ހެޔޮލަފާ ބައިވެރިއަކަށް ބޭނުންވެގެން ޝައިޠޯނާގެ މަޅިފަތީގަ ޖެހެވޭނަމަ ލިބޭނީ ޝައިޠޯނުން! ގާތީ ދުވަހަކުވެސް ހެޔޮލަފާ މީހަކު ނުލިބުން!: ބިލާލް ފިލިޕް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 52ސ
ހެޔޮލަފާ ބައިވެރިއަކަށް ބޭނުންވެގެން ޝައިޠޯނާގެ މަޅިފަތީގަ ޖެހެވޭނަމަ ލިބޭނީ ޝައިޠޯނުން! ގާތީ ދުވަހަކުވެސް ހެޔޮލަފާ މީހަކު ނުލިބުން!: ބިލާލް ފިލިޕް

ޝައިޠޯނާގެ ބަހަށް ހެއްލި ޝައިޠޯނާ ބުނާހައި ކަންކަންކުރާ ބައެއްގެ ތެރެއިން ހެޔޮލަފާ މީހަކު ހޯދޭނީ ކިހިނަކުން ހެއްޔެވެ؟ އެކަމެއް ނުކުރެވޭނެއެވެ. ޝައިޠޯނާގެ ބައިވެރިންގެ ތެރެއިން ފެންނާނީ ޝައިޠޯނުންނެވެ. ހެޔޮލަފާ މީހަކު ފެންނާނީ ހެޔޮލަފާ މީހުންގެ ތެރެއިންނެވެ. މިއީ ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށްވެސް އެނގޭނެ ކަންކަމެވެ.

ޝައިޠޯނާ ކުރިއަށް ޖެހިލައި އެއެތި ކުރަންޖެހޭ މަސައްކަތް މިހާރު ކުރުވަނީ ހަމަ އިންސާނުން ލައްވައެވެ. އެގޮތުން މިހާރު މިކިޔާ ޑޭޓިންގ ސައިޓްތަކަކީވެސް ޝައިޠޯނާގެ މަސައްކަތެކެވެ. އެސައިޓުތަކުގެ ތެރެއިން ކުރިއަށް ދެވެނީ ޝައިޠޯނާގެ މަގުންނެވެ. ކުރެވެނީ ބޮޑެތި ފާފަތަކެވެ.

ތަފާތު ނަންނަމުގައި ހިލޭ އަންހެނުނަނާއި ފިރިހެނުން ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުމަކީ އެންމެންވެސް ކުރާ އެއްވެސް ފާފައެއް ނުހިމެނޭ ކަމެއްގެ ގޮތުގައި މިހާރު ބައަކު އުޅެނީ ކަނޑައަޅައިގެންނެވެ. ނަމަވެސް އެ ނިންމުމަކީ އެކަން ކުރަން ބޭނުންވާ މީހާ އަމިއްލައަށް ނިންމާ ނިންމުމެކެވެ. އެނިންމުމަކީ އެއްވެސް ދީނެއް ޤަބޫލުކުރާ މީހަކަށް ނިންމޭނެ ނިންމުމެއް ނޫނެވެ. އެހެނީ ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގަން ހުއްދަކުރާ އެއްވެސް ދީނެއް މުޅި ދުނިޔޭގައިވެސް ނެތުމުންނެވެ.

ތަހްޒީބުވެފައިވާ ކަމަށްބުނާ ޤައުމުތަކުގައި ހިލޭ އަންހެނުންނާއި ފިރިހެނުން ގުޅުން ހިންގުމަށް މިކިޔަނީ "ޑޭޓިންގ"އެވެ. ޙަޤީޤަތުގައި "ޑޭޓިންގ" އަކީ ކުރިން ދުނިޔޭގައި އޮތްކަމެއް ނޫނެވެ. މުސްލިމުން ނޫން އެހެން މުޖުތަމައުތަކުގައިވެސް ކައިވެނީގެ ބޭރުން ގުޅުން ހިނަގުން ވެފައި އޮތީ ހަޑިމުޑުދާރު އަމަލަކަށެވެ. އެކަން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ބަލައިގަންނަ މީހަކު ނުއުޅެއެވެ.

"ޑޭޓީންގ"ގެ ތާރީޚަށް ބަލައިފިނަމަ މި މުޞީބާތް ފެތުރެން ފެށީ ފުރަތަމަ ބޮޑުހަނގުރާމައާއިއެކު އަންހެނުން މިނިވަންކަމާއިއެކު މަސައްކަތު ނުކުތުމުންނެވެ. ކުރިތައް ފަޅައި އިތުރުވެ ފެތުރިގެންދިއައީ ދެވަނަ ބޮޑު ހަނގުރާމައާއި ގުޅިގެން ގެއިން ބޭރަށް ނުކުތް އަންހެނުންގެ އަދަދު ގިނަވީ ހިސާބުންނެވެ. ކޮންމެއަކަސް "ޑޭޓިންގ" އަކީ ވަލުޖަނަވާރުންގެ ދަރަޖައަށް އިންސާނުން ވައްޓައިލުމަށް އިބިލީސް ކޮށައިދިން މަގެކެވެ. "ޑޭޓިންގ" ވަލުޖަނަވާރުން އުޅޭ ގޮތަށް އުޅުމަށް އިބިލީސް ދީފައިވާ ޒަމާނީ ނަމެކެވެ.

މިއަދު "ޑޭޓިންގ" އަކީ ދެ ޖިންސުގެ މީހުން މިނިވަންކަމާއިއެކު ބައްދަލުކޮށް ކުރާނެ ކަމެއް ކުރަން މަގުފަހިކޮށްދޭ އެންމެ ޢާންމު ވަސީލަތެވެ. އެކަންކުރާ ބައެއް މީހުން ބުނަނީ އެމީހުން އެކަން ކުރަނީ ހަޔާތަށް ރަނގަޅު ބައިވެރިއަކު ހޮވަން ފަސޭހަކުރުމަށް ކަމަށެވެ. ގިނަ ބައަކާއި ބައްދަލުވުމުން ރަނގަޅު މީހާ ދެނެގަންނަން ފަސޭހަވާނެތީ ކަމަށެވެ. އެގޮތަށް ބުނި ނަމަވެސް އެހެން އެބުނާ މީހުންވެސް ހިތުގެ އަޑިން އެކަން ޤަބޫލެއް ނުކުރާނެއެވެ. އެހެނީ އެފަދަ ގޮތްގޮތަށް ގިނަ ބައަކާއި ގުޅުން ހިންގާ މީހާއަކީ އެއްވެސް އަގެއް ހުރި މީހަކަށް ނުވާތީއެވެ. އެފަދަ ގޮތްގޮތަށް އުޅޭ މީހަކަށް ޚުދު ތިމާވެސް އިތުބާރު ނުކުރާނެތީއެވެ.

މިފަދަ މީހުންނަށް މިކުރެވޭ ކަމަކީ ހަޔާތުގެ ބައިވެރިއަކަށް ރަނގަޅު މީހަކު ހޯދުމުގެ ނަމުގައި ކުނިހޮވަން ދެވުމެވެ. ކުނި ގޮނޑުން ހޮވޭނީ، ލިބޭނީ ކުންޏެވެ. ކުނިގޮނޑުން ފެންވަރު ރަނގަޅު ތަކެތި ލިބުމަކީ ނާދިރުކަމެއްކަން އެންމެންވެސް ޤަބޫލުކުރާނެއެވެ. ވީމާ އެއްވެސް މީހަކު ފެންވަރު ރަނގަޅު އެއްޗެއް ހޯދަން ބޭނުންވެގެން ކުނިގޮނޑަށް ކުނި ހޮވާކަށް ނުދާނެއެވެ.

ހިތާމައަކީ ކާފަރަކު ޟުއްބު ހޮރަކަށް އަތްބާނައިފިނަމަ އޭނާ އެކަންކުރީތީ އެކަން ކުރަން ބޭނުންވާ މީހުން މުސްލިމުންގެ ތެރޭގައިވެސް އިތުރުވަމުން އަންނަކަމެވެ. އެހޮރު ފުރިފައިވަނީ ނިގުލަންދާށިން ކަމާއި އަތްބާނައިފިނަމަ ކަށިޖަހާނެކަން ރަނގަޅަށް އެނގޭ އިރުވެސްމެއެވެ. ރަނގަޅު ފިރިއަކު ނުވަތަ އަންތބަކު ހޯދުމުގެ ނަމުގައި ނަމަވެސް ގިނަ ބައަކާ ގުޅުން ހިނަގައިފި މީހަކަށް ރަނގަޅު ބައިވެރިއަކު ލިބުމަކީ ހަމަ ވަރަށް ނާދިރު ކަމެކެވެ. އެހެނީ ފުރަތަމަ ކަމެއްގެ ގޮތުން އެފަދަ މީހެއްގެ ހިތުގައި އެއްވެސް މީހަކަށް ހަޤީޤީ ލޯތްބެއް ނުއޮންނާނެ ކަމެވެ. ނުވެސް ބޭއްވޭނެ ކަމެވެ. އެއީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

އިސްލާމް ދީނުގައި މިފަދަ ހުރިހައި ކަމެއް ހަރާމްކުރައްވަވާފައި އެވަނީ ވަރަށް މަތިވެރި ސަބަބުތަކަށްޓަކައެވެ. އެފަދަ ކަންކަމުގެ ސަބަބުން އިންސާނީ ކަރާމާތް ގެއްލި ވަލުޖަނަވާރުންގެ ދަރަޖައަށް ވެއްޓިގެންދާނެތީއެވެ. އުފާވެރި ދިރިއުޅުމެއް ނުލިބޭނެތީއެވެ. ވީމާ ކިތަންމެ ރީތި، ޒަމާނީ ނަމެއް ކިޔައިގެން ކުރާކަމެއް ނަމަވެސް އިސްލާމް ދީނުގައި ޙަރާމް ކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރާށެވެ.

ޟުއްބު ހޮރުގެ މިސާލު ގެނައީ މުހިންމު ސަބަބެއް އޮތުމުންނެވެ. މުސްލިމުން ނޫން މީހުން އުޅޭގޮތަށް އުޅެން މަސައްކަތްކުރުމުން، ޚާއްޞަކޮށް ޒިނޭކުރުމާއި ފާހިޝް އަމަލުތަކަށް އަރައިގަންނަމުންދާ ނަމަ އެ ކާފިރުން ފަދައިން ތިމާއަށްވެސް އެދެވެނީ ނަރަކައާއި ދިމާއަށެވެ. ނަރަކައިގެ ހޫނުގަދަ އަލިފާނާއި ދިމާއަށެވެ. ޞުއްބު ހޮރުގައި ގިނަ އަދަދެއްގެ ނިގުލަންދާށި ދިރިއުޅޭފަދައިން ނަރަކައިގައިވެސް ބިޔަ ބޮޑެތި ނިގުލަންދާށިތައް ވަރަށް ގިނަވާނެއެވެ.

--ޑރ. ބިލާލް ފިލިޕްގެ ދަރުސަކުން

 

މިއަދު އޮންލައިން