ޢާއިޝަތު ރަފާޙް ޢަލީ
ސުވަރުގެއަކީ ﷲ ތަޢާލާ އަޅުގަނޑުމެން އިންސާނުންގެ ތެރެއިން އެކަލާނގެއަށް ކިޔަމަންތެރިވާ އަޅުންނަށް ތައްޔާރުކޮށް ދެއްވާފައިވާ ތަނެކެވެ. އެއީ އެއްވެސް އިންސާނަކު ދުވަހަކުވެސް ލޮލަކަށް ފެނިފައިނުވާ، ކަންފަތަކަށް އިވިފައިނުވާ އަދި ހިތަކަށްވެސް ނުގެނެވޭފަދަ ފުރިހަމަ ގޮތަކަށް ތައްޔާރު ކުރައްވާފައިވާ ތަނެކެވެ. އަދި އެތަނަށް ވަންނަ މީހަކަށް އަބަދުވެސް އުފަލާއި ހިތްހަމަޖެހުން ލިބިގެން ދާނެއެވެ.
ﷲ ތަޢާލާ ޣާފިރް ސޫރަތުގެ 40 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
﴿مَنْ عَمِلَ سَيِّئَةً فَلَا يُجْزَىٰ إِلَّا مِثْلَهَا ۖ وَمَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ﴾ [سورة غافر ٤٠]
މާނައީ: ” ނުބައިކަމެއް ކޮށްފިމީހަކަށް، ފަހެ، އެ ނުބައިކަމާ އެއްފަދަ ޖަޒާއެއް މެނުވީ ނުލިބޭނެތެވެ. އަދި ފިރިހެނުންކުރެ ނުވަތަ އަންހެނުންކުރެންވިޔަސް، އީމާން ވެގެންހުރެ ޞާލިޙު ޢަމަލު ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެން ސުވަރުގެޔަށް ވަންނާނެތެވެ. އެތާނގައި ޙިސާބެއް ނެތި އެއުރެންނަށް ރިޒުޤު ލިބޭނެތެވެ."
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
عَنْ ابْنِ عَبَّاسٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: (( يَدْخُلُ الْجَنَّةَ مِنْ أُمَّتِي سَبْعُونَ أَلْفًا بِغَيْرِ حِسَابٍ، هُمْ الَّذِينَ لَا يَسْتَرْقُونَ وَلَا يَتَطَيَّرُونَ ولَاَ يكْتَوُونَ وَعَلَى رَبِّهِمْ يَتَوَكَّلُونَ))
މާނައީ: އިބްނު ޢައްބާސް رضي الله عنهما ރިވާކުރެއްވިއެވެ. ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه و سلمޙަދީޘްކުރެއްވިއެވެ. “ތިމަން ކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ހަތްދިހަހާސް މީހުން ޙިސާބުބެއްލެވުމަކާނުލާ ސުވަރުގެއަށް ވަންނާނެއެވެ. އެއީ ރުޤުޔާކޮށްދިނުމަށް ނޭދޭ މީހުންނެވެ. އަދި އެއްޗެހި ސުންޕާކަމަށް ޤަބޫލުނުކުރާ މީހުންނެވެ. އަދި ކަވާ ނުޖަހާ (އެބަހީ: ދޮންދަގަނޑުން ފަރުވާ ނުކުރާ) މީހުންނެވެ.އަދި އެބައިމީހުންގެ ރައްބަށް ވަކީލުކުރާ މީހުންނެވެ.
އަދި މި ޙަދީޘްފުޅުގައިވެސް ﷲ ތަޢާލާއަށް ވަކީލުކުރާ މީހުންގެ ވާހަކަ ބަޔާންވެގެން އައިސްފައިވެއެވެ. ހުރިހާ ޙާލަތެއްގައިވެސް ﷲ ތަޢާލާއަށް ވަކީލުކުރަން ޖެހެއެވެ. އަދި ސުވަރުގެ ވަނުމަށް އެދި އަބަދުވެސް ދުޢާ ކުރަން ޖެހެއެވެ.
ﷲ ތަޢާލާ ނަޙްލު ސޫރަތުގެ 97 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
﴿مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ﴾
މާނައީ: "މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮ ގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ."