ހެޔޮޢަމަލުކުރުމުގަ ކުރިއަށްދާން ބޭނުންވާ މީހާ ފުރަތަމަކަމަކަށް ކުރަން އޮތް ކަންތައް ކުރާށެވެ! މަގުފަހިކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ހެޔޮޢަމަލުކުރުމުގަ ކުރިއަށްދާން ބޭނުންވާ މީހާ ފުރަތަމަކަމަކަށް ކުރަން އޮތް ކަންތައް ކުރާށެވެ! މަގުފަހިކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ

ﷲ ތައާލާ ވަޙީ ކުރައްވަވާފައިވަނީ މިފަދައިންނެވެ!

"--- ފަހެ، ﷲ އަށް ތިއަބައިމީހުން ތަޤްވާވެރިވާށެވެ! އަދި ތިއަބައިމީހުންގެ ދެމެދުގެ ގުޅުންތައް އިޞްލާޙް ކުރާށެވެ! އަދި ތިއަބައިމީހުން މުއުމިނުން ކަމުގައިވާނަމަ، ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ތިއަބައިމީހުން ކިޔަމަންވާށެވެ!" (އަލްޢަންފާލް: 1)

މިއާޔަތުގައި މިވަނީ ރަޙިމުގެ ގުޅުމާއި މުސްލިމުންގެ މެދުގައި ދަމަހައްޓަންޖެހޭ ގުޅުންތައް ދެމެހެއްޓުމުގެ މުހިންމުކަމުގެ ވާހަކައެވެ. ރަސޫލް (ﷺ) ގެ ޙަދީޘްފުޅުގައި ވަނީ އެކަންކަން ކުރުމަކީ ސުންނަތް ރޯދަ ހިފުމާއި މުޅި ރޭގަނޑު ހޭލައި އިނދެ ރޭއަޅުކަންކުރުމަށްވުރެވެސް މާ ގިނަ ޘަވާބު ލިބިގެންދާނެ ކަމެއްކަމަށެވެ.

ވީމާ އަހަރެންގެ އިލްތިމާސަކީ ޘަވާބު ހޯދަން މަސައްކަތްކުރުމުގައިވެސް އެންމެ ލުއިފަސޭހަކަމާއިއެކު ފަށައިގަތުމެވެ. އަމިއްލަ ގޭތެރެއިން ފަށައިގަތުމެވެ. "މަރާމާތުކުރަން" ޖެހިފައިވާ ގުޅުންތައް އަވަހަށް މަރާމާތުކޮށް ރަނގަޅުކޮށްލާށެވެ. އެންމެ ފުރަތަމަ ގޭތެރެއިންނެވެ. އެއަށްފަހު އެންމެންނާއިމެދުގައިވެސް މެއެވެ.

ސުންނަތް ރޯދަތައްވެސް ހިފާށެވެ! ރޭއަޅުކަންވެސް ކުރާށެވެ! ދެންވެސް އިތުރަށް ކުރެވެންހުރި ހުރިހާ އަޅުކަމެއްވެސް ކުރަމުން ގެންދާށެވެ.

ފުރަތަމަ ކަމަކަށް ރަޙިމުގެ ގުޅުން ވަރުގަދަކޮށް އެހެން މީހުންނާއިއެކުވެސް ބާއްވާ ގުޅުންތައް ބަދަހިކޮށްލަން މިބުނަނީ އެކަން ކުރުމުން ލިބިގެންދާ ގިނަގުނަ ޘަވާބުގެ އިތުރުން ސިކުނޑިއަށް ލުއިވެ، ދެންކުރާ ކަންކަން އެންމެ ފުރިހަމަ ގޮތުގަ ކުރަން ވިސްނަން ފުރުޞަތުވެސް ފަހިވެގެންދާނެތީއެވެ.

ގޭތެރޭގެ ކަންކަމުގައި އަނބިމީހާއަށް އެހީތެރިވެދިނުމަކީވެސް އަޅުކަމެވެ. އަނބިމީހާ ފިރިމީހާއަށް އެހީތެރިވެދިނުމަކީވެސް އަޅުކަމެވެ. މައިންބަފައިންނަށް ޚިދުމަތްކުރުމާއި ރަނގަޅު ގޮތުގައި ދަރިން ބަލައި ތަރުބިއްޔަތުކުރުމަކީވެސް އަޅުކަމެވެ. މިގޮތުން ބަލައިފިނަމަ އަމިއްލަގޭތެރެއިން ހޯދެންހުރި ޘަވާބު ހާދަގިނައެވެ.

ގޭތެރޭގައި އުފެދިފައިވާ ފިތުނައެއް، ނުވަތަ ދެ އަޚުންގެ މެދުގައި ޖެހިފައިވާ މައްސަލައެއް ޙައްލުކޮށް ދެމީހުން ޞުލްޙަކުރަން މަސައްކަތްކުރުމަކީވެސް އެހައި ގިނަ ޘަވާބު ދެއްވަވާނެ އަޅުކަމެކެވެ. ވީމާ މިކަންކަމަކީ ޘަވާބަށް އެދިގެން ނުކޮށް ދޫކޮށްލަން ހެޔޮވާވަރުގެ ކަންކަމެއް ނޫނެވެ.

ތިމާގެ އަމިއްލަ ދިރިއުޅުމަށްޓަކައިވެސް ކޮންމެހެން ކުރަން ޖެހޭ ކަންކަން ކޮށްލުމުން އެތައްބައިވަރު ޘަވާބު ލިބެން އޮތްއިރުވެސް ނުކޮށް ބަހައްޓާފައި މާއުނދަގޫ ކަންކަން ކޮށްގެން ޘަވާބު ހޯދަން އުޅެވެނީ ކީއްވެގެންހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން