ދިރިއުޅުމުގަ ތިމާކުރާ ކޮންމެ ކަމަކީ އެކަމެއް ކުރަން ބޭނުންވެގެން ނުވަތަ ކުރާ ހިތުން ކުރާ ކަންކަމެއް ނޫނެވެ. މިޘާލަކަށް ބައެއް އަންހެނުންނަކީ ބަދިގޭ މަސައްކަތްކުރަން ބޭނުންވާ ނުވަތަ ކުރާހިތްވާ ބައެއް ނޫނެވެ. ކައްކަން ބޭނުންވާ ނުވަތަ ކައްކާހިތްވާ ބައެއް ނޫނެވެ. މިހެންގޮސް އެއްވެސް ކަމަކީ އެންމެން ކުރަން ބޭނުންވާ ނުވަތަ ކުރާހިތްވާ ކަންކަމެއް ނޫނެވެ. ނަމަވެސް ދިރިއުޅުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންކަން ކަމަށްވުމުން ކުރަނީއެވެ.
ރޭއަޅުކަމަށް ބެލިނަމަވެސް ގިނަ ބައަކަށް މެދުވެރިވަނީ ހަމަ މިފަދަ ގޮތެކެވެ. އެމީހުން ބޭނުންވަނީ ނިދަން ތިބޭށެވެ. އެހެންވެ ނުހޭލައި ނިދަން ތިބެނީއެވެ. އެއީ ހެނދުނު ހޭލެވުމުން ތިމާ ރޭއަޅުކަމަށް ނުހޭލުމުން ލިބުނު ބޮޑު ގެއްލުން ލޮލަށް ނުފެންނާތީއެވެ. ލިބުނު ދެރަވެސް ނުވިސްނޭތީއެވެ. އެއާއި ޚިލާފަށް ދިރިއުޅުމަށް ކުރަންޖެހޭ ކަންކަން ނުކުރީމާ ދިރިއުޅެން އުނދަގޫވާތީ ހިތާއި ދެކޮޅަށްވެސް އެކަންކަން ކުރަނީއެވެ. ކައްކަނީ ނުކެއްކިއްޔާ ކާން ނުލިބޭނެތީއެވެ. އެހެން ކަންކަންވެސް ހަމައެފަދައިންނެވެ.
އަހުރެން ބުނާނީ ވިސްނުން މުޅިން ބަދަލުކޮށްލާށެވެ! ދިރިއުޅުމަށް ކުރަންޖެހޭ ބައެއް ކަންކަން ނުކުރެވުނަސް ރޭއަޅުކަން ކުރަން ފަށާށެވެ! ރޭއަޅުކަންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ކަނޑައަޅާށެވެ. ހަމައެއާއިއެކު ތިމާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުގެ މުހިންމުކަމާއި އެކަމަށް ކުރަން އޮތް އެންމެ ފައިދާބޮޑު އެއް ކަމަކީ ރޭއަޅުކަންކަމަށް ނިންމާށެވެ. އެއިރުން ނިދިން ހޭލެވެންފަށާނެއެވެ. ރޭއަޅުކަން ކުރެވެންވެސް ފަށާނެއެވެ.
އަހުރެންގެ އެކުވެރިއަކު އަބަދުވެސް ބުނެއެވެ. އޭނާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަކީ ރޭއަޅުކަން ކުރެވުމެވެ. ރޭއަޅުކަން ނުކުރެވިއްޖެނަމަ އެދުވަހަކު އޭނާއަށް ހުރެވެނީ ދިރިހުރި ޤަބުރެއް ފަދައިންނެވެ. އަބަދުހެން ކަންބޮޑުވެ ހުއްޓުން އަރައިފައެވެ.
އޭނާގެ ދިރިއުޅުން ހުރި ގޮތް އެނގޭހެއްޔެވެ؟ އޭނާއަކީ ތަނަވަސް މީހެއް ނޫނެވެ. ނަމަވެސް އުނިވާ ނުވަތަ އޭނާ ބޭނުންވާ ކަންކަމުގެ ތެރެއިން ޙާޞިލުނުކުރެވޭ އެއްވެސް ކަމެއް ނޯވެއެވެ. އަބަދުވެސް ހުންނާނީ އުފަލުންނެވެ. ހިނިތުންވެގެންނެވެ.
އަހުރެންނަކަށްވެސް ޣައިބެއް ނުއެނގެއެވެ. ވީމާ އޭނާއަށް އެހައި ބޮޑަށް ހަމަޖެހިލައިގެން އެހައި އުފަލުގައި އުޅެވެނީ މިވެނި ކަމެއްގެ ސަބަބުން ކަމަށް ބުނާކަށް ނުއެނގެއެވެ. ނަމަވެސް އަހުރެންގެ ވިސްނުން ބުނަނީ ހުރިހާވެސް ސަބަބަކީ އޭނާކުރާ ރޭއަޅުކަން ކަމަށެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން