ދިރިއުޅުމުގައި ކުރިމަތިވާ މައްސަލަތަކަށް ކެތްތެރިވުން އޮތީ ﷲ ތަޢާލާ މިންވަރުކުރައްވަވާ ކަންކަމަށެވެ. އަނެކާގެ ކިބައިން އަނިޔާ ލިބެނީ އޭނާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ އިޚްތިޔާރުގެ ބޭނުން ނުރަނގަޅު ގޮތުގައި ހިފާތީއެވެ. އެޙާލަތުގައި އަނިޔާއިން ސަލާމަތްވެވި މައްސަލަ ޙައްލުނުކުރެވޭނެކަން ޔަޤީންވާނަމަ ކެތްތެރިވެ އަނިޔާލިބެން އިނުމެއް ނެތެވެ.
އެކަމަކު ބުނަންހެއްޔެވެ؟ އެކަން އެގޮތަށް ނިންމަންވާނީ ބަލަންޖެހޭ ހުރިހާ ކަންކަމަށް ބެލުމަށްފަހުގައެވެ. ހެޔޮލަފާ މީހުންނާއި އެކުވެރިންގެ ލަފާގެވެސްމަތިންނެވެ.
ކެތްތެރިކަން އެއީ މުސްލިމުންގެ ކިބައިގައި ހުރުން ވާޖިބް ސިފައެކެވެ. ކެތްތރިވެވޭ މީހަކަށް ނޫނީ އިސްލާމްދީނަށް ޢަމަލުކުރުމުގައި ވަރަށް ބޮޑެތި ދަތިތަކާއި ހުރަސްތައް ކުރިމަތިވާނެއެވެ.
ހަމައެއާއިއެކު ކެތްތެރިކަމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ސިފައެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައި ވަނީވެސް ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއި އެކުގައި ކަމަށެވެ. ވީމާ ކެތްތެރިކަން ދެއްވެވުން އެދި އަބަދުވެސް ދުޢާކުރަންވާނެއެވެ.
އެހެންކަމާއިއެކު ވެސް ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ އެ މުޞީބާތަކުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ދުޢާކުރުމަށެވެ. މީގެމާނައަކީ މުޞީބާތެއް ކުރިމަތި ކުރައްވަވައިފިނަމަ އެކަމަކުން ސަލާމަތްކުރެއްވެވުން އެދި ދުޢާކުރަންޖެހޭނެ ކަމެވެ. އޮތީ ހަމައެކަނި ކެތްތެރިކަން ދެއްވެވުން އެދި ދުޢާކުރުން ނޫން ކަމެވެ.
އަދި މުޢާޛްބިން ޖަބަލު (ރޢ)ގެ އަރިއަހުން ރިވާވެގެންވަނީ މުޞީބާތަށް ކެތްތެރިވުމުގެ ބާރު ދެއްވެވުން އެދި ދުޢާކުރުމުގެ ބަދަލުގައި މުޞީބާތުން ސަލާމަތްކޮށްދެއްވެވުމަށް ރަސޫލް (ﷺ) ޙަދީޘްފުޅުކުރެއްވެވި ކަމަށެވެ!
ނަމަވެސް މިކަން ނުއެނގި ތިބެ ނަމަވެސް ބައެއް މީހުންނަށް ހަމައެކަނި ކެތްތެރިކަން ދެއްވެވުން އެދި ދުޢާ ކުރެވެއެވެ! ވީމާ މިއީ އިޞްލާހްކޮށްލަން ޖެހިފައިވާ ކަމެކެވެ. މިސާލަކަށް ބުނާނަމަ ދެމަފިރިއެއްގެ މައްސަލައެވެ. އަނބިމީހާއަށް ކެތްނުކުރެވޭ ވަރަށް ހތާމަތަކާ އަނިޔާ ލިބެމުން ދަނީއެވެ. އެހެންކަމަށްވާނަމަ އެވޭންތަކަށް ކެތްތެރިވުމުގެ ބާރު ދެއްވެވުން އެދި ދުޢާކުރުމުގެ ބަދަލުގައި ދުޢާކުރަންވީ އެ ޙާލަތުން ސަލާމަތްކޮށްދެއްވެވުން އެދިއެވެ.
އެއިރުން އޮންނާނީ ދެގޮތެކެވެ! މައްސަލަ ޙައްލުވެ ލިބެމުންދާ އަނިޔާ ނުލިބޭނެ ގޮތް މިންވަރުކޮށް ދެއްވެވުމެވެ. ނުވަތަ ކައިވެނި ރޫޅި ލިބެމުން ދިއަ އަނިޔާއިން ސަލާމަތްކުރައްވަވައި ދެއްވެވުމެވެ. ވީމާ އަނިޔާ ލިބިގެންވާ ޙާލު ނުވަތަ މުޞީބާތުގެ ވަގުތުތަކުގައި ދުޢާކުރާއިރު މިކަންކަމަށް ވިސްނަންވާނެއެވެ!
ކުރިމަތިވާ ދަތިތަކަށް ނުވަތަ ހިތްދަތިކަމަށް ކެތްތެރިވުމުގެ މާނައަކީ އެއްވެސް ޙާލެއްގައި އަނެކާ އަނިޔާކުރާނެވަރަކަށް ކުރަން ދޫކޮށްލައިގެން ހުރުމެއް ނޫނެވެ. ޢަމަލުކުރަން ކުރެވޭނެ ކަމެއް ނެތަސް ދުޢާކުރެވޭނެއެވެ. އެކަމަށް އެއްވެސް މީހަކަށް ހުރަހެއް ނުއެޅޭނެއެވެ. އެހެނީ ހިތުންވެސް ދުޢާކުރެވޭނެއެވެ. ހިތުން ދުޢާކުރިނަމަވެސް އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ޢިޖާބަވެސް ކުރައްވަވާނެތެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން