ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުން މަގުތަކަށް ނުކުތުމުން ގިރިޓީކޮށް ރީތިކޮށްފައި ޝައިޠޯނާ ފިރިހެނުންނަށް ވިއްކާކަން އެނގޭހެއްޔެވެ؟ ސަލާމަތްކަން ބޭނުންވޭ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުން މަގުތަކަށް ނުކުތުމުން ގިރިޓީކޮށް ރީތިކޮށްފައި ޝައިޠޯނާ ފިރިހެނުންނަށް ވިއްކާކަން އެނގޭހެއްޔެވެ؟ ސަލާމަތްކަން ބޭނުންވޭ ހެއްޔެވެ؟

ކިޔައިދެނީ އަނަހެނުންނަށް އެންމެ ބޮޑު ދެރަ ދޭން އަންހެނުންނަށް ޝައިޠޯނާ ދޭ އެންމެ ބޮޑު ލަނޑާއި އަދި ބެލުންތައް ތިރިކުރަން ފިރިހެނުންނަށް އުނދަގޫވާ ސަބަބުގެ ވާހަކައެވެ. ވިސްނައި އަޑުއަހާށެވެ!

އަންހެނުން ގެއިން ބޭރުގައި، ޚާއްޞަކޮށް އެކަނި އުޅޭނަމަ އޭނާގެ އަޞްލު ސިފައަށްވުރެ މާރީތި އަންހެނުންގެ ގޮތުގައި ފިރިހެނުންނަށް ދައްކުވާނެއެވެ. ގެއިން ނުކުންނަމުން ކިޔަންހުރި ޛިކުރުތަކާއި ދެއިރުގެ ޛިކުރުތައް ނުކިޔާނަމަ އެކަން ވަކިންބޮޑުވާނެއެވެ. އެކަމުގެ ސަބަބުން އެކަނބަލުންގެ މައްޗަށް ފިރިހެނުންގެ ހިތުގައި އުފެދޭ ޝައުޤުވެރިކަން ބޮޑުވެގެންދާނެއެވެ.

ފިރިހެނުންނަށް އޭނާ ފެންނާނީ އެއަންހެންމީހާއަކީ އޭނާގެ ހިތް އެދޭ ކަންކަން އެންމެ ފުރިހަމައަށް ފުއްދައިދޭނެ އަންހެނެއްގެ ގޮތުގައެވެ. އަންހެން މީހާގެ ސިފަ ބަދަލުކޮށްލާވަރުން އޭނާގެ އަޞްލް ސިފަ ނުވެސް ފެންނާނެއެވެ. އެހެންވެ ކަޅިޖަހާނުލައި ބަލަންތިބޭނެއެވެ. ކިތަންމެ ހަނި ފުރުޞަތެއް ލިބުނަސް ބަހެއް ބުނެ ވަދުއަޅާލަންވެސް ބޭނުންވާނެއެވެ.

އެކަން އެހެން އެވަނީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ އެއީ ޝައިޠޯނާއަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ޖަހާ ދަންތުރައެކެވެ. ފިރިހެނުންގެ ލޯތަކަށް އަންހެންމީހާ ދައްކުވައިދޭ ގޮތުންނެވެ. ފިރިހެންމީހާ އެންމެ ޝައުޤުވެރިވާ ދާއިރާތައް ޝައިޠޯނާއަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ވީމާ އޭނާއަކީ އެކަންކަމަށް ވަރަށް ކުރީގައި ހުރި އަންހެނެއްކަމުގެ ޔަޤީންކަން ޝައިޠޯނާ ދޭނެއެވެ.

ޙަޤީޤަތުގައި ޝައިޠޯނާ މިކުރާ ކަމަކީ ވަރަށް ހީލަތްތެރިގޮތަކަށް އަންހެންމީހާ ވިއްކައިލަނީއެވެ. އެކަން އެކަނބަލުންނަށްވެސް އަދި މަޅީގައި ޖެހޭ ފިރިހެނުންނަށްވެސް ނުއެނގެނީއެވެ.

ޝައިޠޯނާއަކީ އޭނާ ބޭނުންވާ ކަންކަން ކުރުވުމަށްޓަކާ އަބަދުވެސް ބޮޑެތި ދޮގުތައް ހަދާ ދޮގުވެރިއެވެކެވެ. ނުބައިކަން ރަނގަޅު ފައިދާހުރި ކަންކަމުގެ ގޮތުގައި ޒީނަތްތެރިކުރުވައިގެން ވަސްވާސްދޭ އެއްޗެކެވެ. އާދަމްގެފާނަށާއި ޙައްވާގެފާނަށް ﷲ ތަޢާލާ މަނާކުރެއްވެވި ގަހުން ފަރިއްކުޅުވުމަށްޓަކައި އެގަހުގެ މޭވާގެ ފައިދާ ޒީނަތްތެރިކުރިވަރު އެކަނިވެސް މިބުނާ ބަހުގެ ދަލީލަކަށް ފުދޭނެއެވެ. އަދި ޝައިޠޯނާއަކީ ދޮގުވެރިއެއްކަމަށް ރަސޫލް ކުރައްވަވާފައިވާ ޙަދީޘްފުޅުން ޔަޤީންކަން އިތުރުވެގެންދާނެއެވެ.

މަގުމަތިން ރީތި އަންހެނަކު ފެނިއްޖެނަމަ އަވަހަށް އަނބިމީހާގެ ގާތަށް ދިއުމަށް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ އެ ސަބަބަށްޓަކައެވެ.

ލޮބުވެތި ކަނބަލުންނޭވެ! މިބަޔާންކުރި ކަންކަމަށް ރައްކައުތެރިވުން އޮތީ ތިއަ ކަނބަލުންގެ އަތްމަތީގައެވެ. ފުރަތަމަކަމަކަށްވެސް އިސްލާމްދީނުގައިވާ މަގުން ފޭރާންލައިއުޅޭށެވެ. ފަތިސްނަމާދުން ރައްކައުތެރިކަން ހޯދާށެވެ. ދެއިރު ކިޔަންޖެހޭ ޛިކުރުތައް ކިޔަމުންގެންދާށެވެ. ގެއިން ނުކުންނައިރު ކިޔަންޖެހޭ ޛިކުރްތައް ކިޔާފައި ނޫނީ ނުނުކުންނާށެވެ! ކިތަންމެ ކުޑަ އިރުކޮޅަކަށް ކިތަންމެ ކައިރީގައި ހުރިތަނަކަށްދާން ނަމަވެސްއެވެ. އެންމެ ކުޑަމިނުން ކުރިމަތީގައި ހުރި ފްލެޓަށްދާން ވެސްމެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން