ގިނަގިނައިން ރުޅިއަންނަންޖެހޭނަމަ ދިރިއުޅުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނާށެވެ! ނުގެންނަމަ ލިބޭނެ ދެރަ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ގިނަގިނައިން ރުޅިއަންނަންޖެހޭނަމަ ދިރިއުޅުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނާށެވެ! ނުގެންނަމަ ލިބޭނެ ދެރަ މާބޮޑުވާނެ!

ތިބާއަކީ ރަނގަޅު ގޮތުގަ ދިރިއުޅެން މަސައްކަތްކުރާ މީހަކަށްވެފައި ރަނގަޅަށް އުޅެމުން ދަނިކޮށް ރުޅިއަންނަންޖެހޭ ކަންކަން ކުރިމަތިވާނަމަ އެރުޅިއަކީ ތިމާގެ ގާތް މިތުރެކެވެ. ނަމަވެސް ރުޅި ބުނާނީ ރުޅި ނައުމަށެވެ. 

ވިސްނާށެވެ! ރުޅިއަންނަންޖެހޭނީ އެހެން މީހުން ތިބާއަށް އިޙްތިރާމް ނުކުރާނަމައެވެ. ތިބާގެ އަގު ވަޒަންނުކުރާނަމައެވެ. ތިބާގެ ބަސް ޤަބޫލުނުކުރާނަމައެވެ. ތިބާއަށް ދެރަ ނުވަތަ ގެއްލުން ދޭން މަސައްކަތްކުރާނަމައެވެ. ތިބާ ހިތްދަތިކުރުވާނަމައެވެ. 

މިޙާލަތުގައި ރުޅި ތިބާގެ ގާތުގައި ބުނާނީ އެބައަކާއި ދުރުހެލިވުމަށެވެ. ދިރިއުޅުމަށް ގެންނަންޖެހޭ ބަދަލު ގެނައުމަށެވެ. ޖުމުލަކޮށް ބުނާނަމަ ރުޅިއަންނަން މެދުވެރިވާ ސަބަބުތަކާއި ދުރަށް ދިއުމަށެވެ. 

އެއީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ ތިބާއަކީ ގިނަގިނައިން ރުޅިއަންނަން ޖެހޭ މީހަކުނަމަ ލޭމައްޗަށް ދިއުން ފަދަ ބަލިތައް ޖެހޭތީއެވެ. ސްޓްރޯކް ޖެހޭތީއެވެ. ތިމާއަށް ގެއްލުން ލިބޭ ފަދަ ކަންކަންވެސް ކުރެވޭތީއެވެ. 

ވީމާ ގިނަގިނައިން ރުޅިއަންނަންޖެހޭނަމަ އެކަން އެގޮތަށް މެދުވެރިނުވާނެ ގޮތަށް ކަންތައްތައް ކުރަންޖެހޭނެއެވެ. ދިރިއުޅުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން އަވަސްވެގަންނަންވާނެއެވެ. ލަސްކޮށްފިނަމަ ކުރިން މިބުނި ފަދަ ދެރަތައް ލިބޭނެތީއެވެ. 

ރުޅިއާއި އުފާވެރިކަން މަސްހުނި ނުކުރެވޭނެއެވެ. އެއީ ދެ ހަތުރުންނެވެ. ވީމާ އުފާވެރިކަން ބޭނުން ނަމަ ރުޅިއާއި ދުރުހެލިވާށެވެ! ރުޅި ނައިސް ދިރިއުޅެވޭނެ ގޮތް ހޯދާށެވެ. ސަމާލުކަންދީގެން ހޯދަން މަސައްކަތްކުރީމާ ފެންނާނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން