މީހަކު ތިބާ ރުޅިއަރުވަން އުޅެފިނަމަ ރުޅިއައުމުގެ ބަދަލުގަ ހިނިތުންވެވޭނީ އެންމެ ހިތްވަރުގަދަ އަދި ޢަޒުމް ވަރުގަދަ މީހުންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
މީހަކު ތިބާ ރުޅިއަރުވަން އުޅެފިނަމަ ރުޅިއައުމުގެ ބަދަލުގަ ހިނިތުންވެވޭނީ އެންމެ ހިތްވަރުގަދަ އަދި ޢަޒުމް ވަރުގަދަ މީހުންނަށް!

ތިބާ ރުޅިއަރުވަން މީހަކު މަސައްކަތްކޮށްފާނެއެވެ. ތިބާއާއިމެދު ދޮގުވާހަކަތައްވެސް ފަތުރައިފާނެއެވެ! އަޅައިވެސް ނުލާށެވެ! ދެކޮޅުވެރިން އަބަދުވެސް އެފަދަ ކަންކަން ކުރާނެތެވެ! އެކަން ކީރިތި ޤުރްއާނުން ވެސް އެނގެން އެބައޮތެވެ!   

"އަދި އެއުރެން ބުނޫއެވެ. ރަނގަޅީ، ތިމަންމެންގެ އިލާހުންތައް ހެއްޔެވެ؟ ނުވަތަ އެކަލޭގެފާނު ހެއްޔެވެ؟ ކަލޭގެފާނާ ޖަދަލުކުރުމަށް މެނުވީ އެއުރެން އެ މިޘާލް ނުޖަހަތެވެ. އަދި ކިއެއްތަ! އެއުރެންނީ ހަމަދެކޮޅުވެރިކަން ބޮޑު ބަޔެކެވެ." (އައްޒުޚްރޫފް: 58) 

ތިބާ ހުރީ ޙައްޤުމަގުގައިކަން އެނގޭއިރުވެސް ޒުވާބުނުކޮށް ދޫކޮށްލުމަކީ ސުވަރުގެއިން މަތިވެރި ދަރަޖަ ދެއްވަވާ ކަމެއްކަންޙަދީޘުން އެނގެން އެބަ އޮތެވެ. ވީއިރު ލިބެން އޮތް އެ މަތިވެރި ދަރަޖަ ދޫކޮށްލައި މީސްތަކުންގެ ކުރިމަތީގައި އަބުރުނަގާލަންވީ ކީއްކުރަން ހެއްޔެވެ؟  

ތިބާ ރުޅިއަރުވަން މީހަކު އެއްޗެއް ބުނާއިރަށް ރުޅި އައިސް ފުންމައިގަނެވިއްޖެ ނަމަ އެ ޙާޞިލުކޮށް ދެވެނީ ރުޅި އެރުވި މީހާގެ މަޤްޞަދެވެ! އެގޮތަށް ޢަމަލުކުރެވިއްޖެނަމަ ތިބާ ގަދަވީއެއް ނޫނެވެ، ބަލިވީއެވެ. އެހެނީ އެމީހާގެ މަޤްޞަދަކަށްވާނީ ތިބާގެ ރުޅި އިސްކުރުވައި ކޮންޓްރޯލުން ނައްޓުވައި ތިބާގެ ދުލުން ނުބައި ބަސްތައް ބުނުވައި ހަޑިމުޑުދާރު އަމަލުތައް ކުރުވައި މީސްތްކުންގެ ކުރިމަތީގައި ފަޟީޙަތް ކުރުވުމެވެ!  

ހުތުރު ބަސްތައް ބުނެ ރުޅިއަރުވަން މަސައްކަތްކުރި ނަމަވެސް އެފަދަ މީހުންގެ މަޅީގައި ނުޖެހޭށެވެ! ކެތްތެރިވާށެވެ! މަޑުމައިތރިކަން އިސްކުރާށެވެ! އެންމެ ބާރުގަދަ މީހަކީ އަތުގެ ބާރުގަދަ މީހާ ނޫންކަމަށާއި ރުޅި އަންނަހިނދު ކޮންޓްރޯލްކުރެވޭ މީހާކަމަށް ޙަދީޘްފުޅުގައި އޮތީ އެހެންވެގެންނެވެ.  

މިޙަދީޘްފުޅަކީ މުސްލިމުންނަށް އެނގޭ އަދި ވަރަށް ފަރިތަވެސް ޙަދީޘްފުޅެކެވެ. ހުރިހާވެސް މައްސަލައަކީ ކަންކަން ކުރިމަތިވުމުން ޢަމަލުނުކުރެވޭ ކަމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން