ޒަވާޖީ ޙަޔާތަށް ބައިވެރިއަކު ހޯދުމަކީ ވަރަށް ބޮޑަށް ވިސްނައިގެން ކުރަންޖެހޭނެ ކަމެކެވެ. ސަބަބަކީ ޒަވާޖީ ޙަޔާތުގެ ކަންކަން ހިތާމަވެރި ގޮތަކަށް ހިނގައްޖެނަމަ އެއީ ގިނަ ބައަކަށް މުޅި ޢުމުރުގައިވެސް ހިތާމަކުރަންޖެހޭ ކަމަކަށްވާތީއެވެ.
މީސްތަކުންގެ ވިސްނުން އެނބުރޭ ވަހުތާނެއްހެން ބަދަލުވަމުންދާއިރު ކަންކަންކުރަންވާނީ ކުރިމަތިވެދާނެ ޙާލަތަކާއިމެދު ވިސްނެން އޮތް އެންމެ ބޮޑަކަށް ވިސްނުމަށްފަހުގައެވެ. އެނގެންޖެހޭނެ ކަންކަން އެނގިގެންނެވެ.
މިރޭވެސް ފުރަތަމަ މިދައްކަނީ ހަމަ މިފަދަ މޭރުމަކުން ވަރަށް ގިނައިން ކުރަމުން އަންނަ ވަޞިއްޔަތެއްގެ ވާހަކައެވެ. މިހާރުވެސް އެތައް ފަހަރަކު ދައްކާފައިވާނެ ވާހަކައެކެވެ. ތަކުރާރުކޮށް ދައްކަންޖެހޭ ސަބަބަކީ އަދިވެސް ބައިވރިއެއްގެ ގޮތުގައި ގިނަ ބައަކަށް މީހާއަށް އެދެވެނީ އޭނާގެ އެތެރެފުށުގެ ސިފައަށް ނުބަލައިކަމަށްވާތީއެވެ! ހަމައެކަނި ބޭރުފުށުގެ "އެޕިއަރަންސް" އަށް ބަލައިގެންކަމަށްވާތީއެވެ! އަދި އެފަދަ މީހުން ދެއްވެވުން އެދި ދުޢާ ކުރުމުން އެކަން ޙާޞިލުވެއްޖެ ނަމަ މުޅި ޢުމުރުގައި އެކަމަށް ހިތާމަކުރަން ޖެހޭތީއެވެ!
ބައެއް މީހުން އެމީހުންނާ ބައްދަލުވާ މީހަކު އިޚްތިޔާރު ކުރުމަށްފަހު އެމީހަކު ދެއްވެވުން އެދި ދުޢާކުރަން ފަށައެވެ. އޭނާއަކީ ކޮން މިޒާޖެއްގެ، ކޮން ގޮތަކަށް ދިރިއުޅޭ ކާކުކަންވެސް ބަލައިލުމެއް ނެތިއެވެ. މިއީ ވަރަށް ހިތާމަހުރި ގޮތްތައް މެދުވެރިވާ ސަބަބެކެވެ.
ކަމަކަށް އެދި ދުޢާކުރާއިރު ބައެއް ކަންކަން ވަނީ ގިނަ ބައަކަށް ވަރަށް ބޮޑިއޮޅިފައެވެ. ނުވަތަ ނުއެނގިއެވެ. އެހެނީ ގިނަ ބައަކު ދުޢާކުރާއިރު ދަންނަވަނީ މިވެނި ކަމެއް ނުވަތަ މިވެނި އެއްޗެއް ތިމަންނައަށް ދެއްވެވުމަށެވެ. އެއްވެސް ޙާލެއްގައި އެއީ ރަނގަޅު ގޮތެއް ނޫނެވެ. އަބަދުވެސް ދަންނަވަންވާނީ ތިމާ މިވެނި ކަމަކަށް އެދެމެވެ. އެކަމަކީ ތިމާއަށް ފައިދާހުރި ކަމެއްނަމަ ތިމާއަށް ދެއްވެވުމަށެވެ. އެކަމަކީ ތިމަން އަޅާއަށް ގެއްލުން ހުރި ކަމެއް ނަމަ ނުދެއްވެވުމަށެވެ.
އެހެނީ އަހަރެމެންނަށް އެދެވޭ ބައެއް ކަންކަމަކީ އަހަރެމެންނަށް އެންމެ ފައިދާހުރި ކަންތައް ކަމުގައި ނުވެދާނެއެވެ. ސަބަބަކީ ޣައިބުގައި ފޮރުވިފައިވާ އެއްވެސް ކަމެއް އަހަރެމެންނަށް ނުއެނގޭތީއެވެ. އެކަމެއް ލިބުމުން ދެން ވާނެ ގޮތް ނުއެނގޭތީއެވެ. އެކަންކަން އަހަރެމެންނަށް ނުއެނގުނު ނަމަވެސް ﷲ ތަޢާލާ ހަމަ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. ކަމަކަށް އެދި ދުޢާކުރާއިރު ކުރިން ބަޔާން ކުރި ފަދައިން ދުޢާކުރަން ޖެހެނީ އެ ސަބަބަށްޓަކައެވެ.
ނަމަވެސް އޮޅުވައި ނުލާށެވެ! މިދައްކަނީ އީމާން ކަމާއި ސުވަރުގެ ލިބުން ފަދަ ﷲ ތަޢާލާ ވަކިގޮތަކަށް ބަޔާން ކުރައްވަވާފައިވާ ކަންކަމުގެ ވާހަކައެއް ނޫނެވެ. މިދައްކަނީ ދުނިޔަވީ ކަންކަމުގެ ވާހަކައެވެ. މިސާލަކަށް އިނބަ ﷲ ރުހިވޮޑިގަންނަވާނަމަ މިއަޅާއަށް ޢަފޫކޮށްދެއްވަވާނދޭވެ! ފަދަ ދުޢާ އެއްގޮތަކަށްވެސް ކޮށްގެން ނުވާނެއެވެ. ދުޢާކުރަންވާނީ މިއަޅާގެ ކުށްތަކަށް ޢަފޫކޮށްދެއްވެވުން އެދިއެވެ. އެހެނީ އެކަމުގައި ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވަނީ އެގޮތަށް ދުޢާ ކުރުމަށެވެ. ހަމަ އެފަދައިން އިނބަ ﷲ ރުހިވޮޑިގަންނަވާނަމަ މިއަޅާއަށް ސުވަރުގެ ދެއްވަވުން އެދި ދުޢާކޮށްގެން ނުވާނެއެވެ! ދުޢާކުރަންވާނީ ސުވަރުގެ ދެއްވެވުން އެދިއެވެ.
ނަމަވެސް މިސާލަކަށް ތިބާ އެދި ދުޢާކުރަމުން ދިއައީ ޛުލޭޚާ ދެއްވެވުނެ އެދިއެވެ. ތިބާ އެގޮތަށް އެދި ދުޢާކުރީ ޛުލޭޚާގެ ބޭރުފުށުގެ ސިފަތަކަށް ބަލައިގެން ކަމަށްވެދާނެއެވެ! ﷲ ތަޢާލާ، ތިބާ އެދި ދެންނެވި ފަދައިން ޛުލޭޚާ ތިބާޢަށް ދެއްވެވީއެވެ. ތިބާއަށް ޛުލޭޚާ ލިބުނުއިރު ޛުލޭޚާ އަކީ ތިބާގެ ބޮލުގައި އަބަދު ތަޅާ ބަރު މަރުތޭލަކަށްވެދާނެއެވެ! ދެން ހަދާނީ ކިހިނަކުން ހެއްޔެވެ؟
ހަމަ އެފަދައިން ކޮލެޖުން ބައްދަލުވި އިސްމާޢީލް ދެއްވެވުން އެދި ދުޢާކުރަމުން ގޮސް ލިބުނުއިރު އޭނާއަކީ އޭނާ އާއި ކައިވެނިކުރެވުނުކަމަށްޓަކައި މުޅި އުމުރުގަ ހިތާމަކުރަން ޖެހޭ މީހަކަށްވެސް ވެދާނެއެވެ!
--މުފްތީ މެންކުގެ ދަރުސަކުން