ކައިވެނި ރޫޅިގެން ކަންބޮޑުވާންޖެހޭ މީހުންގެ ޢަދަދު ކޮންމެ ދުވަހަކުވެސް އިތުރުވަމުން މިއަންނަނީ ހާދަ ވަރަކަށެވެ. އެކަން އެގޮތަށް މެދުވެރިވާ އެންމެ ޢާންމު ސަބަބަކީ ކައިވެނީގެ ކުރިން ދެމީހުން ކުރަންޖެހޭ ކަންކަން އޮޅުވައިލާކަމެވެ. ކުރަނީ ކޮށްގެންނުވާނެ ކަންތަކެވެ. ނުކުރަނީ ކޮންމެހެން ކުރަންޖެހޭނެ ކަންތަކެވެ.
އިސްލާމް ދީނަކީ ކައިވެނިކުރުމުގެ ކުރިން ދެމީހުން ވާހަކަދެއްކުން މަނާކުރާ ދީނެއް ނޫނެވެ. އެކަމަށް ހިތްވަރުދޭ ދީނެކެވެ. މައްސަލައަކަށްވަނީ ވާހަކަ ދެއްކުމާއި ދެމީހުން މަސްހުނިވުން އޮޅުވައިލާތީއެވެ.
ދެމީހުންގެ ޝައުޤުވެރިކަން ހުންނަ ދާއިރާތަކާއި ކައިވެނިން ޙާޞިލްކުރަން ބޭނުންވާ ކަންކަމާއި ކައިވެންޏަށްފަހު ކަންކަންކުރަންވީ ގޮތާއިމެދު ފަދަ މުހިންމު ކަންކަމުގައި ދެމީހުން މަޝްވަރާކުރަންވާނެއެވެ. އެކަމަކު އެކަންކަން ކުރަނީ މަދުމީހެކެވެ.
ކައިވެނީގެ ކުރިން ލޯތްބާއިބެހޭ ގޮތުން މަޝްވަރާކުރުމަކީ ނުވަތަ ވާހަކަ ދެއްކުމަކީ ނުރައްކައުތެރިކަމަކަށްވެދާނެ ކަމެކެވެ. ސަބަބަކީ ލޯބީގެ ވާހަކަތަކުގައި މާބޮޑަށް ކުރިއަސް ދެވިއްޖެނަމަ މަޝްވަރާކުރަންޖެހޭ ކަންކަމަށް މަޝްވަރާނުކޮށް އަވަހަށް ދެމީހުން ގުޅެން އިސްކަން ދެވޭތީއެވެ. އެކަމަކު އެންމެންހެން އެކަން ކުރެއެވެ.
ލޯތްބަކީ ކަނުކޮށްލާއެއްޗެކެވެ. ލޯބިވެވޭ ހިސާބުން އަނެކާގެ ކިބައިގައި ހުންނަ އުނިސިފަތަކަށް ވިސްނަންވެސް ބޭނުމެއް ނުވެއެވެ. މުހިންމީ ދެމީހުންގެ މެދުގައި ހުންނަ ޚިޔާލުތަފާތުވާ ކަންކަމުގެ ވާހަކަތައްވެސް ދައްކައި އެކަންކަމަކީ ކައިވެންޏަށްފަހު ޙައްލުކުރެވިދާނެ ކަންކަންތޯ ބެލުމެވެ.
އެންމެ މުހިންމު ކަމަކީ ކައިވެނިކުރުމުގެކުރިން ކައިވެނިމިކުރެވެނީ ކާކާއިކަން އެނގުމެވެ. އެއީ މީހާގެ ބޭރުފުށުގެ ސިފައެއް ނޫނެވެ. އޭނާގެ އަޚްލާޤާއި ދީންވެރިކަން ހުންނަ މިންވަރެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ މިންވަރެވެ.
ކިތަންމެ ގިނަ ވާހަކަ ދެއްކުމަށްފަހުގައިވެސް، އަދި ކިތަންމެ ގިނަ ދުވަހަކު "ފްލާޓް" ކުރުމަށްފަހުގައިވެސް ކުރާކައިވެނިތައް ރޫޅިގެން އެބަދެއެވެ. ވީމާ ކައިވެނިކުރުމަކީ ރިސްކް ނަގައިގެން ކުރަންޖެހޭ ކަމެކެވެ. ރިސްކް ކުޑަވެ، ކަންކަން ބޮޑުވެގެންދާ ވަޤުތުގައި ތިމާއަށް ރަނގަޅުވާނެ، ފައިދާހުރި ގޮތަށް ކަންކަން ހިންމަވައިދެއްވަވާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށް ކަންކަންކޮށްގެން އެމަގުން ކައިވެނިކުރުމުންނެވެ.
- އިމާމް ޢުމްރު ސުލައިމާންގެ ދަރުސަކުން