިމުންނަށް އޮތީ ޢިބްރަތް ޙާޞިލުކޮށް މުސްތަޤްބަލް އުޖާލާކުރަން މަސައްކަތްކުރުމެވެ! ވީމާ މުސްލިމުންނަކީ މާޒީގައި ލިބިފައިވާ ދެރައާއި ގެއްލުންތައް ހަދާންކޮށް އެކަންކަމަށްޓަކައި ހިތާމަކޮށްގެންވާނެ ބައެއް ނޫނެވެ!

އެހެނީ ކޮންމެ ކަމެއްވެސް މެދުވެރިވާނީ ﷲ ތަޢާލާ އެކަމަށް އިރާދަކުރެއްވެވުމުންނެވެ! ވީމާ ޤަބޫލުކުރަންޖެހޭނީ ކޮންމެ ކަމެއްވެސް ކުރިމަތިވީ އެމީހަކަށް ރަނގަޅަކަށް ކަމަށެވެ! ހިތް ދަތި ޙާލަތެއް ކުރިމަތިވި ނަމަވެސް އެކަން މިންވަރުކުރެއްވެވީ ވެސް ތިމާއަށް ރަނގަޅަކަށް ކަމަށެވެ. އެކަން އެގޮތަށް މެދުވެރިވުމުން ލިބިގެންދާނެ ފައިދާތަކެއް ހުންނާނެ ކަމެވެ!

ކޮންމެ ޙާލަތަކީވެސް އިމްތިޙާނެކެވެ. ހިތްދަތި ޙާލަތެއް ނަމަވެސް އަދި އުފާވެރި ޙާލަތެއް ނަމަވެސްމެއެވެ. ވީމާ މުސްލިމުންނަށް އޮތީ އެ އިމްތިޙާނުން ފާސްވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ.

ވީމާ ދެދުނިޔެ ޙާޞިލުކުރަން އެދޭ މީހާ ފުރަތަމަ ކަމަކަށް އޭނާ އާއި ކުރިމަތިވާ ގޮންޖެހުންތަކާއި ސާބިތުކަމާއިއެކު ކުރިމަތިލާށެވެ! ކެތްތެރިކަމާއިއެކު މަސައްކަތްކޮށް ކާމިޔާބީ ޙާޞިލުކުރާށެވެ! އަދި ލިބުނު ފިލާވަޅަކީ މުސްތަޤްބަލުގައި ތިމާ މައްޗަށް އަރައިގެންދާނެ ހަރުފަތްތަކަކަށް ހަދާށެވެ!

އެހާލަތުގައި އުޅޭއިރު ވެސް ދެބައަކަށް މީހުން ތިބޭނެއެވެ. އެއްބައަކު ހެޔޮ ނަޞޭޙަތްދީ ހިތްވަރުދޭނެއެވެ. އަނެއް ބައަކު މަލާމާތާއި ފުރައްސާރަވެސް ކުރާނެއެވެ. ފާޑުވެސް ކިޔާނެއެވެ. އެތަނުން ހެޔޮ ނަޞޭޙަތްދީ ހިތްވަރުދޭ މީހުންގެ ބަސް ޤަބޫލުކުރާށެވެ! އެމީހުންނަށް ޝުކުރު އަދާކުރާށެވެ! ފާޑުކިޔައި މަލާމާތާއި ފުރައްސާރަކުރާ މީހުންގެ އަޑުވެސް ނުއަހާށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން