މިހާރަކަށް އައިސް ކައިވެނިކުރަން ތައްޔާރުވެ އެންމެ ފަހުވަޤުތު ގިނަ ބައަކު ކައިވެނީގެ ބަރަކާތް އެބަ ގެއްލުވައިލައެވެ. އެއީ ރަންކިޔުއްވާފައި ނުވަތަ ކޯޓަށް ފޯމުލާފައި ކައިވެނިކުރުމުން ކުރުން ހުއްދަވާނެ ކަންކަން ކުރެވޭތީއެވެ. އެކުގައި ނިދުމާއި ޖިންސީ ގުޅުންހިންގުން ފަދަ ކަންކަން ކުރެވުމެވެ.
އެގޮތަށް އެކަން ކުރީމަކީ ވަރަށް ބޮޑެތި ދެރަތައް ލިބެން އޮތް ކަމެކެވެ. ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލި ކައިވެނީގެ ބަރަކާތް ގެއްލިގެން ހިނގައިދާނެއެވެ. ދެވަނަ ކަމަކަށް ޢިއްފަތްތެރިކަން ގެއްލުމުން ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބެން އޮތް އަގުހުރި ފުރުޞަތު ގެއްލިގެންދިއުމެވެ.
ކައިވެނިކުރަން ތައްޔާރުވެ ވަޤުތު ގާތްވަމުން އަންނަވަރަކަށް ހިތްއަވަސްވާނެއެވެ. އެއީ އެއްވެސް މީހެއްގެ ކުށަކުން މެދުވެރިވާ ކަންކަމެއް ނޫނެވެ. އެޙާލަތުގައި ކައިވެނިކުރތުމުން ހުއްދަވާ ކަންކަން ކުރުން ހުއްދަވާނެކަމަށް ބުނެ ޝައިޠޯނާ ވަސްވާސްދޭނެއެވެ. ވީމާ އެކަމަށް ވިސްނައި ކެތްތެރިވެލާށެވެ!
ކައިވެނީގެ ބަރަކާތް ކެނޑިގެންދިއުމާއި އަދި ޢަރުޝީގެ ހިޔާވަހިކަން ނުލިބުމަށްވުރެ ބޮޑު ދެރައެއް އެއްވެސް މީހަކަށް ނުލިބޭނެކަން ޤަބޫލުކުރާށެވެ! އެއިރުން ކެތްތެރިވާން ހިތްވަރުލިބޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކައިވެނި ކުރުމަށްޓަކައި ރަންކިޔާފައި ކޯޓަށް ކައިވެނި ކުރަން ފޯމުލާހިސާބުން ކައިވެނި ކުރަންއުޅޭ އަންހެނާއާއެކު ނިދުން ހުއްދަވާނެތޯ؟
މިއީ ބައެއް މީހުންނަށް އޮޅުންއަރާ ކަމެކެވެ. ޖަވާބަކީ ނޫނެކެވެ! ކައިވެނީގެ ޢަޤުދު ނުކުރެވެނީސް ދެމަފިރިންނަކަށް ނުވާނެއެވެ.
(އެކުގައި ރޭކުރުން ހުއްދަވާނީ ކައިވެނިކުރެވުމުންނެވެ. ކައިވެނިކުރެވުނުކަމަށްވާނީ ކައިވެނިކޮށްދިނުމުންނެވެ. ރާއްޖެއަށް ބަލާނަމަ ކައިވެނިކޮށްދެނީ މައިންބަފައިންނެއް ނޫނެވެ. ކޯޓުން އެކަމަށް ކަނޑައަޅާ ފަރާތެކެވެ.
ވީމާ ރަންކިޔައި ފޯމުލުމަށްފަހު ކައިވެނިކުރެވެންދެން ކެތްތެރިވެލާށެވެ. ކައިވެނީގެ ކުރިން ހިންގޭ ގުޅުން ހުއްދައެއް ނުވާނެއެވެ. އަދި ކައިވެނީގެ ބޭރުން ގުޅުން ހިންގުމަކީ ކައިވެނީގެ ބަރަކާތް ކެނޑޭކަމެއްކަމަށްވެސް ބައެއް ޢިލްމުވެރިން ބަޔާންކުރައްވަވައެވެ. އެއީ އެކަމަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަމަކަށްވާތީއެވެ.)
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް