ބަންގީގެ އަޑަށް ސިއްސައިގެންދާންޖެހޭނަމަ އެހުރެވެނީ ވަރަށް ފަހަތުގަ! ކާމިޔާބު މީހަކަށްވުމަށް އެދޭނަމަ އެކަން ބަދަލުކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ބަންގީގެ އަޑަށް ސިއްސައިގެންދާންޖެހޭނަމަ އެހުރެވެނީ ވަރަށް ފަހަތުގަ! ކާމިޔާބު މީހަކަށްވުމަށް އެދޭނަމަ އެކަން ބަދަލުކުރޭ!

ފުރަތަމަ ކަމަކަށް ބަންގީގެ އަޑަށް ސިއްސައިގެން ދިއުމަކީ ޝައިޠޯނާއަށް ކުރިމަތިވާ ކަމެކެވެ. އެކަމަކު ބަންގީގެ އަޑު އިވުމުން ސިއްސައިގެންދާ މީހުން ގިނަވެއްޖެއެވެ. ނަމާދުކުރާ މީހުންގެ ތެރޭގައިވެސް އެކަން ކުރިމަތިވާ މީހުން އެބައުޅެއެވެ. 

ޙައްލު: 

ނަމާދު ވަޤުތުތަކާއި ބައްދަލުކުރަންވީ ބަންގީގެ އަޑުއިވުމުން ސިއްސައިގެންދާ އުޞޫލަކުން ނޫނެވެ. ބަންގީގެ އަޑަށް ސިއްސައިގެން ދާން ނުޖެހޭނެ ގޮތަށެވެ. އެއީ ކުރިއާލައި އެކަމަށް ވަގުތު ހުސްކޮށްގެން ހުރުމެވެ. ބަންގިއަށް މަރުޙަބާކިޔަން ތައްޔާރުވެގެން ހުރުމެވެ. 

މިހާރަކަށް އައިސް ވަރަށް ގިނަ މީހުން އެމީހުންގެ ފޯނުތަކަށް އެޕްތައް އަޅައި ބަންގީގެ 10 ވަރަކަށް މިނިޓްކުރިން ވަޤުތު ގާތްވެއްޖެކަން އެނގޭނެ ގޮތް އެބަހަދައެވެ. މިއީ ކުރަން ވަރަށް ރަނގަޅު ފައިދާވެސް ހުރިކަމެކެވެ. މިސްކިތުން ގޮވާ ބަންގީގެ އަޑަށް ސިއްސައިގެންދާ މީހަކަށް ނުވާން ކުރަން އޮތް ވަރަށް ރަނގަޅު ކަމެކެވެ. 

މުހިންމީ 10 މިނިޓް، 5 މިނިޓެއް ނޫނެވެ. އެއަޑު އިވުމުން ވުޟޫކޮށްގެން މިސްކިތަށް ދެވޭހައި ވަޤުތު އޮއްވައި އެލާޓްލިބުމެވެ. އެހެނީ ބޭނުންވެގެން މިއުޅެނީ ބަންގީގެ ކުރިން މިސްކިތަށް ދިއުމެވެ. ޖަމާޢަތުގެ ނަމާދަށް އިމާމް މީހާއާއިއެކު ޙަރަމްބަނުމުގެ އިތުރުން ބަންގިގޮވާއިރު މިސްކިތުގައި ހުރެ ބަންގިއަށް ޢިޖާބަދޭ މީހަކަށްވާށެވެ. ބަންގިދުޢާވެސް ކިޔައި އެކަމުގެ ޘަވާބުވެސް ހޯދާށެވެ. އިހުސުންނަތްވެސް ކުރާށެވެ. 

ފުރިހަމަ ގޮތުގައި ނަމާދެއް ކުރެވުނުކަމަށް އަހުރެން ދެކެނީވެސް އެކަމުގެ ހިތްހަމަޖެހުން އަހުރެންނަށް ލިބެނީވެސް ބަންގިގޮވާއިރު މިސްކިތުގައި ހުރެވިއްޖެނަމައެވެ. އަހުރެން ޤަބޫލުކުރަނީ ނަމާދަށް ލޯބިކުރާ މީހުންގެ ގޮތަކަށްވާންޖެހޭނީ އެގޮތްކަމެވެ. 

ދުވަހުގެ އެންމެ މުހިންމު އެޕޮއިންޓްމަންޓްތަކަކީ ކޮންމެ ދުވަހަކު ﷲ ތަޢާލާގެ ޙަޟްރަތުގައި ކޮންމެހެން ހުއްޓި ހުންނަން ޖެހޭ 5 ވަގުތު ކަމުގައި ހަދާށެވެ! އެކަމަށްވުރެ ވަކިން ބޮޑަށް ފައިދާކުރާނެ އެޕޮއިންޓްމަންޓެއް ނެތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން