ބައެއް ޞަހާބީން ވިދާޅުވެފައިވާ ގޮތުގައި އެބޭކަލުން ސަމާލުކަން ދެއްވަނީ ދުޢާކުރެއްވެވުމަށެވެ. ދުޢާ ކުރެއްވެވިއްޖެނަމަ އެބޭކަލުން ޤަބޫލުފުޅު ކުރައްވަވަނީ އެބޭކަލުންގެ ބައި ނިމުނީކަމަށެވެ. ޢިޖާބަކުރެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށް ކަމުގައިވާތީއެވެ. އެބޭކަލުން އެޔަޤީންކުރައްވަވަނީ ދުޢާ ކުރެއްވެވުމުން ޢިޖާބަކުރައްވަވާނެ ކަމެވެ.
އަދިވެސް އެބޭކަލުން ބަޔާން ކުރައްވަވާފައިވެއެވެ. "ދުޢާކުރުމުގެ ވިސްނުމާއި ކުޅަދާނަކަން ﷲ ތަޢާލާ ދެއްވަވައިފިނަމަ އެއިގެ މާނައަކީ ދުޢާ ޢިޖާބަކުރައްވަވާނެ ކަމެވެ. އެހެން ނޫންނަމަ ދުޢާކުރުމުގެ ވިސްނުމާއި ފުރުޞަތު ނުދެއްވެވީހެވެ."
ވީމާ ދުޢާކުރުމުގެ ޤާބިލްކަން ދެއްވެވުމަކީވެސް ﷲ ތަޢާލާ ދެއްވަވާ ރަޙްމަތެކެވެ. ވީމާ ފުރަތަމަކަމަކަށް ދުޢާކުރުމުގެ ކުޅަދާނަކަން ދެއްވެވި ކަމަށްޓަކައި ޝުކުރުވެރިވާށެވެ.
ޔަޤީންކުރަންވީ ކަމަކީ އެމީހަކަށް އެންމެ ފައިދާހުރި ވަޤުތުގައި ދުޢާ ޢިޖާބަކުރައްވަވާނެކަމެވެ. ޙަދީޘްފުޅުތަކުން އެނގެން އޮތް ގޮތުގައި ދުޢާޢިޖާބަކުރައްވަވާ ތަފާތު ގޮތްތައް ހުރެއެވެ. އެއްގޮތަކީ އެދުނު ކަންތައް އެދުނުގޮތަށް ދުނިޔޭގައި ހިންމަވައި ދެއްވެވުމެވެ. ދެވަނަ ގޮތަކީ ކުރިމަތިވެފައިވާ އެހެން މުޞީބާތެއް ނުވަތަ ތަކްލީފެއް ލުއިކުރައްވަވައި ދެއްވެވުމެވެ. 3 ވަނަ ގޮތަކީ އެދުޢާ ޤިޔާމަތް ދުވަހުގައި ޢިޖާބަކޮށްދެއްވެވުމަށް ލަސްކުރެއްވެވުމެވެ.
މި 3 ގޮތުންކުރެ އެމީހަކަށް އެންމެ ބޮޑަށް ފައިދާކުރާނީ ކޮންގޮތަކުންކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ދުޢާކުރުމަށްފަހު ޔަޤީންކުރަންވީ ކަމަކީ ކުރި ދުޢާ ﷲ ތަޢާލާގެ ޙަޟްރަތަށް ފޯރިކަމެވެ. އަޑުއައްސަވައިވޮޑިގަންނަވާނެކަމެވެ. ވީމާ އެހިސާބުން ދުޢާކުރިމީހާގެ ބައި އެނިމުނީއެވެ. ދެން އޮންނާނީ ވަކީލްކުރުމެވެ.
ހަމައެއާއިއެކު ޙަދީޘްފުޅުން އެނގެން އޮތީ ދުޢާކުރުމަށްފަހު ޢިޖާބްކުރެއްވެވުން ލަސްވެގެން ޝަކުވާކޮށް ހެދުމަކީ ދުޢާ ޢިޖާބަ ނުކުރައްވަވައިފާނެ ކަމެއް ކަމެވެ. ސަބަބަކީ ﷲ ތަޢާލާއަށް ވަކީލް ނުކުރެވުނީތީއެވެ. އެއީ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ އެއްކަންތަކެވެ.
ދުޢާކުރިނަމަވެސް ޢިޖާބަ ނުކުރައްވަވާނެ ކަމަށް ވިސްނައިދީ މީހާ މާޔޫސްކުރުވަނީ ޝައިޠޯނާއެވެ. ޝައިޠޯނާގެ ބޭނުމަކީ ތިބާކުރި ދުޢާޢިޖާބަ ނުކުރައްވަވާނެ ގޮތް ތިބާ ލައްވައި ހެއްދުވުމެވެ. ވީމާ ދުޢާކުރުމަށްފަހު ޝައިޠޯނާގެ މަޅީގައި ނުޖެހޭށެވެ.
- އިމާމް ޢުމަރު ސުލައިމާނުގެ ދަރުސަކުން