ޚުޠުބާ: ޚުލްޤު ހެޔޮވުމާއި ހަނު ހުރުން އިތުރުކުރުމަށްވުރެ ހެޔޮ ކަމަކާއިގެން ތިބާ ﷲ އާ ބައްދަލެއްނުކުރާނެތެވެ!

މިއަދު
ކިޔުމަށް ހޭދަވާނީ 7މ 7ސ
ޚުޠުބާ: ޚުލްޤު ހެޔޮވުމާއި ހަނު ހުރުން އިތުރުކުރުމަށްވުރެ ހެޔޮ ކަމަކާއިގެން ތިބާ ﷲ އާ ބައްދަލެއްނުކުރާނެތެވެ!

ކަމަކާ މެދު އިންސާނާ ވިސްނައި، އޭނާގެ ޢަމަލުތައް މުރާޖަޢާކޮށް، އޭނާގެ ކަންތައްތަކަށާއި ޙާލަތްތަކަށް ބަލައި ވަޒަންކުރާ އިރު، އޭނާ ހަނުހުރުމުގެ އަތަށް ލެނބެއެވެ. ހަނުހުރުމަކީ މުއުމިނުންގެ ސިފަތަކުގެތެރޭގައި ހިމެނޭ ސިފައެކެވެ. އެއީ ބުއްދިވެރީންނާއި ވިސްނުންތެރީންގެ ސިފައެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ޛައްރުގެފާނަށް ނަސޭހަތްދެއްވަމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "އެންމެ ހެޔޮ އަދި ހަށިގަނޑަށް ކުރަން އެންމެ ފަސޭހަ ޢަމަލެއްގެ ވާހަކައިން ތިމަންކަލޭގެފާނު ޚަބަރުކުރައްވަންތޯއެވެ؟" އަބޫ ޛައްރުގެފާނު "އާދޭހޭ" ދެންނެވުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (حُسْنُ الْـخُلُقِ، وَطُوْلُ الصَّمْتِ، عَلَيْكَ بـِهِمَا، فَإِنَّكَ لَنْ تَلْقَى اللهَ بِـمِثْلِهِمَا)[1] މާނައީ: "އެއީ ޚުލްޤު ހެޔޮވުމާއި ހަނު ހުރުން އިތުރުކުރުމެވެ. ތިބާ މި ދެ ކަމުގައި ވަރުގަދައަށް ހިފަހައްޓާށެވެ! ފަހެ ހަމަކަށަވަރުން މި ދެކަމަށް ވުރެން ހެޔޮ ކަމަކާއިގެން ތިބާ ﷲއާ ބައްދަލެއްނުކުރާނެތެވެ."

تَعَالَىއާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ މީސްތަކުންނަށް ގޮވައިލައްވަނީ ހަނު ހުރުމަށެވެ. އަނގަގަދަ ނުކުރުމަށެވެ. ބުއްދިވެރި ގޮތަކީ މަޞްލަޙަތެއް ނެތް ނަމަ، ހަނުހުރުމެވެ. ބޭކާރު ވާހަކަތައް ނުދެއްކުމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ.  (مَنْ كَانَ يُؤْمِنُ بِاللَّهِ  وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ)[2] މާނައީ: "ﷲއަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ފަހެ ހެޔޮ ބަސް ބުނާށެވެ! ނުވަތަ އެމީހަކު ހަނުހުންނަހުށްޓެވެ!" ހެޔޮ ނޫން ބަހެއް ބުނުމަކީ ބާޠިލު ބަހެއް ބުނުމެވެ. ވިސްނައިނުލައި އެއްޗެއް ބުނުމަކީ ކުށް ބަހެއް ބުނުމެވެ.   

ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެކެވެ. ފަހެ އޭނާ ބާޠިލު ވާހަކަތަކާ ދުރުހެލިވެ ހުރެއްޖެ ނަމަ، އޭނާ ވާނީ ސުވަރުގޭގެ އަހުލުވެރިއަކަށެވެ. އޭނާ ބާޠިލުވާހަކަދައްކަން ފަށައިފި ނަމަ ޝައިޠާނާ އޭނާ އަތްއަތަށް ދަމާން ފަށައިފާނެތެވެ. އެކަލޭގެ އެދޭގޮތަށް އެދޭ ކޮންމެ ވަގުތަކު އޭނާ އަނބުރައިލައިފާނެއެވެ. އިންސާނާއަށް އޭނާގެ ބަސްތައް ކޮންޓުރޯލުނުކުރެވިއްޖެ ނަމަ އޭނާއަކީ އަނގަ ހުތުރު، ހިތް ފަސާދަވެފައިވާ މީހަކަށް ވެދާނެއެވެ. މިހެންވެ ކައުރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ.

(لَا يَسْتَقيْمُ إِيـْمَانُ عَبْدٍ حَتَّى يَسْتَقِيْمَ قَلْبُهُ، وَلَا يَسْتَقِيْمُ قَلْبُهُ حَتَّى يَسْتَقِيْمَ لِسَانُهُ)[3] މާނައީ: "ހިތް ސީދާވެއްޖައުމަށް ދާންދެން އެއްވެސް އަޅެއްގެ އީމާންކަން ސީދާނުވާނެތެވެ.  އަދި އޭނާގެ ދޫ ސީދާވެއްޖައުމަށް ދާންދެން އޭނާގެ ހިތް ސީދާނުވާނެތެވެ." 

އިންސާނާ ވަޒަން ކުރެވޭނީ އޭނާގެ ދުލުން ބުނާ ބަސްތަކުންނެވެ. އޭނާ ހަނުހުރެއްޖެ ނަމަ އޭނާއާ މެދު، ނިޔާއެއް ކަނޑައަޅާކަށް ނޭނގޭނެއެވެ. އޭނާ ވަހަކަދައްކައިފި ނަމަ، އޭނާގެ ޝަޚްޞިއްޔަތު ފާޅުވާނެއެވެ. ހަރުދަނާކަމާއި ދޯހަޅިކަން ފެނިދާނެތެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އާދަމުގެދަރިޔާ ހެނދުނު ހޭލާ އިރަށް އޭނާގެ ގުނަވަންތައް އާދޭހާއެކު ބުނާނެތެވެ. އަހަރެމެންގެ ޙައްޤުގައި، ތިބާ މާތް ﷲއަށް ބިރުވެތިވާށެވެ! ފަހެ އަހަރެމެންނަކީ ތިބާގެ ސަބަބުން ޖަޒާ ލިބޭނެ ބައެކެވެ. ތިބާ ސީދާވެގެންފި ނަމަ އަހަރެމެންނަށް ސީދާކަން ލިބޭނެތެވެ. ތިބާ ކަސިޔާރުވެއްޖެ ނަމަ، އަހަރެމެން ވެސް ކަސިޔާރުވެދާނެތެވެ."[4] 

މުއުމިނާއަކީ އޭނާގެ ދުލަށް ރައްކައުތެރިވާ މީހެކެވެ. ޢަމަލު ގިނަކޮށް ބަސް މަދުކުރާ މީހެކެވެ. މުއުމިނާ ވާހަކަދައްކާނީ އޭނާގެ ނަފްސަށާއި އޭނާގެ މުޖްތަމަޢަށާއި އޭނާގެ ވަޠަނަށް ފައިދާ ހުރި ކަންކަމުގައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (رَحِمَ اللهُ امْرَءًا تَكَلَّمَ فَغَنِمَ، أَوْ سَكَتَ فَسَلِمَ)[5] މާނައީ: "ހެޔޮބަސްބުނެ ފައިދާލިބިގަތް މީހާއަށާއި، ހަނުހުރެ ރައްކައުތެރިކަން ހޯދި މީހާއަށްރަޙްމަތްލައްވާށިއެވެ!" ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ މުސްލިމުންނަށް މި އަމުރުކުރައްވަނީ ހެޔޮ ބަހެއް ނޫނީ ނުބުނުމަށެވެ.  ރިވެތި ބަހުން މީހުންނާ މުޚާޠަބުކޮށް މުޢާމަލާތުކުރާ މީހާއަށް ގެ ޙަޟްރަތުގައި މަތިވެރި މަޤާމެއް ލިބެއެވެ. މީސްތަކުންގެ ގާތުގައި ރުހުމާއި މަޤްބޫލުކަން ލިބެއެވެ. މީސްތަކުންގެ ގާތުގައި އޭނާ ވާނީ އެ މީހުންގެ ޙަޔާތަށް އަލިކޮށްދޭ ދަންމަރަކަށެވެ. މީސްތަކުން އޭނާއަށް އިތުބާރުކޮށް އޭނާގެ ގާތަށް ނަސޭހަތް ހޯދުމަށް އަންނާނެތެވެ. އޭނާ ވާނީ މުޖްތަމަޢު އިޞްލާޙުކޮށްދޭ ފަރުދަކަށެވެ.

ހަނުހުރުމުގެ އިމަކީ ތިބާއާ ބެހޭ ކަންކަމުގައި ރިވެތި ބަހުން ބަސްބުނުމެވެ. ތިބާ މިއަދު ބުނާ ކޮންމެ ކަލިމައަކާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން ތިބާއާ ސުވާލުކުރެވޭނެތެވެ. އެހެންކަމުން ވާހަކަދައްކަންވާނީ މި ކަމަށް ސަމާލުވެގެންނެވެ. މާތް ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި ކޮންމެ އިންސާނަކުމެ، އޭނާ ކުޅަ عمل، އޭނާގެ ކަރުގައި ތިމަންރަސްކަލާނގެ އެޅުއްވީމެވެ. އަދި قيامة ދުވަހުން، ތިމަންރަސްކަލާނގެ އެމީހަކަށް ފޮތެއް ނެރުއްވާހުށީމެވެ. އެ ފޮތް ނިއުޅައިލެވިގެންވާ حال ގައި، އޭނާ ދެކޭނެތެވެ." މުއުމިނާއަކީ އޭނާގެ ދޫ ހެޔޮކަމުގެ ވަސީލަތެއްކަމުގައި ހަދައި އެއިން ފަނާނުކޮށް  އާރާސްތުކުރާ މީހެކެވެ. އެއިން މީސްތަކުން ބައިބައިނުކޮށް އެކުވެރިކުރާ މީހެކެވެ. 

މާތް އަށް تَقْوَىވެރިވާށެވެ! ހަނުހުރުމުގެ ޚުލްޤުން ޒީނަތްތެރިވާށެވެ! ބޭނުންވާ މިންވަރަށް ވާހަކަދައްކާށެވެ! މި ޒަމާނުގެ މީސްމީޑިޔާތަކުގެ މަންސަތަކަށް ވަދެ ވަގުތުތައް ބޭކާރު ގޮތުގައި ހޭދަނުކުރާށެވެ! ވަގުތަކީ މާތް ދެއްވި ނިޢުމަތެކެވެ. މި ނިޢުމަތާމެދު ޣާފިލުވާ މީހުން ވަރަށް ގިނައެވެ. މި ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަޒުމުކަނޑައަޅާށެވެ! 

ދުނިޔެއާއި އާޚިރަތުގައި ނަޖާވުމުގެ ވަސީލަތަކީ ދޫ ރައްކައުތެރިކުރުމާއި ހަނުހުރުމެވެ. ނަޖާވުމާ ބެހޭގޮތުން މާތް ﷲ ރުއްސުންލެއްވި ޢުޤްބަތު ބިން ޢާމިރު ސުވާލުކުރެއްވުމުން ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ.  (اِمْلِكْ عَلَيْكَ لِسَانَكَ وَلْيَسَعْكَ بَيْتُكَ وَابْكِ عَلَى خَطِيْئَتِكَ)[6] މާނައީ: "ތިބާގެ ދޫ ރައްކާތެރިކުރާށެވެ! އަދި ފިތުނަތަކުން ރައްކާތެރިވެ ހުރުމަށްޓަކައި ތިބާގެ ގެ އިޚްތިޔާރު ކުރާށެވެ! އަދި ތިބާގެ ކުށްތަކަށްޓަކައި ދެރަވެ ރޯށެވެ!"

މިއަދު އޮންލައިން