ނަފްސާނީ ކުރިއަށްލައިގެން ކޮންމެ ނަމެއް ކީނަމަވެސް ނަފްސްތައް އުފެއްދެވި ނަފްސްތަކުގެ މިލްކުވެރި ﷲ ގެ ބަސްފުޅަށް ދެކޮޅުހަދާނަމަ އެމީހަކު އެހެރީ ރަނގަޅަށް ނަފްސާނީވެފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ނަފްސާނީ ކުރިއަށްލައިގެން ކޮންމެ ނަމެއް ކީނަމަވެސް ނަފްސްތައް އުފެއްދެވި ނަފްސްތަކުގެ މިލްކުވެރި ﷲ ގެ ބަސްފުޅަށް ދެކޮޅުހަދާނަމަ އެމީހަކު އެހެރީ ރަނގަޅަށް ނަފްސާނީވެފަ!

މިހާރަކަށް އައިސް މީހަކަށް، ޚާއްޞަކޮށް އަނހެނަކަށް ކިރިޔާ ކަމެއް ދިމާވިނަމަވެސް ގޭގައި ނުއިނދެ ބޭރުތެރެއަށް ނުކުމެ ހިލޭ ފިރިހެނުންނާއި މަސްހުނިވާން ބުނާ މީހުން އަންނަނީ ގިނަވަމުންނެވެ. ނަފްސާނީ ކުރިއަށްލައިގެން ނަންކީ ނަމަވެސް ނަފްސްތައް އުފެއްދެވީ ﷲ ތަޢާލާއެވެ. ނަފްސްތަކަށް އެންމެ ފައިދާހުރި ގޮތް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.  

އެޕްލްފޯނަށް މައްސަލައެއް ޖެހުމުން ރަނގަޅުކުރަން އެންމެ މޮޅަށް އެނގޭނީ ފޯނު އުފެއްދި ކުންފުންޏަށްކަން ޤަބޫލުކުރާ މީހުން އިންސާނާއަށް މައްސަލައެއް ޖެހުމުން އެކަމުގެ ޙައްލު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އިންސާނާ އުފެއްދެވި ﷲ ތަޢާލާކަމަށް ޤަބޫނުކުރީމާ އެމީހުން އެދައްކާ ވާހަކައިގައި އޮތީ ކޮން ބުރަދަނެއްހެއްޔެވެ؟   

އަންހެން ބޭކަނބަލުންނަށް ދަންނަވާލަން އޮތީ ފިކުރުބޮޑުވެ ހާސްވާ ވަޤުތުތަކުގައި ބޭރަށް ގޮސް ގިނަ މީހުންނާއިއެކު އުޅުމަކީ ހިތްހަމަޖެހުން ލިބޭނެ ކަމެއް ކަމަށް ޤަބޫލުނުކުރާށެވެ. މިހެން މިބުނަނީ މުނާފިޤުން މިއުންމަތުގެ މައިކަމަނާ ޢައިޝަތުގެފާނުގެ އިސްތަށިފުޅުގައި އެޅުވި ދޮގުއިލްޒާމަށްވުރެ ނުބައި އިލްޒާމެއް އެއްވެސް އަންހެނެއްގެ ބޮލުގައެއް ނުއެޅުވޭނެއެވެ. އެއަށްވުރެ ބޮޑުބަދުނާމެއްވެސް ނުއެޅުވޭނެއެވެ. އެކަންކަމާއި އެކަމަނާ ކަންބޮޑުވެވޑައިގެންނެވި މިންވަރާއި ގާތަކަށްވެސް އަހަރެމެން އެކަކަށްވެސް ކަންބޮޑެއް ނުވެވޭނެއެވެ.  

އެކަމަނާ ފުރަތަމަވެސް ބޭނުންފުޅުވެވަޑައިގެންނެވީ ބައްޕާފުޅާއި މަންމާފުޅުގެ އަރިއަހަށް ގަނޑުވަރަށް ވަޑައިގަތުމަށެވެ. އެކަމަނާ އާއިމެދު ފެތުރީ ދޮގު ވާހަކަތަކެއްކަން ﷲ ތަޢާލާ ވަޙީކުރައްވަވައި އެދޮގު އިލްޒާމުން ބަރީޢަވެވަޑައިގަންނަވަންދެން އިންނެވީ ގަނޑުވަރުކޮޅުގައެވެ. އަޅުކަންކުރެއްވެވުމާއި ދުޢާކުރެއްވެވުންމަތީގައެވެ. އެމަނާއަށްޓަކައި މައިންބަފައިންވެސް ގެންދެވީ ދުޢާކުރައްވަމުންނެވެ.  

ވީމާ ކަމެއްދިމާވާއިރަށް އުފާވެރިކަން ލިބޭނީ ގެއިން ބޭރަށް ނުކުމެ ގިނަ ބައަކާއިއެކުގައި އުޅުމުން ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނޫންކަން އެއޮތީ ވަރަށް ރަނގަޅަށް ފެނި ސާބިތުވާށެވެ. ބޭނުންވަނީ ﷲ ތަޢާލާއާއި ކުއްތަންވާން މަސައްކަތްކުރުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ. ދުޢާކުރުމެވެ.  

މިނޫން ގޮތްގޮތަށް ދައްކާވާހަކަތައް ޤަބޫލުނުކުރާށެވެ. އެމީހުން އެފަދަ ވާހަކަތައް އެދައްކަނީ ވަޤުތުގެ ބޭނުންހިފައި ތިބާ އާއި ﷲ ތަޢާލާ އާއި ދުރުކުރުވުމުގެ ނިޔަތުގައެވެ. ޝައިޠޯނުންގެ މަގަށް ތިބާވެސް ލަންބަވައިލުމަށްޓަކައެވެ. އެފަދަ ޝައިޠޯނުންގެ މަޅީގައި ނުޖެހޭށެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން ދެއްވަވާނީ ﷲ ތަޢާލާއެވެ. ވީމާ އެކަލާނގެ ރުހިވޮޑިނުގަންނަވާ މަގުން ހިނގުމަކުން ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތެވެ. ފައިދާކުރާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމުންނެވެ.  

ނަފްސާނީ ކުރިއަށްލައިގެން ޢިލްމުވެރިން، ޑޮކްޓަރުން ފަދަ ކޮންމެ ނަމެއް ކީނަމަވެސް ނަފްސްތައް އުފެއްދެވި ނަފްސްތަކުގެ މިލްކުވެރި ﷲ ތަޢާލާގެ ބަސްފުޅަށް ދެކޮޅުހަދާނަމަ އެމީހަކު އެހެރީ ރަނގަޅަށް ނަފްސާނީވެފައެވެ. އެމީހުން ދައްކާ ވާހަކަ ޤަބޫލުކޮށްގެން ކުރާނެ ފައިދާއެއް ނެތެވެ. ލިބޭނީ ގެއްލުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން