މަސައްކަތެއް ނުކޮށް ވަޤުތު ބޭކާރުކުރާ މީހުންނަށް ޢުމަރުގެފާނު އަދަބު ދެއްވެވި! މަސައްކަތްކުރަން ގަދަ އަމުރުފުޅުން އަމުރުފުޅު ކުރެއްވެވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 2ސ
މަސައްކަތެއް ނުކޮށް ވަޤުތު ބޭކާރުކުރާ މީހުންނަށް ޢުމަރުގެފާނު އަދަބު ދެއްވެވި! މަސައްކަތްކުރަން ގަދަ އަމުރުފުޅުން އަމުރުފުޅު ކުރެއްވެވި!

ކުރާކަށް ވަކި މަސައްކަތެއް ނެތެވެ. ހަމައެކަނި އޮތީ ތިމާގެ ދެދުނިޔެއަށް ފައިދާކުރާނެ މަސައްކަތެއް ކުރުމެވެ. އެންމެ ޙަލާލު ރިޒުޤަކީ އެމީހެއްގެ އަމިއްލަ މަސައްކަތުން ހޯދާ ރިޒުޤެވެ. ވީމާ ރިޒުޤު ހޯދަން ޙަލާލް ކޮންމެ މަސައްކަތެއްވެސް ކުރަންވީއެވެ. 

މިއަދު މިފެންނަނީ ވަކިފެންވަރެއްގެ މަސައްކަތެއް ނޫނީ ނުކުރަން ގިނަ ބައަކު ތިބޭތަނެވެ. އެމީހުން ވިސްނާލްނަވީކަމަކީ: 

"ޢުމަރުގެފާނުގެ ޒަމާނުގައި މީހަކު މަސައްކަތެއް ނުކޮށް، ވަގުތު ބޭކާރުކުރާތަން އެކަލޭގެފާނަށް ފެނިވަޑައިގެންފިއްޔާ އެ މީހަކަށް އަދަބު ދެއްވައި، ދެ ދުނިޔެއަށް ފައިދާހުރި ކަމެއް ކުރުމަށް އޭނާއަށް ގަދައަމުރުފުޅުން އަމުރުކުރެއްވެވިކަމެވެ. 

ތިރީގައިވާ ލިޔުމުން އިތުރު މަޢުލޫމާތު ލިބިލައްވާނެއެވެ!

 

މިއީ ހިންމަތާއި މިންނަތުގެ އުންމަތެވެ.

ޝަފީޢު ޢަބްދުﷲ

ކާމިޔާބަކީ ހިންމަތާއި މިންނަތްކުރާ ބަޔަކަށް މާތް ﷲ މިންވަރުކުރައްވާ ކަމެކެވެ. ކާމިޔާބަކީ ދެއަތްއުރައިލައިގެން ތިބޭ ބަޔަކަށް ލިބޭ އެއްޗެއް ނޫނެވެ. 

މުސްލިމުންނަކީ ހީވާގިވާން ޖެހޭ ބައެކެވެ. ހިންމަތާއި މިންނަތް ކުރަންޖެހޭ ބައެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިސްލާމްދީން ފެތުރިގެން ދިޔައީ ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ މަތިވެރި ޞަޙާބީން ވަރުބަލިފުޅުކަމެއް ނެތި ކުރެއްވި މިންނެތް މަސައްކަތްޕުޅުންނެވެ. މާތް ﷲ ގެ ތައުފީޤާއި މަދަދާއި ހިދާޔަތު ލިބޭނީ އެފަދައިން މަސައްކަތްކޮށްގެނެއެވެ. 

މާތް ﷲ އީ ކަށަކުޅަދުންވަންތަ އިލާހު ކަމާ މެދު އެންމެ ބޮޑު ޔަގީންކަމަކާއި އިޢުތިޤާދެއް އޮތީ އެބޭކަލުންގެ ހިތްޕުޅުގައި ކަމާ މެދަކު ޝައްކެއް ނެތެވެ. ނަމަވެސް ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީން ކައުނީ ސުންނަތަށް ތަބާވެވަޑައިގެން، ދިރިއުޅުމުގެ މައިދާނަށް ނުކުމެވަޑައިގެން، ޢަދުއްވުންނާ ހަނގުރާމަކުރައްވައި، ބައެއް ބޭކަލުން ޝަހީދުވެވަޑައިގެން، އަނެއްބައި ބޭކަލުން ބޮޑެތި ޒަޚަމްތައް ތަޙައްމަލުކުރައްވަން ވެސް ޖެހިވަޑައިގަތެވެ. ޚުދު ނަބިއްޔާ صلى الله عليه وسلم އަށް، ޠާއިފުގެ ދަތުރުފުޅުންނާއި އުޙުދު ހަނގުރާމައިގެ ދުވަހު ލިބިވަޑައިގެންނެވި ޒަޚަމްތަކަކީ ކުޑަ ޒަޚަމްތަކެއް ނޫނެވެ. އެއީ އުންމަތުގެ ނަބިއްޔާއެވެ. މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތި އިންސާނާއެވެ. ކައުނު ދުށް އެންމެ މާތް މަޚްލޫޤެވެ. ނަމަވެސް މިއީ އެކަލޭގެފާނު އުފުއްލެވި ބުރަފުޅާއި ތަޙައްމަލުކުރެއްވި ޒަޚަމްފުޅުތަކެވެ. ކައުނީ ސުންނަތަށް ތަބާވެވަޑައިގެން، މާތް ﷲ އެންގެވި ގޮތުގައި ކުރެއްވި މިންނަތްފުޅާއި ޖިހާދުފުޅުގެ ވާހަކައެވެ. 

މުސްލިމުންނަށްވާ ނަމޫނާއަކީ، އެ މާތް ނަބިއްޔާ صلى الله عليه وسلم އާއި އެ މަތިވެރި ޞަޙާބީން ނޫންތޯއެވެ؟ އެ ބޭކަލުންގެ ޤުރުބާނީފުޅުތައް ނޫންތޯއެވެ؟ މި ދީނަށް ޓަކައި އުފުލެއްވި ބުރަފުޅު ނޫންތޯއެވެ. ކުރެއްވި ޖިހާދުފުޅު ނޫންތޯއެވެ؟ 

ޢުމަރުގެފާނުގެ ޒަމާނުގައި މީހަކު މަސައްކަތެއް ނުކޮށް، ވަގުތު ބޭކާރުކުރާތަން އެކަލޭގެފާނަށް ފެނިވަޑައިގެންފިއްޔާ އެ މީހަކަށް އަދަބު ދެއްވައި، ދެ ދުނިޔެއަށް ފައިދާހުރި ކަމެއް ކުރުމަށް އޭނާއަށް ގަދައަމުރުފުޅުން އަމުރުކުރައްވާ ކަމަށް އެކަލޭގެފާނުގެ ސިޔަރަތުގައި މަޝްހޫރު ވާހަކައެއްގެ ގޮތުގައި ނަގުލުކުރެވިފައިވެއެވެ. އެފަދަ އެތައް ހާދިސާއެކެވެ. މިއިން އެނގިގެންދަނީ، އިސްލާމްދީނަކީ މުސްލިމުންނަށް އެބައިމީހުންގެ ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އަމުރުކުރައްވާ ދީންކަމެވެ.

ފަރުޟު ފަސް ނަމާދާއި، ޒަކާތާއި، ރޯދައާއި، ޙައްޖު ފަދަ ކޮންމެ އަޅުކަމަކަށް ނަޒަރު ހިންގައިލުމުން ވެސް ފެންނަނީ މި ޙަޤީޤަތެވެ. ހަރާތްތެރިވުމުގެ މުހިންމުކަމެވެ. ދެ ދުނިޔެއަށް ފައިދާހުރި ގޮތުގައި ވަގުތު ތަންޒީމުކޮށް، ވަގުތު ތަރުތީބުކޮށް، ވަކި ހަމަތަކެއްގެ މަތީން ކަންކަން ކުރުމުގެ ޙަޤީޤަތެވެ. ބޭކާރު ކުރާނެ ވަގުތެއް މުސްލިމަކަށް އޮވެގެން ނުވާނެއެވެ. ތެދެކެވެ. މުނިފޫހިފިލުވުމަކީ އޮތް ކަމެކެވެ. ދީނީ ހަމަތަކުގެ މަތީން އެ ކަން ކުރުމަކީ ވެސް ބާރުއަޅުއްވާ ކަމެކެވެ. އެ ކަންކަން ސިޔަރަތަށް ބެލުމުން ވެސް ފެނިގެންދެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ މުޢާމަލާތުކުރެއްވި ގޮތާއި، އެ ކަނބަލުންނާ އެކު ސަމާސާކުރައްވާއި، މުނިފޫހިފިލުއްވި ގޮތް އެ ވަނީ ބަޔާންވެގެންނެވެ. ޞަޙާބީންނާ އެކު އެކަލޭގެފާނު ހޭދަކުރެއްވި ވަގުތުތަކުގައި ކަންތައް ކުރެއްވި ގޮތް ފެންނާން އެ އޮތީއެވެ. 

އެބޭކަލުން ކާމިޔާބުވެވަޑައިގެންނެވީ މާތް ﷲ ތައުފީޤާ އެކު އެ ބޭކަލުން ކުރެއްވި ބުރަ މަސައްކަތްޕުޅާއި ހިތްވަރުފުޅުންނެވެ. ހިންމަތާއި މިންނަތުންނެވެ. ކާމިޔާބަކީ ހިންމަތާއި މިންނަތް ކުރާ ބައެއްގެ ޙައްޤެކެވެ. މި އުންމަތަކީ ހިންމަތާއި މިންނަތުގެ އުންމަތެވެ.

މިއަދު އޮންލައިން