ދުނިޔެއިން ބޭނުންވާ ކޮންމެ ކަމަކަށް ބޭނުންވެގެން ދުޢާކުރި ނަމަވެސް ހަމައެކަނި ދުނިޔަވީ ބޭނުމުގެ ވާހަކަ ދަންނަވައި ނިންމައިނުލާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ދުނިޔެއިން ބޭނުންވާ ކޮންމެ ކަމަކަށް ބޭނުންވެގެން ދުޢާކުރި ނަމަވެސް ހަމައެކަނި ދުނިޔަވީ ބޭނުމުގެ ވާހަކަ ދަންނަވައި ނިންމައިނުލާށެވެ!: މުފްތީ މެންކް

ދުނިޔަވީ ދުނިޔެއިން ކަމަކަށް ބޭނުންވިޔަސް ދުއާކުރާށެވެ! ނަމަވެސް ހަމައެކަނި ދުނިޔެއިން ބޭނުންވާ ކަންތަކުގެ ވާހަކަ ދަންނަވައި ފުއްދައިނުލާށެވެ! ތިމާގެ ފާފަފުއްސަވައިދެއްވެވުމަށާއި އާޚިރަތަށް އެދި އެބައިތައްވެސް ހިމަނާށެވެ! 

ކޮންމެ މުސްލިމަކީ ވެސް ކޮންމެ ދުވަހަކުވެސް ﷲ ތަޢާލާގެ ޙަޟްރަތުން އެތައް ކަމަކަށް އެދި ދުޢާކުރަމުން ގެންދާ މީހެކެވެ. އެމީހަކަށް ދަތިވެފައިވާ ކަންކަން ހިންމަވައި ދެއްވެވުން އެދިއެވެ. ވަޒީފާއަށް އެދިއެވެ. ވަޒިފާގެ ކުރިއެރުމަށް އެދިއެވެ. ރިޒުޤަށް އެދިއެވެ. އެވެނި މިވެނި ކަމެއް ހިންމަވައި ދެއްވެވުން އެދިއެވެ. 

ދުޢާކުރުމުގައި ގިނަބައަކަށް އެންމެ ބޮޑަށް އިހްމާލްވެވެނީ ފާފަތައް ފުއްސަވައި ދެއްވެވުމަށާއި އަދި ސުވަރުގެ ވައްދަވައި ދެއްވެވުން އެދި ދުޢާކުރުމަށެވެ. ނަރަކައިން ސަލާމަތްކޮސްދެއްވެވުން އެދިގެން ދުޢާކުރުމަށެވެ. ޢާޚިރަތް ދުވަހުގައި ކާމިޔާބު ލިބިގެންވާ މީހަކު ކަމުގައި ލައްވަވައި ދެއްވެވުން އެދި ދުޢާކުރުމަށެވެ. އެހެންވެ ގިނަ ބައަކު ދުޢާ ކުރަނީ ހަމައެކަނި ދުނިޔަވީ ބޭނުންތަކަށް އެދިގެންނެވެ. 

މިއީ އެއްގޮތަކަށްވެސް ޢަމަލުކުރަން އޮތް ގޮތެއް ނޫނެވެ! ކޮންމެ ކަމަކަށް އެދިގެން ދުޢާކުރި ނަމަވެސް އެދުޢާގައި ތިމާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދެންވާނެއެވެ. އަދި އާޚިރަތް ދުވަހު ކާމިޔާބުލިބި ސުވަރުގެ ވައްދަވާ އަޅުންގެތެރޭގައި ހިމަނުއްވަވައި ދެއްވެވުމަށް އެދިދަންނަވަންވާނެއެވެ! 

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ 

"އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވަވާނދޭވެއެވެ. އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ!" އާމީން 

މިދުޢާއަކީ ވަރަށް ޢާންމު ދުޢާއެއް ކަމަށް ބަލައި ދުޢާއަށް ފަރުވާ ކުޑަނުކުރާށެވެ! ކޮންމެ ކަމަށް އެދިގެން ދުޢާކުރިނަމަވެސް ފަހަތުން ނުވތަ ކުރިން މިދުޢާކުރާށެވެ! އެހެނީ އެނެމެ މަތިވެރިވެގެންާ ދުޢާއަކީ މިދުޢާއެވެ. އިންސާނާއަށް ބޭނުންވާނެ ހުރިހާ ކަންކަން މިދުޢާގައި ހިމެނިގެންވާ ކަމަށްޓަކައެވެ.

އެހެނީ ދުނިޔަވީ ބޭނުން ނުފުދުނު ނަމަވެސް އެއީވެސް ރަޙްމަތަކަށްވެދާނެއެވެ. ނަމަވެސް ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ ވައްދަވާ އަޅުންގެ ތެރޭގައި ނުހިމެނިއްޖެ ނަމަ އެއީ އެމީހަކަށް ލިބިގެންދާނެ އެންމެ ބޮޑު ދެރަ ކަމުގައި ނޫނީ ނުވާނެއެވެ! 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން