މީހަކު ދެރައެއް ދިނުމުން ކިތަންމެ ރުޅިއައިނަމަވެސް އެމީހަކު ފަޟީޙަތް ކުރުމަކީ ކުރެވޭ އެންމެ ބޮޑު ފާފައެއް! ލިބޭނެ ދެރަ މާބޮޑުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
މީހަކު ދެރައެއް ދިނުމުން ކިތަންމެ ރުޅިއައިނަމަވެސް އެމީހަކު ފަޟީޙަތް ކުރުމަކީ ކުރެވޭ އެންމެ ބޮޑު ފާފައެއް! ލިބޭނެ ދެރަ މާބޮޑުވާނެ!: މުފްތީ މެންކް

މިހާރަކަށް އައިސް ކިތަންމެ އެކުގައި އުޅެފައިވެސް އަނެކާދެކެ ރުޅިއައުމުން ނުވަތަ ކަމަކާ ހިތްހަމަނުޖެހުމުން އަނެކާގެ ސިއްރުތައް ހާމަކޮށް ފަޟީޙަތްކުރުމަކީ ގިނަބައަކަށް ކުރެވޭ ކަމެކެވެ. ފުރަތަމަކަމަކީ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އަނެކާގެ ސިއްރު ތިބާއަށް އެނގޭނަމަ އެއީ ތިބާގެ ކިބައިގައިވާ އަމާނާތެކެވެ.

އެސިއްރު ތިބާގެ ގާތުގައި ބުނެފައި އެވަނީ ބޭޒާރުނުކުރާނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމަކާއިއެކުގައި ކަމަށްވާތީއެވެ. މީގެ އިތުރުން ނުބުނަނީސް އެހެން ގޮތަކުން މީހެއްގެ ސިއްރެއް އެނގުނަސް އެކަންވެސްވާނީ ހަމަ އަމާނާތަކަށެވެ.

ޞަޙާބީންގެ ޒަމާން ދޫކޮށް މިޒަމާނަށް ބެލި ނަމަވެސް އެންމެ ބޮޑެތި ތަޤްވާވެރިންގެ ތެރެއިން ވެސް އެތައް ބައަކީ ކުރިން ހަމަ ވަރަށް ބޮޑެތި ފާފަތައް ކުރެވުނު މީހުންނެވެ. ވީމާ އެއްވެސް މީހަކު މިހާރު ހުންނާނެ ޙާލަތު ހަމަ އެކަކަށްވެސް ވަޒަން ކުރަންވެސް ނުއެނގޭނެއެވެ!

އަދިވެސް ކީއްހެއްޔެވެ؟ ފާފަ ނުކުރެވެނީ ކާކަށް ހެއްޔެވެ؟ ޚުދު ތިމާއަކީ ހަމަ އެއްވެސް ފާފައެއް ނުކުރެވޭ މީހަކީމު ހެއްޔެވެ؟ ޔަޤީންވާ ކަމަކީ ކުރިން ފާފައެއް ނުކޮށް ހުރި ނަމަވެސް މީހަކު ފަޟީޙަތް ކުރުމުން އެކުރެވެނީ ބޮޑު ފާފައެއް ކަމެވެ!

މީސްތަކުންނަށް މާޒީގައި ކުރެވިފައި ހުންނަ ގޯސް ކަންތައްތަކުގެ ވާހަކަތައް ދައްކައި އެމީހުން ފަޟީޙަތް ނުކުރާށެވެ! އެހެނީ އެމީހާ މިހާރު ހުރީ ތައުބާވެ ތބާއަށްވުރެ މާބޮޑަށް ﷲ ތަޢާލާގެ ޙަޟްރަތާއި ކުއްތަންވެގެން ކަމަށްވެދާނެއެވެ.

އަދި ކީއްހެއްޔެވެ؟ މީހުންގެ މާޒީ ހަނދާންކޮށްދީ ފަޟީޙަތްކުރުމަކީ އެމީހަކު އިޞްލާޙްވުމަށް ހުރަސް އެޅޭ ކަމެކެވެ. އެއްވެސް މީހަކު އިޞްލާޙްވާން ކުރާ މަސައްކަތަށް ހުރަސް އެޅުމަކީ ފާފަވެރިވާނެ ޢަމަލެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެ ޢަމަލެކެވެ.

މީހުން ފަޟީޙަތްކުރަން ހިތްވަރުދީ ބާރުއަޅަނީ ޝައިޠޯނާއެވެ! ފުރަތަމަ ބޭނުމަކީ އެކަންކުރާ މީހާ ފާފަވެރިކުރުވުމެވެ. ދެވަނަ ބޭނުމަކީ ފަޟީޙަތްވާ މީހާ ރުޅިގަދަވެ، ލަދުވެތިވެ ހެޔޮ ޢަމަލުކުރަން ފަސްޖެހުމެވެ. ވީމާ އަހަރެމެންނަށް އޮތީ މީހުން ފަޟީޙަތްނުކޮށް މީސްތަކުންގެ ޒާތީކަންކަން ސިއްރުކުރުމެވެ. އެކަމުން ތިމާއަށް ޘަވާބުލިބުމުގެ އިތުރުން އިޞްލާޙްވާން އަނެކާ ޝައުޤުވެރިވާނެތީއެވެ!

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން