ޢާއިޝަތު ރަފާޙް ޢަލީ
މުސްލިމުންނަކީ އަބަދުވެސް އެއްބައިވަންތަކަމާއި އެކުވެރިކަމާއެކު އުޅެންވާނެ ބައެކެވެ.
އެގޮތުން ﷲ ތަޢާލާ އާލް ޢިމްރާން ސޫރަތުގެ 103 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
﴿وَاعْتَصِمُوا بِحَبْلِ اللَّـهِ جَمِيعًا وَلَا تَفَرَّقُوا ۚ وَاذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ اللَّـهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ﴾
މާނައީ: "ތިޔަބައިމީހުން އެންމެން اللَّه ގެ دين ގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން عداوة ތެރިން ކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި نعمة ގެ ސަބަބުން ތިޔަބައިމީހުންނީ أخ ންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން سلامة ކުރެއްވިއެވެ. اللَّه، އެކަލާނގެ آية ތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ."
މީގެ އިތުރުން ސަލާމް ކުރުމަކީ ވެސް އިސްލާމްދީނުގައި އަންގަވާފައިވާ ކަމެކެވެ. ސަލާމްކުރުމަކީ ވެސް އެއްބައިވަންތަވެ އެކުވެރިވެގެންދާނެ ކަމެކެވެ.
ﷲ ތަޢާލާ ނޫރު ސޫރަތުގެ 61 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
فَإِذَا دَخَلْتُم بُيُوتًا فَسَلِّمُوا۟ عَلَىٰٓ أَنفُسِكُمْ تَحِيَّةً مِّنْ عِندِ ٱللَّهِ مُبَٰرَكَةً طَيِّبَةً كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَٰتِ لَعَلَّكُمْ تَعْقِلُونَ ﴿٦١﴾
މާނައީ: "ފަހެ، ތިޔަބައިމީހުން ގޭގެއަށް ވަންނައިރު، اللَّه ގެ حضرة ންވާ بركات ތެރި ރަނގަޅު سلام އަކުން ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން سلام ކުރާށެވެ! އެފަދައިން اللَّه، ތިޔަބައިމީހުންނަށް آية ތައް بيان ކޮށްދެއްވަތެވެ. (އެއީ) ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ. (61)"
ސަލާމްކުރުމުގެ ސަބަބުން އެއްބަޔަކު އަނެއްބަޔަކަށް އޮންނަން ޖެހޭ އިޖްތިމާޢީ ގުޅުން ހަރުދަނާވެގެންދެއެވެ. އަދި މިކަމަކީ އިސްލާމްދީނުގައި ވަރަށްބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. އިންސާނާއަށް އެއްމެ ސީދާވެގެންވާ މަގަށް މަގުދައްކާ ދީނަކީ އިސްލާމްދީނެވެ.
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
” لا تدخلوا الجنة حتى تؤمنوا، ولا تؤمنوا حتى تحابوا، أولا أدلكم على شيء إذا فعلتموه تحاببتم؟ أفشوا السلام بينكم “
މާނަ : "ތިބައިމީހުންގެެ ތެރެއިން އެއްވެސް މީހަކު އީމާން ނުވަނީސް ސުވަރުގެ ނުވަންނަހުއްޓެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ލޯބިކޮށްފުމަށްދާންދެން އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. އެކަމެއްކޮށްފިނަމަ ތިޔަބައިމީހުންގެ މެދުގައި ލޯބި އުފެދޭނޭ ކަމެއް ތިމަންކަލޭގެފާނު ބުނެދެންހެއްޔެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުން ފަތުރާށެވެ."