ހަނދުމަކޮށްދިނުމެއް!: މެންދުރު ނަމާދުގެ ބަންގިގޮވާއިރު މިސްކިތުގަ ހުރުމަކީ މެންދުރު ނަމާދު ޖަމާޢަތުގަ ކުރެވުމުގެ އިތުރުން އެރޭ އަޅުކަން ކުރުމުގެ ޘަވާބު ހޯދެން އޮތް މަގެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ހަނދުމަކޮށްދިނުމެއް!: މެންދުރު ނަމާދުގެ ބަންގިގޮވާއިރު މިސްކިތުގަ ހުރުމަކީ މެންދުރު ނަމާދު ޖަމާޢަތުގަ ކުރެވުމުގެ އިތުރުން އެރޭ އަޅުކަން ކުރުމުގެ ޘަވާބު ހޯދެން އޮތް މަގެއް!

މެންދުރުނަމާދުގެ ކުރިއަށް އޮތީ ރަވާތިބް ސުންނަތުގެ 4 ރަކްޢަތް ކުރުމެވެ. ނަމަވެސް ބައެއް މީހުންނަށް އެކަން ބުރައަކަށްވެ 2 ރަކްޢަތް ކޮށްފައި ނިންމާލައެވެ. ތިރީގައި މިބަޔާންކުރަނީ އެގޮތަށް އެކަން ނުކުރަންވީ ސަބަބުތަކުގެ ތެރެއިން މުހިންމު އެއް ސަބަބެވެ.  

ޙަދީޘްފުޅުގައި އޮތީ މެންދުރު ނަމާދުގެ ކުރިން ކުރަން އޮތް ރަވާތިބް ސުންނަތުގެ 4 ރަކްޢަތް ކޮށްފިމީހާ ރޭއަޅުކަން ކުރުން ފަދަ ކަމަށެވެ. 

މިއީ މެންދުރުނަމާދު ޖަމާޢަތުގައި ކުރެވުމުގެ އިތުރުން މެންދުރު ނަމާދާއިއެކު އެރޭ ރޭއަޅުކަން ކުރިކަމުގެ ޘަވާބު ވަރަށް ފަސޭހައިން  ހޯދެން އޮތްގޮތެކެވެ. ﷲ ތަޢާލާ މިވަނީ ޘަވާބު ގިނައިން ލިބިގަންނަން އެދޭ މީހާއަށް އެކަމުގެ މަގުތައްވެސް ފަހިކޮށް ދެއްވަވައިފައެވެ.  

ﷲ ތަޢާލާގެ ދީލަތިވަންތަކަމުގެ ބޮޑުކަން ނިކަން ދެކެބަލާށެވެ! މެންދުރުނަމާދަށްދާ މީހާ ނަމާދުގެ ކުރިން ރަވާތިބް އިހު ސުންނަތުގެ 4 ރަކްޢަތް ކޮށްލުމުން އެކަމުގެ މަތިވެރި ޘަވާބުގެ އިތުރުން އެ ދެއްވަވަނީ ރޭ އަޅުކަންކުރިކަމުގެ ޘަވާބެވެ!  

މި މަތިވެރި ނިޢްމަތް ލިބިގަންނަން އެންމެ ފަސޭހަވާނީ މެންދުރު ނަމާދަށް ބަންގިގޮވައި ނިމޭއިރު މިސްކިތުގައި ހުރުމުންނެވެ. ފަހުން އަރާ ހަމަ މަދުމީހަކަށް ނޫނީ އޮންނަނީ ރަވާތިބް ސުންނަތުގެ އެންމެ 2 ރަކްޢަތްވެސް ނުކުރެވިފައެވެ.  

ޖަމާޢަތުގައި ނަމާދުކޮށް ނިމޭފަހުން މިސްކިތަށް އެރުނު ނަމަވެސް މެންދުރުނަމާދު ކުރުމުގެ ކުރިން ސުންނަތުގެ 4 ރަކްޢަތްކޮށްފި މީހަކަށް ހަމަ އެދަރުމަ ދެއްވަވާނެތެވެ. އިން ޝާ ﷲ  

ފަރުޟު ނަމާދުތައް ކުރުމުގެ އިތުރަށް ނުހަނު ފަސޭހައިން ހޯދެން ހުރި މި ފަދަ ބޮޑެތި ފައިދާތައް ޙާޞިލުކުރަން މަސައްކަތްކުރަމުން ގެންދާށެވެ. ދުނިޔެއިން ވަކިވެގެންދާއިރު އެކުގައި ގެންދެވޭނީ ކުރި ހެޔޮ ޢަމަލެކެވެ.   

 

- މަޢްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

 

 

މިއަދު އޮންލައިން