އުންމު ނަވާރު
2023 ވަނަ އަހަރު ނޮވެމްބަރ މަހު އަޅުގަނޑު ދައްތައަށް ކެންސަރ ޖެހުނު ހަބަރަކީ މުޅި އާއިލާއަށް ސިހުން ގެނުވި ހަބަރެކެވެ. ގާތް ގަނޑަކަށް 7 މަސް ދުވަހު ދައްތައަށް ފަރުވާ ކުރަން އިންޑިއާގައި މަޑުކުރުމަށްފަހު އަޅުގަނޑު ރާއްޖެއައީ މިއަހަރު މޭ މަހުގެ ކުރީކޮޅުއެވެ. އެތައް ވޭނާއި ހިތްދަތިކަމާއި ޙަރަދުބަރަދުގެ ދަތިތަކަށްފަހު ފަރުވާ ނިމި އަމިއްލަ ވަޒަނަށް އާދެވުމުން އަޅުގަނޑާއި އާއިލާ އެންމެން ތިބީ ވަރަށް އުފަލުންނެވެ.
ނަމަވެސް އުފާވެރިކަށް ދެމިގެންދިޔައީ މަދު ދުވަސް ކޮޅަކަށެވެ. ސްޓްރޯކް ޖެހިގެން މާލެއަށް ގެނެވުނު އަޅުގަނޑު ބައްޕައަށް ކެންސަރު ޖެހިފަ ހުރި ހަބަރު ލިބުނީއެވެ. ކެންސަރު ބައްޔަށް އަޅުގަނޑުގެ އާއިލާއިން 2 މީހުން ފައްސިވީ ގާތްގަނޑަކަށް އަހަރެއްހައި ދުވަސް ތެރޭގައެވެ. މި އަހަރެއްހައި ދުވަސް ތެރޭގައި އަޅުގަނޑުގެ ރަށުންވެސް އެތައް މީހަކަށަށް ކެންސަރުވަނީ ޖެހިފައެވެ. ކެންސަރު ބަލި މިވަނީ އަޅުގަނޑުމެން ދިވެހި މުޖުތަމައުގެ ތެރޭގައި ވަރަށް އާންމު ބައްޔަކަށް މިހާރުވެފައެވެ.
ކެންސަރު ބަލިން ރައްކާތެރިވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅި އަދި ކެއުމުގައި އާންމުކޮށް ބޭނުންކުރާ ތަކެތި ވަރަށް މުހިއްމު ރޯލެއް އަދާކުރާކަމަށް ސިއްހީ ތަޖުރިބާކާރުން ތަކުރާރުކޮށްދަނީ ކިޔާދެމުންނެވެ. ހަދާންކޮށްދެމުނެވެ. ނަމަވެސް ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށްޓަކާ އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެންނަށް ގިނަފަހަރު ނޭޅެއެވެ. ކެންސަރު ބަލީގެ ފަރުވާގައި ހޭދަވާ މުއްދަތުގައި ބަލި މީހާގައިގާ އަޅާ ވޭން އަޅުގަނޑަށްވަނީ ވަރަށް ކައިރިން ފެނިފައެވެ. ކެންސަރުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން ހަދާންކޮށްލަދިނުމަށަޓަކައި ކުރުގޮތަކަށް ބުނެލެދެވޭތޯ މަސައްކަތް ކޮށްލާނަމެވެ.
1. ދުންފަތުގެ އިސްތިއުމާލު ނުކުރުން:
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ފުއްޕާމޭ، އަނގަ، ކަރު، އަޑު ފޮށި، ޕެންކްރިއަސް، ބްލެޑާ، ސާވިކްސް އަދި ކިޑްނީގެ ކެންސަރު ފަދަ އެތައް ބާވަތެއްގެ ކެންސަރާ ގުޅިފައިވާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއް ކައިރީ އުޅުމަކީވެސް ލަންގް ކެންސަރ ޖެހުމުގެ ފުރުސަތު އެތައް ގުނައަކަށް އިތުރުވެގެންދާ ކަމެކެވެ.
ދުންފަތުގެ އިސްތިއުމާލު ކުރަން ދެވެހިފާފަ ހުންނަ މީހުންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެއެވެ. އުނދަގޫ ކޮންމެ ކަމަކީ ނުވާނެ ކަމެއް ނޫނެވެ. ދުންފަތާއި ދުރުވުމަށްޓަކައި ސިއްހީ ފަރާތެއްގެ އެހީ ހޯދިދާނެއެވެ.
2. މޭވާއާއި ތަރުކާރީ ކެއުން:
ކެއުމުގައި ގަވައިދުން މޭވާއާއި ތަރުކާރީ ހިމަނާލުމަކީ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ ކަމަކަށް ވެދާނެއެވެ. އަޅުގަނޑުމެންނަކީ ތަރުކާރީއާއި މޭވާއަށް ބޭރުގެ ގައުމުތަކަށް ބަރޯސާވާން ޖެހިފައިވާ ބަޔަކަށްވާތީ އަޅުގަނޑުމެންނަށް މޭވާއާއި ތަރުކާރީ ގަންނަށް ލިބެނީ ތަންކޮޅެއް އަގު ބޮޑު ކޮށްނެވެ. މިސަބަބަށްޓަކައި ގިނަ ބަޔަކަށް ގަވައިދުން މޭވާއާއި ތަރުކާރީ ކެއުމުގައި ހިމާނާ ނުލެވެއެވެ. ފާސްޓް ފޫޑްއާއި ބޭކާރު ކަންކަމަށް ކުރާ ޚަރަދު ކުޑަކުރުމަށްފަހު ކޮންމެ ދުވަހަކުވެސް ކޮންމެވެސް ކަހަލަ މޭވާއަކާއި ތަރުކާރީއެއް ކެއުމުގައި ހިމަނާލެވޭތޯ މަސައްކަތް ކޮށްލަން ވާނެއެވެ.
އެންމެ ރަނގަޅު ގޮތަކީ ރަށްރަށުގައި ގޯތި ތެރޭގައާއި ދަނޑުތަކުގައި ހެއްދޭ ކަހަލަ މޭވާއާއި ތަރުކާރީ ހައްދައިގެން ބޭނުން ކުރުމެވެ. ތަފާތު އެތައް ވައްތަރުގެ ވިހަ ބޭސްތައް ބޭނުން ނުކޮށް އޯގަނިކް އެއްޗެއްހި ހެއްދުމެވެ. ބޭރުން ގެންނަ މޭވާއާއި ތަރުކާރީ އަޅުގަނޑުމެންނާއި ހިސާބަށް އަންނައިރު ތާޒާކޮށް ބެހެއްޓުމަށްޓަކައި ބައެއް ކަހަލަ ބާވައްތައް ބޭނުންކޮށްފައި ހުރެދާނެއެވެ.
ފިހާރަތަކުން ގަންނަ މޭވާއާއި ތަރުކާރީ ބޭނުން ކުރުމުގެ ކުރިން ރަނގަޅަށް ދޮވެގެން ބޭނުންކުރުން އާދަކުރާށެވެ.
3. ޕްރޮސެސްކޮށްފައިވާ މަސް ކެއުން މަދު ކުރުން
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކެންސަރު އެޖެންސީ، އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އޮން ކެންސަރުގެ ރިޕޯޓަކުން އެނގޭ ގޮތުގައި ޕްރޮސެސްކޮށްފައި ހުންނަ މަސް ކެއުމަކީ ބައެއް ބާވަތްތަކުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކޮންމެވެސް މިންވަރަކަށް އިތުރުކޮށްދޭ ކަމެކެވެ. އަޅުގަނޑުމެން މުޖުތައުގައިވެސް ޕްރޮސެސްކޮށްފައިވާ މަސް ވަރަށް ގިނައިން ބޭނުންކުރެވޭކަން ފާހަގަ ކުރެވެއެވެ. ހާއްސަކޮށް ކުޑަކުދިންނަށް ދެވެއެވެ. އޭގެ ތެރޭގައި ޗިކަން ނަގެޓްސް އަދި ސޮސެޖް ފާހަގަ ކޮށްލެވެއެވެ. ދަރިންނަށް މިފަދަ އެއްޗެހި ދިނުމުގެ ބަދަލުގައި ކޮންމެވެސް ކަހަލަ މޭވާއެއް ދެވޭތޯ މަސައްކަތް ކުރަށް ވާނެއެވެ.
4. ހެލެފެލިވެ އުޅުމާއި ދުޅަހެޔޮ ސިއްހަތެއްގައި ބަރުދަށް ހިފަހެއްޓުން:
ދުޅަހެޔޮ ސިއްހަތެއްގައި ބަރުދަށް ހުރުމަކީ ބައެއް ބާވަތްތަކުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ. އޭގެ ތެރޭގައި އުރަމަތީ، ޕްރޮސްޓޭޓް، ފުއްޕާމޭ، ކޮލޯން އަދި ކިޑްނީގެ ކެންސަރު ހިމެނެއެވެ. ހެލެފެލިވެ އުޅުމަކީ އުރަމަތީ އަދި ކޮލޯން ކެންސަރ ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެއްގެ ގޮތުގައިވަނީ ފާހަގަކުރެވިފައެވެ.
ބިޒީ ޝެޑިއުލެއްގައި އުޅެމުންވެސް ދުވަހުގެ ކޮންމެވެސް އެއް ވަގުތަކު ކަސްރަތު ކޮށްލުމަކީ ވަރަށް މުހިއްމު ކަމެކެވެ.
5. އަވީގައި ގިނަވަގުތު ނޫޅުން
ހަމަށްޖެހޭ ކެންސަރުވެސް ކޮންމެވެސް ވަރަކަށް އަޅުގަނޑުމެން ތެރެއިންދަނީ ފެންނަމުންނެވެ. ހަމަށްޖެހޭ ކެންސަރުން ރައްކާތެރިވުމުގެ ގޮތުން އެންމެ އަވިގަދަ ގަޑީގައި ކޮންމެހެން ގެއިން ނިކުންނަށް ޖެހިގެންނޫނީ ނުނިކުންނާށެވެ. އަދި ގެއިން ބޭރަށް ނިކުއްނަށް ޖެހިއްޖެ ހާލަތެއްގައި ސަންސްކްރީން ކްރީމް ބޭނުންކުރަށް އާދަކުރާށެވެ. ވީހާވެސް ބޮޑަށް ހަންގަނޑު ފޮރުވޭހެން ހުންނަ ހެދުން ލުމަށް ސަމާލުކަށްދޭށެވެ.
6. ކެންސަރު ސްކްރީން ކުރުން:
ގަވާއިދުން ސެލްފް އެގްޒެމިނޭޝަން ހެދުމާއި ހަންގަނޑާއި ކޮލޯން، ސާވިކްސް އަދި އުރަމަތީގެ ކެންސަރު ފަދަ ކެންސަރުތަކަށް ސްކްރީން ކުރުމަކީ ކެންސަރު ޖެހިފައިވާނަމަ ކެންސަރު އަވަހަށް ދެނެގަނެވިދާނެފަދަ ކަންކަމެވެ. ކެންސަރު ހުރިކަން ދެނެގަނެވި އަވަހަށް ފަރުވާ ފެށެޖިއްނަމަ ފަރުވާ ކާމިޔާބުވުމުގެ ފުރުސަތު ބޮޑެވެ. އާއިލާ ތެރެއިން މީހަކަށް ކެންސަރު ޖެހިފައިވާނަމަ، އާއިލާގެ އެހެން މީހުންވެސް ކެންސަރަށް ޓިއުމަރ މާރކްސް ޓެސްޓްތައް ހެދުން މުހިއްމެވެ. ބައެއް ކަހަލަ ކެންސަރަކީ ޖެނެޓިކްސްއާއިވެސް ގުޅިފައިވާ ކަންކަމެވެ.
ހެދުނާ ހަވީރުގެ ޒިކުރުތައް ކިޔުމާއި އެންމެހާ ބަލިތަކުން ރައްކާތެރި ކޮށްދެއްވުމަށްއެދި އަބަދުވެސް ﷲ ސުބުހާނަހޫ ހަޟްރަތަށް ދުއާ ދަންނަވަން ވާނެއެވެ.
ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެހެން ލިޔުމަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫންކަމުގައި ދަންނަވަމެވެ.
މަސްދަރު
Mayo Clinic, Cancer Prevention 7 tips to reduce your cancer